އީރާނު ސަރުކާރާއި އަދި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ދެކޮޅަށް އީރާނުގެ ސިޓީތަކުގައި ފަށައިގެން ކުރިއަށް ގެންދާ އަނިޔާވެރި މުޒާހަރާތަކުގެ އަޑީގައި އޮތީ އިސްރާއީލުގެ މޮސާޑް ކަމަށް އިސްރާއީލުގެ މީޑިއައިންވެސް ރިޕޯޓް ކުރަން ފަށައިފިއެވެ.
އީރާނުގެ އެތެރޭގައި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާ ހަވާލާދީ، އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވަނީ، ހަމަނުޖެހުން އުފެއްދުމުގެ އަޑީގައި ތިބީ މޮސާޑްގެ އޭޖެންޓުން ކަމަށެވެ.
އީރާނުގައި ހަމަނުޖެހުން އުފެއްދުމުގައި އުޅެނީ އިސްރާއީލުން ފޮނުވާފައިވާ މޮސާޑްގެ އޭޖެންޓުން ކަމަށް، އިސްތިއުމާރީ ދައުލަތުގެ ކެބިނެޓް މިނިސްޓަރަކުވެސް މީޑިއާއަށް ހާމަކޮށްފައި ވެއެވެ.
އިގްތިސާދީ ދަތިތަކުގެ ސަބަބުން ހިތްހަމަނުޖެހި އީރާނުގެ ރައްޔިތުން ސުލްހަވެރި މުޒާހަރާތަކެއް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އީރާނުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލައި މީހުން ހައްޔަރު ކުރަންފެށީ، މުޒާހަރާގެ ތެރެއަށް ހަތިޔާރު ހިފައިގެން ބަޔަކު ވަދެގަނެ، ސަލާމަތީ ބާރުތަކަށް ހަމަލާދީ އަދި ތަންތަނުގައި ހުޅުޖަހައި ރޯކުރަން ފެށުމުންނެވެ.
އީރާނުން ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނަމުން ގެންދަނީ، ހަމަނުޖެހުން އުފެއްދުމުގެ އަޑީގައި އޮތީ އެމެރިކާގެ ސީއައިއޭއާއި، އިސްރާއީލުގެ މޮސާޑު ކަމަށެވެ.
އީރާނުގެ ތެރޭގައި ހަމަނުޖެހުން އުފައްދައި އީރާނުގައި އޮތް އިސްލާމީ އިންގިލާބީ ވެރިކަން ވައްޓާލުމަކީ އެމެރިކާއާއި އިސްރާއީލު އަބަދުވެސް ދެކޭ ހުވަފެނެކެވެ. ހަމައެކަނި ސަބަބަކީ، އީރާނުން އިސްރާއީލާ ދެކޮޅުވެރިވުމެވެ.
މުޒާހަރާތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންގެ ގަޔަށް ބަޑިޖަހައި މެރުމާއި، މަގުމަތިން އާންމުން މެރުމާއި، އާންމުންގެ ގައިގައި ހުޅުޖެހުމާއި އަދި މިސްކިތްތަކާއި، ތަންތަނާއި ވެހިކަލްތަކުގައި ހުޅުޖެހި މީހުން ހިފައި ހައްޔަރު ކުރުމުގެ ވަރުގަދަ އޮޕަރޭޝަންތަކެއް އީރާނުން މިހާރުވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގެ ދަށުން، ބޭރުން އީރާނަށް އަރައި ހަމަނުޖެހުން އުފެއްދުމުގައި ހަރަކާތްތެރިވަމުންދިޔަ އެތައް ބަޔަކު މިހާތަނަށް ހައްޔަރު ކޮށްފައި ވެއެވެ.
އަދި އަނިޔާވެރި އަމަލުތައް ހިންގަން ރާވައި، އެކަން ކުރުވުމުގައި އެންމެ އިސްކޮށް އުޅުނު ދެމީހުން އީރާނު ސަލާމަތީ ބާރުތަކުން ހޯމަދުވަހުވަނީ ހައްޔަރު ކޮށްފައެވެ.
އަދި އެމީހުން ހަދައިގެން އުޅޭ ސޭފް ހައުސްއިން މުއާސަލާތީ އާލާތްތަކާއި، ހަތިޔާރާއި، ގޮވާތަކެތިވެސް ވަނީ ހޯދާފައެވެ.
އިސްރާއީލުގެ މޮސާޑުން ފައިސާ ދީގެން ކުލީ ސިފައިންގެ ގޮތުގައި އީރާނުގެ ތެރެއަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.
މީޙުން ފޮނުވައިގެން އީރާނުގައި ހަމަނުޖެހުން އުފައްދައި މަސްރަހް ހޫނުކުރަމުން ގެންދާއިރު، މުޖުރިމު ނަތަންޔާހޫއާއި، އިސްރާއީލުގެ ވެރިން ގެންދަނީ ހައްތަހާ މަސްރަހް ހޫނުކޮށް ސަރުކާރު ވައްޓާލަން އީރާނު މީހުންނަށް ހިތްވަރުދީ ވަސްވާސް ދެމުންނެވެ.
ޒަޔަނިސްޓު ބޮޓް އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ދަނީ ގޭސް އަނބުރަމުންނެވެ. މިކަން ކުރުމަށް ކުޑަ ފައިސާކޮޅެއް ދީގެން އެތައްހާސް އިންޑިއާ މީހުންނާއި، އަފްޣާނިސްތާނު މީހުން ހަޔަރކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މުޒާހަރާތަކާ ގުޅޭގޮތުން މިމީހުން ގެންދަނީ ރޯބުހުތާނު ދޮގުތައް ފަތުރައި މީހުންގެ މެދުގައި ބިރުވެރިކަންވެސް އުފައްދަމުންނެވެ.
ޒަޔަނިސްޓުން ފޯރީގައި އީރާނުގެ މަސްރަހް ގޯސް ކުރަމުން ގެންދާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ގެންދަނީ، އީރާނުގެ ރައްޔިތުން ހިމާޔަތް ކުރާނޭ ކަމަށެވެ.



