އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންތަކެއް މަރުވުމުން، އެމެރިކާ ރައްޔިތުން ގަތަރުން ފޭބުމަށް އަންގައިފި

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންތަކެއް މަރުވުމުން ގަތަރުގައި ތިބި އެމެރިކާ މީހުން ގަތަރުން ފައިބަން އެމެރިކާ ޚާރިޖިއްޔާއިން އަންގައިފިއެވެ.

އެގޮތުން އަންގާފައިވަނީ، ގަތަރުގައި ތިބި އެމެރިކާ ރައްޔިތުންގެ ތެރެއިން އިމަޖެންސީ ކަމެއްގައި އުޅޭ މީހުން ނޫން އެންމެނާއި، އެމީހުންގެ އާއިލާތަށް ވީހާވެސް އަވަހަކަށް ގަތަރުން ފައިބައިގެން ދިއުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަތަރުގައި ތިބި އެމެރިކާ ރައްޔިތުން ގަތަރުން ފޭބުމަށް އެމެރިކާގެ ޚާރިޖިއްޔާއިން މި އެންގީ، އީރާނުން ގަތަރަށް ހަމަލާ ދެމުން ގެންދާތީ، އެމެރިކާ ރައްޔިތުންގެ ސަލާމަތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން މިހާރު ވަނީ ލެވެލް ތިނެއްގެ އިންޒާރު ނެރެފައެވެ.

އަދި ގަލްފްގެ ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށްވެސް އަންގާފައި ވެއެވެ.

ގަތަރަކީ، މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ އެންމެބޮޑު ބޭސް ގާއިމްކޮށްފައިވާ ގައުމެވެ. އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް އެ ތަނަކަށް ބަރޯސާވާ އަސްކަރީ ބޭސް އޮތް ތަނެވެ.

ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށުމާއެކު، އީރާނުގެ ރައްދު ހަމަލާ އެންމެ ފުރަތަމަ އަމާޒުވި ތަންތަނުގެ ތެރޭގައި ގަތަރުގައި އޮންނަ އެމެރިކާގެ ބޭސް ހިމެނެއެވެ.

އަލް އުދައިދް އެއަރބޭސްއަކީ، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ “ލޯ” ގާއިމްކޮށްފައިވާ ބޭސް ވެސް މެއެވެ. އެއީ، އީރާނާއި އަދި އެހެންވެސް ދިމާއަކުން އަންނަ ބެލިސްޓިކް މިސައިލް އަންނަކަމުގެ އިންޒާރު ދުރާލާ އަންގައިދޭ ރާޑަރު އެތަނުގައި ހުންނާތީއެވެ.

ސެންޓްރަލް ކޮމާންޑާއި، އިސްރާއީލުވެސް އެ ރާޑަރަށް ބަރޯސާވެއެވެ.

އީރާނުން ފުރަތަމަ ދުވަހު ދިން ހަމަލާތަކުގައި ރާޑަރު ގޮއްވާލައި، އެމެރިކާއާއި އިސްރާއީލުގެ “ލޯ” ދުއްވާލާފައި ވެއެވެ.

މިކަމާހެދި އެމެރިކާއާއި އިސްރާއީލަށްވެސް ސިހުން ގެނުވިއެވެ. އެއީ، އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ހަމަލާތައް މަތަކުރަން ދަތިވާނެތީއެވެ.

އީރާނުން އެއްދުވަހެއްގައި ގަލްފްގެ 7 ގައުމަށް ވައިގެ ހަމަލާތައް ދިނުމުން އީރާނުގެ ގާބިލްކަން ފެނި އެމެރިކާގެ ރައީސްވެސް ފިކުރުބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއާއި އިސްރާއީލު ބޭނުންވި ގޮތަށް ކަންކަން ނުދެއެވެ.

އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިން މީހުން މަރުވެ، އިތުރު 5 ސިފައިން ސީރިއަސް ހާލަތުގައި ތިބިއިރު، އީރާނުގެ ހަމަލާތަކުގައި އިސްރާއީލުންވެސް އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގެ ހަމަލާތަކުގައި އިސްރާއީލުން މަރުވާ މީހުންގެ އަދަދުތައް ސިއްރުކޮށް، ހަމަލާތަކުގައި ލިބޭ ގެއްލުންތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އާންމުކުރުން އިސްރާއީލު މީހުންނަށާއި، މީޑިއާއަށް ގެންދަނީ މަނާކުރަމުންނެވެ.

އެކަމަކު، އީރާނުން ފޮނުވާލި އެންމެ މިސައިލެއް އަރައި، އިސްރާއީލުގެ ބައިތު ޝެމެޝްއިން އެކަނިވެސް 9 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަން އިސްރާއީލު މީޑިއާއިން ކަށަވަރު ކޮށްދީފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ