އަލަށް ޙައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުނަށް އިސްކަންދޭ އުސޫލަށް އަމަލުކުރަން ފަށައިފި

ޚަބަރު ފަހުގެ

ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެއްގޮތަށް ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު އިސްލާހުކޮށްފިއެވެ.

ސަރުކާރުން މި އުސޫލު އިސްލާހުކޮށްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ޙައްޖުގެ ކޯޓާއާ މެދު ޢަމަލުކުރާނެ ގޮތާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ޙައްޖުގެ ޚިދުމަތްދޭ ފަރާތުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައިވާގޮތުން ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭނ،ީ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ ދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަމަށެވެ. އަދި ޙައްޖަށް ދާން އެދޭ މީހުން ރަޖިސްޓަރީވުމުގެ އިޖުރާއަތުތައް ކަނޑައަޅައި، ޙައްޖަށް ދާން އެދޭ ފަރާތްތަކުން ފައިސާ ދެއްކުމުގެ ކުރިން ކުންފުންޏާއި ޙައްޖުވެރިޔާއާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭނެއެވެ.

މި އުސޫލަކީ ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށްޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އުސޫލެކެވެ. އަދި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީވެސް މި އުސޫލުގެ މަގުޞަދެކެވެ.

ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުޞަތޭ ސިޔާސަތަށް ގެނެވުނު ބަދަލުގެ ދަށުން އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމަށް އުސޫލުގައި ވަނީ ނިންމާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ޖެހޭނެއެވެ.

ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ، ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ މީހަކަށް ކަމަށް އުސޫލުގައިވެއެވެ. އަދި އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައެވެ.

ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުން ކަމަށްވެސް އުޞޫލުގައިވަނީ ބަޔާންކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު