ކުޅުދުއްފުށި ސިޓީގައި ފަށާފައި، މަސައްކަތް ކުރިއަށް ނުގޮސް އޮތް 400 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންގޮސް އިތުރު 2،000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ.
ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ސިޓީގައި ކުރިއަށް ނުގޮސް މަޑުޖެހިފައިވާ 400 ހައުސިން ޔުނިޓުގެ އިތުރަށް 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިރޭ އެޗްޑީސީއާ ހަވާލުކުރި ކަމަށެވެ.
އެ 2،000 ހައުސިން ޔުނިޓުގެ ތެރެއިން 700 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި އޭގެން ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެކެވެ.
“އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންނަށް އެގޮތަށް 700 ޔުނިޓު އެޅުމުގެ މަސައްކަތް ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން، އެޗްޑީސީއާ ގުޅިގެން އައިޑެންޓިފައިކޮށް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށައިދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެކަމަކަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެގޮތަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމުން ވަރަށް ގިނަ މީހުންނަށް ފައިދާވާނެ ކަމަށާއި ބެންކުން ލޯނު ނަގައިގެން ގެ ހަދަން އުޅެ އެކަން ނުކުރެވި ތިބި މީހުންނަށް އެއީ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“މިއީ ސޯޝަލް ހައުސިން ކެޓަގަރީގައި ހިންގޭ މަޝްރުއަކަށް ވާތީ ކޮންމެ މަހަކު އަނބުރާ ދައްކަން ޖެހެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަށް ވެސް އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ކުރިން އެޅިފައި މުޅި ރާއްޖޭގެ ކަންކޮޅުކުގައި ހުރި ހައުސިން ޔުނިޓުތަކުގެ އަގުވެސް އޮންނާނީ ކުޑަކޮށްދީފައި. އެ ނިސްބަތުން މި ޔުނިޓްތައް ވެސް ލިބޭނީ. މަހުން މަހަށް ދައްކަންޖެހޭ އަގު ވަރަށް އެފޯޑަބަލްވާނެ،” ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު 1،300 ހައުސިން ޔުނިޓް (ފްލެޓް) ލޭންޑްޔޫސް ޕްލޭންގެ ދަށުން އަޅަން ނިންމާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.


