ދުނިޔޭގެ ގާނޫނުތައް “އޮޅާލައި”، ގައުމުތަކަށް އަރައިގަނެ ވެރިން ކިޑްނެޕް ކުރުމުގެ ސިޔާސަތު އަލުން ފެށުން

ޚަބަރު ފަހުގެ ދުނިޔެ

އެމެރިކާ ސިފައިން އިރާގަށް އަސްކަރީ ހަމަލާދީ އަދި އެއްގަމުމަގުން އިރާގަށް އަރައިގަނެ، އިރާގުގެ ރައީސް ސައްދާމް ހުސައިން ހައްޔަރު ކުރީ އިރާގުގައި ފަނާކުރުވަނިވި ނުރައްކާތެރި ހަތިޔާރު ހުރި ކަމަށް ބުނެއެވެ.

އެމެރިކާ ސިފައިން ސައްދާމް ހުސައިން ހިފައި ހައްޔަރު ކުރީ، އެމެރިކާއިން އިރާގު އިސްތިއުމާރު ކުރިތާ 9 މަސްފަހުން 13 ޑިސެމްބަރު 2003 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމަކު، އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރިފަދަ ނުރައްކާތެރި އެއްވެސް ހަތިޔާރެއް އިރާގުން ނުފެނުނެވެ. އެއީ، އިރާގުގެ ވެރިކަމުން ސައްދާމް ދުރުކުރަން ހިންގި ހީލަތްތެރި ޖަރީމާތަކެއްކަން ދުނިޔެ މިއަދު މިވަނީ ގަބޫލު ކޮށްފައެވެ.

އެމެރިކާ ސިފައިން ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ޕެނަމާއަށް 1989 ވަނަ އަހަރު އަރައިގަތީ، ޕެނަމާގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމަށާއި، ޑިމޮކްރަސީއާ ބީރަށްޓެރި އުސޫލުތަކާއި ކޮރަޕްޝަނާއި، ޣައިރުގާނޫނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ނަމުގައެވެ.

ޕެނަމާއަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ޕެނަމާގެ ލީޑަރު މެނުއެލް ނޮރިއޭގާގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރިއެވެ. އޭގެ އެއް ތުހުމަތަކީ، 1988 ވަނަ އަހަރު އެމެރިކާގެ މަޔާމީއަށް މަސްތުވާތަކެތި ސްމަގްލް ކުރި ކަމުގެ ތުހުމަތެކެވެ.

އެމެރިކާ ސިފައިން ޕެނަމާއަށް ހަމަލާދީ އެގައުމުގެ ލީޑަރު މެނުއެލް ނޮރިއޭގާ ހައްޔަރުކޮށްގެން ގެންދިޔައެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ މައްޗަށްވެސް އެމެރިކާއިން ތުހުމަތު ކުރަނީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތެވެ.

އެކަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން އެންމެ ފުރަތަމަ ހަމަލާދޭން ފެށީ ވެނެޒުއެލާއިން ކަނޑުމަގުން ފުރައިގެންދާ ބޯޓުތަކަށެވެ.

އޭގެފަހުން، ވަރުގަދަ ކަނޑުގެ ބިޔަ ލަޝްކަރެއް ކެރީބިއަން ކަނޑަށް ޖަމާކޮށް، އެއްގަމުމަގުންވެސް ވެނެޒުއެލާ ހުއްޓުވާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ކުރަމުން ގޮސްފައި ވެއެވެ.

އެންމެފަހުން، އެމެރިކާ ސިފައިން މިވަނީ، ޓްރަމްޕްގެ އަމުރަށް ވެނެޒުއެލާގެ ރަށްތަކަށް ވަރުގަދައަށް ބޮންއަޅައި، އަދި އެއްގަމުން ވެނެޒުއެލާއަށް އަރައި ރައީސް މަދޫރޯގެ ދެކަނބަލުން ހައްޔަރު ކޮށްގެން ގެންގޮސްފައެވެ.

އެމެރިކާގެ އެޓަނީ ޖެނެރަލް ބުނެފައިވަނީ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާއި، އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސްގެ މައްޗަށް ޝަރީއަތް ހިންގާނީ އެމެރިކާގެ ފަސްގަނޑުގައި ކަމަށެވެ.

މަދޫރޯގެ ދެކަނބަލުންގެ މައްޗަށް އެތައް ދައުވާއެއް އުފުލާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް ހަމަލާދީ، ރައީސްގެ ދެކަނބަލުން ހައްޔަރު ކޮށްގެން މިގެންދިޔައީ، ޑްރަގްގެ މައްސަލަތަކުގައި ނޫންކަން އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ ވެރިންގެ ވާހަކަތަކުން އެނގެއެވެ.

ޓްރަމްޕް ރުޅިއައި އެއްކަމަކީ، ވެނެޒުއެލާގެ ތެލުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނިތައް ވެނެޒުއެލާއިން ބޭރުކޮށްލުމެވެ. ވެނެޒުއެލާއަކީ ދުނިޔޭގެ އެންމެބޮޑު ތެލުގެ ރިޒާވް އޮގް ގައުމެވެ.

އެހެންވެ، އެންމެންވެސް ބުނަމުން ގެންދަނީ، އެމެރިކާއިން މަދޫރޯ މަގާމުން ދުރުކޮށް، ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމްކުރަން އުޅެނީ ވެނެޒުއެލާގެ ތެލުމައްޗަށް ބާރު ހިންގުމަށް ކަމަށެވެ. ތެލުގެ ބޭނުމުގައި ކަމަށެވެ.

އެމެރިކާ ސިފައިން މިވަނީ، ލެޓިން އެމެރިކާގެ ގައުމަކަށް ހަމަލާދީ، އެ ގައުމުގެ ވެރިމީހާ ޖަހައިގަނެގެން ގެންގޮސްފައެވެ. ސަރަހައްދުގެ ގައުމުތަކުން މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން ގެންދާއިރު، އެމެރިކާގެ މި އަމަލުގެ ސަބަބުން ކުރިން ސުލްހަވެރި ކަމުގައިއޮތް ލެޓިން އެމެރިކާ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެން ގޮސްފައިވާ ކަމަށް، ގައުމުތަކުން ގެންދަނީ ބުނަމުންނެވެ.

އެމެރިކާ ބޭނުންވާ ކަމެއް ކުރަންވީމާ، ދުނިޔޭގެ ގާނޫނަކަށް ބެލުމެއްނެތެވެ. ބޭނުންހާކަމެއް ކުރަނީއެވެ. ވަކި ގައުމެއް ވީމާ ދުނިޔޭގެ ގާނޫނަށް ކިޔަމަން ކުރުވަންވެސް އުޅޭތަން ފެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ