ވެރިކަން ކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މުއާޒު ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށެވެ.
އަދި ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު މިވަގުތު ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.
ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މުއާޒު ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.


