ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެތައް ބިމެއް އިސްރާއީލު ދައުލަތުގެ މިލްކިއްޔާތަށް ހެދުމުގެ ގަރާރު އިސްރާއީލު ސަރުކާރުން ފާސްކުރުމުން ފަލަސްތީނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ފަލަސްތީނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ނިންމުމަކީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ސީދާގޮތުން ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އަދި މި ނިންމުމުގެ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.
ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، އިސްރާއީލުގެ ނިންމުމަކީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށް ސޮއިކޮށްފައިވާ ގަރާރުތަކާ ޚިލާފް ނިންމުމެއް ކަމަށާއި، ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ މިލްކުވެރި ތަންތަނުގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެއީ ބާތިލް ނިންމުންތަކެއް ކަމަށެވެ.
އިސްރާއީލު ދައުލަތުން މިއަދު ފާސްކުރި ނިންމުމުގައި، ހުޅަނގު އައްސޭރީގެ އިތުރު 19 ބިމެއްގައި ޔަހޫދީ އާބާދީތައް ހެދުމަށް ކަނޑައަޅާފައި ވެއެވެ.
މީގެ ތެރެއިން ބައެއް ބިންތަކަކީ ފަލަސްތީނު ވެރިކަމުގެ ދަށުގައި އޮތް ބިންތަކެވެ. އަދި ބައެއް ބިންތަކަކީ ފަލަސްތީނު ރައްޔިތުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދުތަކުގެ ބިންތަކެވެ.
މި ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުމުގެ މާނައަކީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުން ހުއްޓުވައި، ދިރިއުޅުމަށްވެސް ދަތިވެގެން ދިއުމެވެ.
އަދި ހުޅަނގު އައްސޭރީގެ ބޭނުން ހިސާބަކުން ޔަހޫދީންނަށް ބިންތައް ގަނެވޭގޮތްވެސް އިސްރާއީލުން ހަދާފައި ވެއެވެ.
އިސްތިއުމާރީ އިސްރާއީލުން ކުރަމުންދާ މި ހުރިހާ ކަމަކީ، ފަލަސްތީނު މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސްއަޅައި ދަތިކުރުމެވެ.
އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހުގައެވެ.
އެހެން ނަމަވެސް، ހަނގުރާމައިގެ ފަހުން އިސްރާއީލުން ހިފި އެއްވެސް ބިމަކީ އިސްރާއީލުގެ ތަންތަން ނޫން ކަމަށާއި، އެ ބިންތަކުގައި އާބާދީތައް ހެދުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށް އދއިން ކަނޑައަޅާފައި ވެއެވެ. އަދި ދުނިޔޭގެ އެއްވެސް ގައުމަކުން ޔަހޫދީ އާބާދީތައް ގަބޫލެއް ނުކުރެއެވެ.
ފަލަސްތީނު ސަރުކާރުންވަނީ، ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު ކިޔަމަން ކުރުވައި، ބޯލެނބުމަށް މަޖުބޫރުކޮށް އަދި އިސްރާއީލު ހުއްޓުވައި ދިނުމަށް އެމެރިކާ އަށާއި، އދއާއި އަދި ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ގޮވާލާފައެވެ.



