ރަޝިޔާއަށް ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.
“އެލްބަސް” ގެ ނަމުން ނަންދީފައިވާ މި ޓޭންކަރަކީ ޕަލާއުގެ ދިދަޖެހި ޓޭންކަރެކެވެ.
މި ޓޭންކަރަށް ޑްރޯން ހަމަލާ ދީފައިވަނީ ކަޅުކަނޑުން ދަތުރުކޮށްފައި ދަނިކޮށެވެ.
ހަމަލާ ދިނުމުގެ ސަބަބުން ޓޭންކަރުން ކަޅު ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައި ވެއެވެ.
ޓޭންކަރަށް ހަމަލާ ދީފައިވަނީ ތުރުކީގެ އުތުރުން ގާތްގަނޑަކަށް 30 ވަރަކަށް މޭލު ދުރުން ދަތުރުކޮށްފައި ދަނިކޮށެވެ.
މި ޓޭންކަރަކީ ރަޝިޔާގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ސޮވްކޮމްފްލޮޓްއާ ގުޅުންހުރި ޓޭންކަރެއް ކަމަށާއި، ޓޭންކަރު ދަތުރުކުރީ ރަޝިޔާގެ ބަނދަރެއް ކަމަށްވާ ނޮވޮރޮސިސްކަށް ދިއުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޑްރޯން ހަމަލާ އަމާޒުވި ތެޔޮ ޓޭންކަރު ތުރުކީގެ ކޯސްޓް ގާޑުން ޓޯވ ކޮށްގެން ތުރުކީގެ ބަނދަރަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އެބަ ގެންދެއެވެ.
އެއީ، ޓޭންކަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ކަމަށް ވެއެވެ.
“އެލްބަސް” ޓޭންކަރު ރަޝިޔާއަށް ދަތުރުކުރިއިރު އޭގައި އެއްވެސް ތެލެއް ނެތް ކަމަށް ޚަބަރުތައް ބުނެއެވެ.
ރަޝިޔާއަށް ދަތުރުކުރި ޓޭންކަރަށް ޑްރޯން ހަމަލާދިނީ ކޮން ބައެއް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް، ރަޝިޔާގެ އުޅަނދުތަކަށް ޔޫކްރެއިން ސިފައިން ދޭ ޑްރޯން ހަމަލާތައް މިފަހުން އިތުރުވެފައި ވެއެވެ.
އަދި އެފަދަ ހަމަލާތަކުގެ ޒިންމާ ޔޫކްރެއިންގެ ސަލާމަތީ ބާރުތަކުން އުފުލާފައިވެސް ވެއެވެ.
އެހެންކަމުން، މިއީ، ޔޫކްރެއިންގެ ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.
އެމެރިކާ ސިފައިން އިއްޔެވަނީ، ނޯތު އެތްލާންޓިކް ކަނޑުން ދަތުރުކުރި ރަޝިޔާގެ ތެޔޮ ޓޭންކަރެއ ހިފާފައެވެ. އެ ޓޭންކަރު ހިފާފައިވަނީ ވެނެޒުއެލާއިން ފުރައިގެން ދަނިކޮށެވެ.
ރަޝިޔާގެ ތެޔޮ ޓޭންކަރު ތަކަށް ހަމަލާދިނުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.



