ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހު ހުއްދަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މަސްވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަކީ ކުރީ ޒަމާނުގައި ވެސް ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި ވަރަށް ބޮޑު އާމްދަނީއެއް އެކަމުން ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ގަވައިދުތަކަށް ގެނެވުނު ބަދަލުތަކާއި އަދި އެހެނިހެން ކަންކަމާހެދި މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ރައިސް ވިދާޅުވީ އަންނަ ނޮވެމްބަރުގައި އެކަމުގެ ހުއްދަ ދޭނެ ކަމަށެވެ.
“އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީއާ އެންވަޔަރަމެންޓް މިނިސްޓްރީއާ އަދި ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. މި މެނޭޖްމަންޓު ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފުރުސަތު ހުޅުވާލުމާއެކު އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތައް ލިބި އެކަމުން އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ހުޅުވާލެވޭ މުހިންމު ދޮރުގެ ބޭނުން ހިފައި އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރީތައް ފެށުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރުއެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖެއަކީ ވެސް މިޔަރު އުރަހަ އެކްސްޕޯޓް ކުރަމުން ގެންދިޔަ ގައުމެކެވެ.


