ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ހާއްސަ ޓާސްކުފޯހެއް އެކުލަވައިލަން ނިންމައިފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރޭ ހާމަކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު މިކަން ހާމަކުރައްވާފައިވަނީ ގަޟާއީ އަހަރު 2026 އިފްތިތާހު ކުރުމާށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިހުރި 13،032 މައްސަލައެއް އެބަހުރި ކަމަށާއި، މި ބެކްލޮގު ނައްތާލުމަށް ޓަކައި ހާއްސަ ޓާސްކުފޯހެއް މިއަންނަ އަންގާރަ ދުވަހު އެކުލަވާލާނެ ކަމަށެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު އަލަށް ހުށަހެޅޭނެ ކަމަށް ބެލެވޭ 21،000 އަށް ވުރެ ގިނަ މައްސަލައަށް ހުރަސް ނޭޅި، ބެކްލޮގް ނައްތާލުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، ރާބައްޓަން ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ބެކްލޮގުން ސަލާމަތްވެފައިވާ ޒިންމާދާރު ދާއިރާާއެއްކަމުގައި ހަދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންސާފު ނުލިބި ލަސްވާލަސްވުން ނިމުމަކަށް އަންނާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ހަތް ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ހަވާލުކޮށްފައި ވެއެވެ. މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، އުއްތަމަ ފަނޑިޔާރު، އަބްދުލްޣަނީ މުހައްމަދު އެވެ.


