އެމެރިކާއިން އީރާނު ކައިރިން ކަނޑުގެ ސަރަހައްދަށް ޖަމާކޮށްފައިވާ ހަނގުރާމައިގެ ބިޔަ ލަޝްކަރުގައި ހިމެނޭ އެންމެ ބޮޑު މަނަވަރު ކަމަށްވާ އަބްރަހަމް ލިންކަން، އީރާނާ ދުރަށް ގެންގޮސްފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
އަބްރަހަމް ލިންކަންއަކީ، ހަނގުރާމައިގައި ބޮންއަޅަން ބޭނުންކުރާ އެންމެ މަތިންދާ ބޯޓުތައް އުފުލާ މަނަވަރެވެ.
އަބްރަހަމް ލިންކަންގެ އިތުރުން، އެ މަނަވަރާއެކު އީރާނުގެ ކައިރިއަށް ފޮނުވި ހަނގުރާމައިގެ އެހެން މަނަވަރުތަކާއި އަދި ސަބްމެރިންތައްވެސް އީރާނާ ދުރަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަނގުރާމައިގެ މަނަވަރު ގާފިލާ މިހާރު ސްޓޭޝަން ވެފައިވަނީ ގަލްފް އޮފް އަދަންގައި ކަމަށާއި، އެއީ އީރާނުގެ ޗަބަހަރް ބަނދަރާ 1400 ކިލޯމީޓަރު ދުރު ކަމަށްވެސް، މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.
އެމެރިކާއިން އީރާނުގެ ކައިރިއަށް ޖަމާކުރި ކަނޑުގެ ލަޝްކަރަކީ، މިފަހުގެ ތާރީޚެއްގައި އެމެރިކާއިން ޖަމާކުރި އެންމެ ބޮޑު ހަނގުރާމައިގެ ލަޝްކަރެވެ.
މި ލަޝްކަރުގައި، ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލާ މަނަވަރުތަކާއި، މިސައިލުން ހަމަލާދޭ މަނަވަރުތަކާއި، ނިއުކްލިއަރ ސަބްމެރިންތަކާއި، އަސްކަރީ ޑްރޯންއާއި، މިސައިލުން ދިފާއުވާ އައްޑަނަ ގާއިމްކޮށްފައިވާ މަނަވަރުތަކާއި، އެތައްހާސް ސިފައިންވެސް ހިމެނެއެވެ.
އެމެރިކާގެ ލަޝްކަރުގައި ހިމެނޭ އެންމެ މުހިންމު މަނަވަރު ގާފިލާ އީރާނާ ދުރަށް ގެންދިޔަ ޚަބަރު ފެތުރިގެން މިދިޔައީ، އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ބާއްވަން ތައްޔާރުވަމުންދާ ޚަބަރާ އެކުގައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާއާ އެކު އީރާނުން ވާހަކަ ދައްކާނީ އެއްވެސް އިންޒާރެއް އަދި ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. އެފަދަ މާހައުލެއް ގާއިމް ކުރެވުމުން ކަމަށެވެ.
އީރާނަށް ހަމަލާދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ކައިރިއަށް ފޮނުވި ބިޔަ ލަޝްކަރު އީރާނަށް ދުރަށް މިގެންދިޔައީ، އީރާނަށް ހަމަލާ ދީފިނަމަ އެމެރިކާއަށް އެތައް ގޮތަކުން ގެއްލުން ވާނޭކަން، ސަރަހައްދުގައި ހިމެނޭ އެމެރިކާގެ އެކުވެރި ގައުމުތަކުން އެދި ދެމުންގެންދިޔަ އިންޒާރުތަކާއި، އަދި އެމެރިކާގެ ލަޝްކަރަށް ސަރަހައްދުން ކުރިމަތިވެދާނެ ނުރައްކާ އެނގުމުން ކަމަށް ވެއެވެ.
އެމެރިކާއިން އެތައް ފަހަރަކު ބޮންއަޅައިގެންވެސް ބަލިނުކުރެވުނު ޔަމަނުގެ ހޫޘީން ދިން އިންޒާރުގައި ބުނެފައިވަނީ، އީރާނަށް ހަމަލާ ދީފިނަމަ އެމެރިކާގެ ލަޝްކަރު ރަތްކަނޑަށް ފައްތާލާނޭ ކަމަށެވެ.
އީރާނުން އިންޒާރު ދެމުން ގޮސްފައިވަނީ، އީރާނުގެ ރައްދު ހަމަލާތައް އެންމެ ފުރަތަމަ އަމާޒުވާނީ އިސްރާއީލަށް ކަމަށެވެ. އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ އިސްރާއީލަކީ ހަމަލާގެ ބައިވެރިއެއް ކަމަށް އޮޓޮމެޓިކުން ކަނޑައެޅިގެން ދާނޭ ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެންމެރިކާގެ އެއްވެސް އަސްކަރީ ބޭހެއް އަދި އެއަރބޭހެއްވެސް އީރާނުގެ ކިބައިން ސަލާމަތް ނުވާނޭ ކަމަށް އެތައް އިންޒާރުތަކެއް ކޮށްފައި ވެއެވެ.
މިކަމާހެދި، އީރާނަށް ހަމަލާދޭން އެ ގައުމުތަކުގެ އެއްގަމާއި އަދި ވައިގެ ސަރަހައްދުވެސް ބޭނުން ކުރަން ހުއްދަ ނުދޭނޭ ކަމަށް ގިނަ ގައުމުތަކުން ބުނެފައިވެސް ވެއެވެ.
އީރާނަށް ހަމަލާނުދީ އެމެރިކާއިން މަޝްވަރާގެ އުސޫލު އިސްކުރުމުން ޒަޔަނިސްޓު އިސްރާއީލުގެ ނަތަންޔާހޫ ހުރީ ވަރަށް ރުޅިއައިސްފައެވެ. އީރާނަށް ވަގުތުން ހަމަލާދޭން އަދިވެސް ގެންދަނީ ފިއްތަމުންނެވެ.
އެމެރިކާއިން އީރާނަށް ހަމަލާ ނުދީފިނަމަ އިސްރާއީލުން ހަމަލާ ދޭނޭކަމުގެ އިންޒާރުވެސް ގެންދަނީ ދެމުންނެވެ.


