ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް ހެދުމުގެ ވާހަކަތައް ފެށުމަށްޓަކައި ދެ ހަފްތާއަށް ހަމަލާތައް ހުއްޓާލަން އީރާނުން ފުރަތަމައިނުންވެސް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުން ހިމަނާފައި ވެއެވެ.
އީރާނުގެ އެ ޝަރުތަށް އެމެރިކާއިން ފުރަތަމަ އެއްބަސްވުމަށްފަހު، ޕާކިސްތާނުގައި ވާހަކަތައް ބާއްވަން ހަމަޖެހުނުފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބް ރައީސް ވެންސް އަދި ވައިޓް ހައުސްއިންވެސް ފަހުން އެކަމާ ދެކޮޅު ހަދާފައި ވެއެވެ. ބުނެފައިވަނީ، އީރާނާއެކު ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ހެދި އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށެވެ. އެކަމަކު، އީރާނުގެ ވެރިންނާއި، އަދި ވާހަކަތައް ބާއްވަން މެދުވެރިޔަކަށްވި ޕާކިސްތާނުން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ، އެއްބަސްވުމުގައި ލުބުނާނު ހިމެނޭ ކަމަށާއި، އީރާނުން އެކަން ހުށަހެޅި ކަމަށާއި، ވާހަކަތަކަށް އަންނަން އެމެރިކާއިން ނިންމީ އީރާނުގެ ޝަރުތުތައް ގަބޫލުކުރުމަށް ފަހުގައި ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ބާއްވަން ތައްޔާރު ވަމުންދާއިރު، ޕާކިސްތާނު މެދުވެރިވެގެން މެސެޖުގެ ޒަރީއާއިން ވާހަކަތައް ކުރިއަށް އެބަ ގެންދެއެވެ. ގިނަ ކަންކަމަށް ދެފަރާތުންވަނީ އެއްބަސްވެސް ވެފައެވެ. ޕާކިސްތާނުގައި ސީދާސީދާ ބައްދަލުކުރާއިރު އެންމެފަހުގެ ދާއިމީ އެއްބަސްވުން އިއުލާން ކުރެވޭވަރަށް ވާހަކަތައް ހަލުވިކޮށް ކުރިއަށް އެބަދެއެވެ. އީރާނުން އިހަށްދުވަހާ ހަމައަށްވެސް ގެންދިޔައީ ލުބުނާނުގެ މައްސަލައިގައި ހިފަމުންނެވެ. އެމެރިކާއަށް ފުކެއްވެސް ނޫނުދީ ހިފަހައްޓަމުންނެވެ.
އީރާނުން ދޫނުދިނުމުން، ދުނިޔޭގެ ކުރިމަތީގައި އީރާނަށް ޕްރެޝަރަށް އެމެރިކާއިން ބޯލެނބީކަމަށް ނުހަދާން ވެގެން އީރާނުގެ ޝަރުތު ފުރިހަމަކުރަން ޓްރަމްޕް ކުރީ މޮޅު ބުއްދިއެކެވެ. އެއީ، ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ ކުއްލި އެއްބަސްވުމެއް ހެދުވީއެވެ. އިސްރާއީލާއި ލުބުނާނުގެ އެމްބަސެޑަރުން ކުއްލިއަކަށް ވޮޝިންޓަނަށް ގެންގޮސް ވާހަކަތަކެއް ބޭއްވީއެވެ. އަދި އޭގެފަހުން ލުބުނުގެ ރައީސާއި، މުޖުރިމު ނަތަންޔާހޫއާ ފޯނުން ވާހަކަ ދެއްކުމަށްވެސް އެމެރިކާއިން ހަމަޖެއްސިއެވެ. ނަމަވެސް، ލުބުނާނުގެ ރައީސް ފަހުންވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެމެރިކާއިން ފަހުން ބުނެފައިވަނީ، ފަހުގެ ތާރީޚެއްގައި އިސްރާއީލާއި ލުބުނާނުގެ ވެރިން އެމެރިކާގައި ބައްދަލުކުރާނެ ކަމަށާއި، މަޝްވަރާކޮށް ސުލްހައިގެ އެއްބަސްވުމެއް ހަދާނޭ ކަމަށެވެ.
ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަންޖެހޭކަން އެމެރިކާގެ ރައީސް ޓްރަމްޕް، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫއަށް އެންގިއެވެ. އަދި ޓްރަމްޕްގެ އެނގުމަށް ނަތަންޔާހޫ އޭނާގެ ސެކިއުރިޓީ ކެބިނެޓުގެ ކުއްލި ބައްދަލުވުމަކަށް ގޮވާވެސްލިއެވެ. ނަމަވެސް، ނަތަންޔާހޫ އޭނާގެ ސެކިއުރިޓީ ކެބިނެޓާ ބައްދަލުކުރަން އުޅެނިކޮށް ނަތަންޔާހޫއަށް ވުރެން ކުރިން އެމެރިކާގެ ރައީސްވަނީ ލުބުނާނު-އިސްރާއީލު ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ. އެކަމަށް އެއްޗެއް ބުނަން ނަތަންޔާހޫއަށް ފުރުސަތެއްވެސް ނުދިނެވެ. އެކަމާ ނަތަންޔާހޫ ހުރީ ވަރަށް ރުޅިއައިސްފައި ކަމަށް ވެއެވެ. އަދި އޭނާގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ޒަޔަނިސްޓު މިނިސްޓަރުންނާއި، ޗީފް އޮފް ސްޓާފްވެސް އެމެރިކާ ދެކެ ވަރަށް ރުޅިއައިސްގެން ކުދިކިޔަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިނގަމުންދާ ކަންކަމަށް ބަލާއިރު، ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް އިސްރާއީލުން ހުއްޓާލީ އެމެރިކާއިން މަޖުބޫރު ކޮށްގެންކަން އެނގެއެވެ. އެމެރިކާގެ އިންޒާރުތަކާ ހެދިކަންވެސް ހާމަވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނު ހަނގުރާމަ ނިންމާލައި، އަވަހަށް ސަލާމަތް ވެވޭނެ ގޮތެއް ހޯދުމަށެވެ. އެކަން ކުރެވޭނީ އީރާނާއެކު އެއްބަސްވުމެއް ހަދައިގެންނެވެ. އީރާނާއެކު އެއްބަސްވުމެއް ހެދެން އޮތީ އެއްކަމަކަށް އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވައިގެންނެވެ. އެއީ އީރާނުގެ އިސް ޝަރުތެކެވެ.
އީރާނުގެ ޕްރެޝަރާހެދި ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް އެމެރިކާއިން ހުއްޓުވީ ކަމަށް މީހުން ބުނެފާނެތީ، ޓްރަމްޕް ކުރިކަމަކީ ލުބުނާނާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހަދުވައި ހަމަލާތައް ހުއްޓުވީއެވެ. އީރާނު އެއްބަސްވުމަށްޓަކައި ނަތަންޔާހޫއާއި އިސްރާއީލު ގުރުބާންކޮށްލީއެވެ.



