އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފިއެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް، ޣައްޒާ ތެރޭގައި ހަދާފައިވާ “ޔެލޯލައިން” ފަހަނައަޅައި، ޣައްޒާގެ އިތުރު ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންނަން ފަށާފައިވާ ކަމަށް، ޣައްޒާގެ ކަމާބެހޭ އިދާރާތަކުންނާއި މީޑިއާއިން ބުނެއެވެ.
އިތުރު ބިންތައް ހިފަމުން ގެންދަނީ ގާޒާ ސިޓީގެ ތުއްފާހް އަވަށާއި، ޝުޖައްޔާ އަދި ޒައިތޫން އަވަށުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ގެދޮރު ހަލާކުވެ މަގުމަތިވެ ހާލުގައި ޖެހިފައިވާ ޣައްޒާގެ އެތައްހާސް އާންމުން ފައްސަމުން ކުޑަ ތަންކޮޅަކަށް ޖަމާވާން މަޖުބޫރު ކުރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ބިމުގެ ދެބައިކުޅަ އެއްބައި ބިން މިހާރު ކޮންޓްރޯލް ކުރަނީ އިސްތިއުމާރީ ބާރުންނެވެ.
“ޔެލޯލައިން” ފުޅާކުރަމުން ގެންދާއިރު، އިސްތިއުމާރީ ޓެރަރިސްޓުން މިއަދުވަނީ ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.
ޚާން ޔޫނިސްގެ އަލްމަވާސީ އަލް ގަރާރާ ސަރަހައްދުގައި އާންމުން ދިރިއުޅޭ ޓެންޓަކަށް ޑްރޯން ހަމަލާއެއްދީ ތިން މީހުން ޝަހީދު ކޮށްލާފައި ވާއިރު، މި ހަމަލާގައި ކުޑަކުދިން ހިމެނޭހެން އެތައް އާންމުން ޒަޚަމްވިއެވެ.
ޚާން ޔޫނިސްގައި ޑްރޯން ބޭނުންކޮށްގެން އާންމުންގެ ގަޔަށް ބަޑިޖަހަމުން ގެންދާ ކަމަށްވެސް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
ޚާން ޔޫނިސްގެ އެކި ހިސާބުތަކުގައި ގޮވާތަކެރި ހަރުކޮށް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ގެތައް ގޮއްވައި ބިމާހަމަ ކުރަމުން އެބަ ގެންދެއެވެ.
ޣައްޒާގެ އުތުރުން ޖަބަލިއާ ރެފިއުޖީ ކޭމްޕްގައިވެސް، ބުލްޑޯޒަރު ވައްދައި އެތައް ގެއެއް މިއަދު ވައްޓާލާފައި ވެއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރިއަށް އިސްތިއުމާރީ ޓެރަރިސްޓުންގެ މަތިންދާ ބޯޓުތަކުންވެސް މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައްވެސް އާންމުވެފައި ވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް، އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓައެއް ނުލައެވެ.
އެއްބަސްވުމުގެ ފަހުން މިހާތަނަށް ހަމަލާދީ ޣައްޒާއިން 420 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އެގާރަ ހާހަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައި ވެއެވެ.



