ފަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރިންވެސް ބޭރުކޮށް ފައްސާނަގާލުމަށް އިސްތިއުމާރީ އިސްރާއީލުން މަސައްކަތް ފަށައިފިއެވެ.
އިސްތިއުމާރީ އިސްރާއީލުގައި މިހާރު ވެރިކަމުގައި އޮތް ސަރުކާރަކީ ޒަޔަނިސްޓު ފިކުރުމުގެ ހަރުކަށި ވެރިންގެ ސަރުކާރެކެވެ. އެއީ، ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަނެ ފަލަސްތީނު ރައްޔިތުން ގަދަކަމުން އެމީހުންގެ ރަށުން ބޭރުކޮށް ފަލަސްތީނު ހުރިހާ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުންގެ ސަރުކާރެކެވެ.
ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ރަށެކެވެ.
އަދި އޭގެފަހުން ހުޅަނގު އައްސޭރީގެ އެކި ބިންތަކަށް ވެރިވަމުން ގޮސްފައި ވެއެވެ. ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ހަދައި ދުނިޔޭގެ އެކި ހިސާބުތަކުން ޔަހޫދީން ގެންގޮސް ވަޒަންވެރި ކުރަމުން ގޮސްފައި ވެއެވެ. މިހާރުވެސް ގެންދަނީ ހުޅަނގު އައްސޭރީގެ އެތައް ބިމަކަށް ވެރިވެގަނެ ޔަހޫދީ އާބާދީތައް ހަދަމުންނެވެ.
ނަމަވެސް، ހަނގުރާމައިގެފަހުން އިސްރާއީލުން ހިފި އެއްވެސް ބިމަކީ އިސްރާއީލުގެ ބިންތަކެއްގެގޮތުގައި ދުނިޔެ ބަލައެއް ނުގަނެއެވެ. އދވެސް ބަލައެއް ނުގަނެއެވެ. އދގެ ގަރާރުތަކާއ ދުނިޔޭގެ ގާނޫނުތައް ބަލައިގަންނަނީ އިސްރާއީލު އުފެއްދުމަށް އދގެ ސަލާމަތީ މަޖިލީހުން ކަނޑައެޅި ގަރާރުގައި ކަނޑައަޅާފައިވާ ބިމުގެ ސަރަހައްދެވެ.
އެކަމަކު، ދުނިޔެއާ ދެކޮޅަށް އިސްރާއީލުން މިހާތަނަށް ހުޅަނގު އައްސޭރީގައި ހަތްލައްކައަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކޮށްފައި ވެއެވެ. އަދި ޔަޙޫދީ އާބާދީތައް ހަދާ ހުރިހާ ބިންތަކަކީ އިސްރާއީލުގެ ބިމުގެ ބައެއްގެގޮތުގައި ގާނޫނީގޮތުން ކަނޑައަޅައެވެ.
ހުޅަނގު އައްސޭރީގެ ރަށްތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 3.3 މިލިއަން މީހުން ދިރިއުޅެމުން ގެންދެއެވެ.
2023 ވަނަ އަހަރު އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ ފަހުން އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ނަސްލުނައްތާލުގެ ޖަރީމާތައް ފަށައި، އެ ޖަރީމާތައް ހުޅަނގު އައްސޭރިއަށްވެސް ފުޅާކޮށްފައި ވެއެވެ.
މުޅި ހުޅަނގު އައްސޭރި ރެއިޑްކޮށް، އަދި ވައިގެ ހަމަލާތައްދީ އެތައް އަވަށަކާއި ގެއެއް ސުންނާފަތި ކޮށްލާފައި ވާއިރު، އެތައްހާސް ކުޑަކުދީންނާއި، އަންހެނުންނާއި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް ޒުވާނުން އަނިޔާވެރި ގޮތެއްގައި ހައްޔަރު ކޮށްގެން ގެންގޮސްފައި ވެއެވެ.
ހުޅަނގު އައްސޭރީގެ އެތައް ރަށަކަށް އަރައިގަނެ ތަންތަން ހަލާކުކޮށް އެތައް ލައްކަ އާންމުން ގެދޮރުން ނެރެ މަގުމަތިކޮށް ރަށުންވެސް ބޭރުކޮށް ފައްސާލާފައި ވެއެވެ.
މި އުދުވާނުތަކާއި، ލާއިންސާނީ ޖަރީމާތައް ހިންގާތާ ދެއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހުޅަނގު އައްސޭރީގެ މައްޗަށް އޮންނަ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރަން އިސްތިއުމާރީ ސަރުކާރުން މިއަދު މިވަނީ ނިންމާފައެވެ.
މި ނިންމުމުގައި، ފަލަސްތީނު ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ އިތުރު ބިންތައް ފޭރިގަނެ ޣައިރުގާނޫނީ އިތުރު އާބާދީތައް ހެދުމާއި، އިސްތިއުމާރީ ސިފައިންގެ ކޮންޓްރޯލް އިތުރަށް ފުޅާކުރުމާއި، ޔަހޫދީ ވަޒަންވެރިންނަށް ބިންތައް ގެނެވޭ އުސޫލު ފަސޭހަކުރުން ހިމެނެއެވެ. އޭގެތެރޭގައި ފަލަސްތީނު ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އިންނަ ސަރަހައްދުތަކުންވެސް ޔަހޫދީ އާންމު ވަޒަންވެރިންނަށް ބިންތައް ގަނެވޭގޮތް ހަދާފައި ވެއެވެ.
ހުޅަނގު އައްސޭރީގެ އާންމުންގެ ގިނަ ބިންތައް ޔަހޫދީ ވަޒަންވެރިން މިހާރުވެސް ފޭރިގަންނަނީ ލިޔެކިއުންތައް ފޯޖްކޮށްގެންނެވެ.
އެހެންކަމުން، މިއީ، ހުޅަނގު އައްސޭރީގެ ރައްޔިތުން އެމީހުންގެ ގެދޮރާއި ރަށުންވެސް ބޭރުކޮށްލުމަށް ރާވާފައިވާ ޕްލޭނެއްކަން އެނގި ހާމަވެފައި ވެއެވެ. މި ނިންމުމުންތައް ނިންމުމުގެ އަޑީގައި ތިބީ ޒަޔަނިސްޓު ޓެރަރިސްޓު މިނިސްޓަރުން ކަމަށްވާ ސްމޮރިޗާއި، ބެން ގްވީރެވެ.
ހުޅަނގު އައްސޭރިއާ ވަކީން އޮންނަ ޣައްޒާގެ އާންމުން ޝަހީދުކޮށް ޣައްޒާގެ ބިމުގެ މައްޗަށް އަތްގަދަ ކުރަމުންދާ އިސްތިއުމާރީ ޓެތަރިސްޓުން މިހާރު ޕްލޭންކޮށްފައި މިވަނީ މުޅި ހުޅަނަގު އައްސޭރި އިސްރާއީލުގެ ބިމުގެ ބަޔަކަށް ހެދުމަށެވެ.
މިއީ، ފަލަސްތީނު ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި އެ ދައުލަތް ވުޖޫދުވިޔަ ނުދިނުމަށް ޒަޔަނިސްޓުން ރާވައިގެން ހިންގާ ޖަރީމާތަކެވެ. މިކަން ކުރުމަށް ޒަޔަނިސްޓުންނަށް ވާގިވެރިވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނެވެ.



