އީރާނު ޕާލަމެންޓުގެ އިންޒާރު އެމެރިކާއަށް: ޚާމަނާއީއަށް ގެއްލުމެއް ދީފިނަމަ ފެށިގެންދާނީ ދީނީ ހަނގުރާމައެއް

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް ގެއްލުމެއް ދިނުމުގެ މަގްސަދުގައި އެމެރިކާއިން އެއްވެސް އަމަލެއް ހިންގައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށް ބުނެ އީރާނުން އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އީރާނުން މިކަމުގެ އިންޒާރު މިއައީ، އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކަމެއްގެގޮތުގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން އެމެރިކާއިން ރާވަމުންދާ ކަމަށް ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނުގެ ޕާލަމެންޓުން ބުނެފައިވަނީ، އާޔަތުﷲ އަލީ ޚާމަނާއީއަށް ދެވޭ ކޮންމެފަދަ ހަމަލާއެއްގެ ނަތީޖާއަކަށް ވެގެންދާނީ ދީނީ ހަނގުރާމައެއް ފެށިގެން ދިއުން ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަމުގެ ރައްދު އެމެރިކާއަށް އަމާޒުވާނޭ ކަމަށްވެސް އީރާނުގެ ޕާލަމެންޓުގެ އިންޒާރުގައި ވެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންވެސް ވަނީ، އީރާނުގެ ރޫހީ ލީޑަރަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ދިނުން ވެގެންދާނީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އީރާނުގައި މިހާރު އޮތް އިސްލާމީ އިންގިލާބުގެ ވެރިކަން ބަދަލުކޮށްލަން އެމެރިކާއިން މިހާރު ގަދައަޅައި މަސައްކަތް ކުރާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހަށްދުވަހު ދެއްވި ވާހަކަތަކުންވެސް ހާމަވެފައި ވެއެވެ.

އެމެރިކާގެ ރައީސް ބުނެފައިވަނީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލި ޚާމަނާއީއަކީ “ފީކަޅާ” މީހެއް ކަމަށާއި، އޭނާ ހުރެގެން އީރާނަށް ކުރިއެރުމެއް ނުލިބޭނޭ ކަމަށެވެ.

އީރާނަށް މިހާރު ބޭނުންވަނީ “އައު ވެރިކަމެއް” ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އިރާނުގެ ވެރިކަން ބަދަލުކޮށްލަން މާޒީވެދިޔަ ތަނުގައި އެމެރިކާއާއި އިސްރާއީލުން އެތައް މަސައްކަތެއް ކޮށްފައި ވެއެވެ. އީރާނުގެ އެތެރެއަށް ޖާސޫސުން ފޮނުވައި ހަމަނުޖެހުން އުފައްދައިގެން އީރާނުގެ ވެރިކަން ވައްޓާލަންވެސް އެތައް މަސައްކަތެއް ކޮށްފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދޮގު ކެމްޕެއިންތަކެއް ހިންގައި، މިމަހުގެ ކުރީކޮޅުވެސް އީރާނު ރައްޔިތުން މަގުތަކަށް ނެރެ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައި، އީރާނާއި އިސްރާއީލާއި ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން އެންމެ އިސްކަން އެއްކަމަކީ ޚާމަނާއީ އަވަހާރަ ކޮށްލުން ކަމަށް އިސްރާއީލުން ފަހުން އެއްބަސް ވެފައި ވެއެވެ.

އެކަން ނުކުރެވުނީ، ޚާމަނާއީ ސީދާ ހުންނެވި ތަނެއް ނޭނގުމުގެ ސަބަބުން ކަމަށް، އިސްތިއުމާރީ އަސްކަރިއްޔާގެ ވެރިން އިއުތިރާފް ވެފައިވެސް ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އަނެއްކާވެސް މިހާރު ތައްޔާރު ވަމުންދަނީ އީރާނަށް އަސްކަރީ ހަމަލާ ދިނުމަށެވެ. އޭގެކުރިން ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލައި އީރާނު އަސްކަރިއްޔާ ނަފްސާނީގޮތުން ބަލިކަށިކޮށްލުމަށް އެމެރިކާއިން ބޭނުންވެގެން އުޅޭކަމަށް ބެލެވިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ