ހަމަނުޖެހުން ހިންގަން ފައިސާއާއި ހަތިޔާރު ފޯރުކޮށްދިނީ އެމެރިކާއާއި އިސްރާއީލުން: އީރާނު ޑިފެންސް މިނިސްޓަރ

ޚަބަރު ފަހުގެ ދުނިޔެ

އިރާނުގައި ހަމަނުޖެހުން އުފައްދަން ފައިސާއާއި ހަތިޔާރު ފޯރުކޮށްދިނީ އެމެރިކާއާއި އިސްރާއީލުން ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޑިފެންސް މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަޒީޒް ނަސީރްޒާދީ ވިދާޅުވީ، އީރާނުގައި ހަމަނުޖެހުން ހިންގަން ރޭވީ އެމެރިކާއާއި، އިސްރާއީލާއި އަދި އެމީހުންގެ ބައިވެރިން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފައިސާއާއި ހަތިޔާރާއި ލޮޖިސްޓް ސަޕޯޓް ދީގެން އީރާނުގައި އޮތް ހަމަޖެހުން ނަގާލަން ރާވައި އެކަން ކުރުވީ އެ ގައުމުތަކުން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އީރާނުގެ ޖާސޫސީ އިދާރާތަކުން އެއްކުރި މައުލޫމާތުތަކުން، އީރާނުގައި ހަމަނުޖެހުން ހިންގައި، މީހުން މަރައި ތަންތަން ހަލާކުކުރާ މީހުންނަށް ފައިސާ ދޫކުރުގެ ޕްލޭންތައް ހަދާފައިވާކަން އެނގޭ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، މީހަކު މަރާލާ މީހަކަށް 3،300 އެމެރިކާ ޑޮލަރު، ކާރެއް އަންދާލާ މީހަކަށް 1،300 އެމެރިކާ ޑޮލަރު އަދި ހަމަނުޖެހުން އުފައްދަން ކުރާ ކޮންމެ ކަމަކަށް ފައިސާ ހުށަހަޅާފައިވާ ކަމަށް، އީރާނުގެ ޑިފެންސް މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަޒީޒް ނަސީރްޒާދީ ވިދާޅުވިއެވެ.

ހަމަނުޖެހުން ހިންގައި، މީހުން މަރައި ތަންތަނުގައި ރޯކުރަން ފެށީ، އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި، އިންފްލޭޝަން މަތިވެ ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުލައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ފެށި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މުޒަހާރާ ފެށީވެސް ތެހެރާނުގެ ވިޔަފާރި ބާޒާރެއްގެ ވިޔަފާރިވެރިންނެވެ.

މި މުޒާހަރާގައި އާންމުންވެސް ބައިވެރިވެ ފުޅާވާން ފެށުމާއެކު ދެން ފެނިގެންދިޔައީ ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ހަތިޔާރު އެޅި ގްރޫޕްތައް މުޒާހަރާގެ ތެރެއަށް ވަދެ، ސަލާމަތީ ބާރުތަކުގެ މެމްބަރުންގެ ގަޔަށް ބަޑިހައި މަރަންފެށި ތަނެވެ.

އަދި މުޒަހަރާތަކުގައި މަގުތަކުން އާންމުންވެސް މަރަންފެށިއެވެ. އަދި މިސްކިތްތަކާއި، ވެހިކަލްތަކުގައި ހުޅުޖަހައި އަންދަން ފެށިއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، އީރާނުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވަން މަސައްކަތް ފެށިތަނެވެ.

އިރާނުގެ ސަލާމަތީ ބާރުތަކުން މިހާތަނަށްވަނީ، އެތައްހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ބައެއް މީހުންގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ.

އީރާނުން ބުނެފައިވަނީ، މުޒާހަރާތަކުގެ ތެރެއިން ބަޑިޖަހައި މަރާލެވިފައިވަނީ ހަތިޔާރު ހިފައިގެން އުޅުނު އަދި ހަމަނުޖެހުން އުފައްދަމުންދިޔަ ޓެރަރިސްޓުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ