ސޯމާލިލޭންޑަކީ ދައުލަތެއް ކަމަށް ބަލައިގަނެ، އިސްރާއީލުން އުޅެނީ ޣައްޒާގެ ރައްޔިތުން ގަދަކަމުން ރަށުން ބޭރުކޮށް ސޯމާލިލޭންޑްގައި ވަޒަންވެރިކޮށް އަދި އެ ހިސާބުގެ ކަނޑުގެ ސަރަހައްދަށް ވެރިވެވަގަތުމަށް ކަމަށް ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަހަމޫދު ވިދާޅުވެއްޖެއެވެ.
ސޯމާލިއާގެ ރައީސް ވިދާޅުވީ، ސޯމާލިލޭންޑަކީ ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަތީ ހީލަތްތެރި އަދި ނުބައި ނިޔަތެއްގައި ކަމަށެވެ.
ސޯމާލިލޭންޑަކީ ދައުލަތެއް ކަމަށް އިސްރާއީލުން ބަލައިގަތުމުގައި، އިސްރާއީލާއި ސޯމާލިލޭންޑާ ދެމެދު މައިގަނޑު ތިން ކަމަކަށް އެއްބަސްވެފައިވާކަން ޖާސޫސީ މައުލޫމާތުތަކުން އެނގިފައިވާ ކަމަށް، ސޯމާލިއާގެ ރައީސް ވިދާޅުވިއެވެ.
އެއްކަމެއްގެ ގޮތުގައި ރައީސް މަހަމޫދު ފާހަގަ ކުރެއްވީ، ޣައްޒާގެ ރައްޔިތުން ގަދަކަމުން ރަށުން ބޭރުކޮށް ސޯމާލިލޭންޑްގައި ވަޒަންވެރި ކުރުން ކަމަށެވެ.
ދެވަނަ ކަމެއްގެގޮތުގައި ފާހަގަ ކުރެއްވީ، އަދަން ކަނޑުގެ އައްސޭރިފަށުގައި އިސްރާއީލުގެ އަސްކަރީ ބޭސްއެއް ގާއިމްކުރުން ކަމަށެވެ.
ތިންވަނަ ކަމަކަށް ވިދާޅުވީ، ޓްރަމްޕްގެ އަބްރަހަމް އެކޯޑްސްގައި ސޯމާލިލޭންޑް ބައިވެރިވެ އަދި އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމެވެ.
މިތިން ކަމަށްވެސް ސޯމާލިލޭންޑުން އެއްބަސްވެފައިވާ ކަމަށް، ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަހަމޫދު ވިދާޅުވެފައި ވެއެވެ.
މިކަންކަން ކުރިއަށް ގެންގޮސްފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމުގެ އިންޒާރުވެސް ސޯމާލިއާގެ ރައީސް ދެއްވާފައި ވެއެވެ.
ތުރުކީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ސޯމާލިއާގެ ރައީސް ހަސަން ޝައިޚް މަހަމޫދުވަނީ، އިސްރާއީލުން ސޯމާލިއާގެ ބިމުގެ ބައެއް، އެއީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ. ސޯމާލިއާގެ ރައީސް ވިދާޅުވީ، އިސްރާއީލުގެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް، ޣައިރުގާނޫނީ ނިންމުމެއް ކަމަށެވެ.
ސޯމާލިލޭންޑަކީ މިނިވަން ގައުމެއް ކަމަށް ބަލައިގަތުމަށް ނަތަންޔާހޫ ނިންމުމުން ދުނިޔެއިންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ސޯމާލިލޭންޑަކީ 1960 ވަނަ އަހަރުން ފެށިގެން ގުޅިފައިވާ ސޯމާލި ރިޕަބްލިކްގައި ހިމެނޭ ސަރަހައްދެކެވެ.
ސޯމާލިއާގެ ކިބައިން ވަކިވެގަނެ ސޯމާލިލޭންޑުން ވަކި ވެރިކަމެއް އިއުލާން ކުރީ 1991 ވަނަ އަހަރުއެވެ.
އެހެން ނަމަވެސް، މިހާތަނާ ޖެހެންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ސޯމާލިލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކޮށްފައެއް ނުވެއެވެ.



