ޣައްޒާގެ މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ދިއުމަށް އިސްތިއުމާރީ ދައުލަތުން މިއަހަރުވެސް ވަނީ ހުރަސް އަޅާފައެވެ. 2024 އަދި 2025 ވަނަ އަހަރުވެސް އިސްތިއުމާރީ ބާރުންވަނީ ޣައްޒާއިން އެއްވެސް މީހަކު ބޭރުވިޔަ ނުދީފައެވެ.
އިސްތިއުމާރީ ބާރުން ޣައްޒާ، އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ބަންދުކޮށްގެން އުޅެނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. ޣައްޒާއިން އެއްވެސް މީހަކަށް ބޭރަށް ދެވެނީ އިސްތިތިއުމާރީ ބާރުން ހުއްދަ ދިނުމުންނެވެ.
ޣައްޒާއާއި ބޭރު ދުނިޔެ ގުޅުވާލަދޭ ހަމައެކަނި މަގަކީ ޣައްޒާ-މިސްރު ވަކިކުރާ އިމުގައި ހުންނަ ރަފަހް ދޮރާށްޓެވެ. މިސްރު ސިފައިން ރަފަހް ދޮރާށީގެ ސެކިއުރިޓީ ކުރިން ބެލެހެއްޓި ނަމަވެސް، ހަނގުރާމައިގެ ތެރޭގައި އިސްތިއުމާރީ ސިފައިން ވަނީ ރަފަހް ދޮރާށްޓާއި ރަފަހް ބޯޑަރުގެ ކޮންޓްރޯލްވެސް ނަގާފައެވެ.
ދުނިޔޭގެ ޕްރެޝަރާހެދި އެހެން ގޮތެއް ނެތިގެން ރަފަހް ދޮރާށި ހުރަސްކޮށް މިހާރު މިސްރުގެ ތެރެއަށް ކިރިޔާވެސް ގެންދެވެނީ ހަނގުރާމައިގެ ސަބަބުންނާއި، ސިއްހީ ހާލަތު ގޯސްވެ ފަރުވާ ދެވޭނޭ އެއްވެސް ގޮތެއްނެތި ތިބި މީހުންގެ ތެރެއިން މަދު ބައެކެވެ. އެކަންވެސް ގެންދަނީ އިސްތިއުމާރީން ބޭނުންއިރަކު ބޭނުން ގޮތަކަށެވެ.
ޣައްޒާއިން ޙައްޖުގެ އަޅުކަމަށް މައްކާއަށް ދިއުމަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 10،000 އަށްވުރެ ގިނަ މީހުން ގުރުއަތުން ހޮވިފައިވާ ކަމަށް، ޣައްޒާ ސަރުކާރުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއަރޒްއިން ބުނެފައި ވެއެވެ. މައްކާއާ ހަމައަށް ދެވޭނޭ ކަމުގެ އުންމީދުގައި ތިއްބައި އޭގެތެރެއިން 71 މީހަކު އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ދިރިތިބި މީހުން އަދިވެސް ތިބީ ޙައްޖުގެ މަތިވެރި އަޅުކަމަށް ދެވޭނޭ ކަމުގެ އުންމީދުގައެވެ.
ޙައްޖުގެ އަޅުކަމަށް ނުދެވުމުން، ޣައްޒާއިން ޙައްޖަށް ދިއުމަށް އެދިފައިވާ މީހުން މިހާރު ގެންދަނީ އިހްރާމް ބަނދެ، ޣައްޒާގެ ފޭލިގެތަކާއި ގާފުނިތަކުގެ ތެރޭގައާއި، މަގުތަކުގައި ތަކުބީރު ކިޔަމުންނެވެ. އެމީހުންނަށް މިއަދު އެހެން ގޮތެއް ނެތެވެ.
އިސްތިއުމާރީ ސިފައިން ހުރަސް އެޅުމުގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަމަށް މައްކާއަށް ނުދެވުނު ނަމަވެސް، އެމީހުންގެ ރޫހު މަރާނުލެވޭނޭކަން ގެންދަނީ ދައްކަމުންނެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ޖަމާވެފައިވާ ދެމިލިއަނާ ގާތްކުރާ އަދަދެއްގެ މުސްލިމުން އަރަފާތު ބިމުގައި އަޅުކަމާއި ތަކުބީރު ކިއުމުގައި ވަގުތު ހޭދަކުރަމުން ގެންދާއިރު، ޣައްޒާގެ މުސްލިމުން ގެންދަނީ އެމީހުންގެ ވަޒަނުގައި ތިބެގެން ﷲއަށް ތަކުބީރުކިޔައި ހެޔޮ ދުޢާކުރަމުންނެވެ. އަދި މާތްވެގެންވާ ކަޢުބަތުﷲ ގެފުޅު ހަމަލޮލުން ފެނުމުގެ ނަސީބު ދެއްވުން އެދި ﷲއަށް ދުޢާ ދަންނަވަމުންނެވެ.
ޙައްޖުގެ އަޅުކަމަށް މައްކާ ދިއުމުގެ ނަސީބު ނުލިބުނުއިރު، ޖެހިގެން އަންނަނީ އަޟްހާ ޢީދެވެ. އީދު ދުވަހުގައި ކާނޭ އެއްޗެއް ނެތެވެ. ޣައްޒާގެ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ޢީދަށް ނަލަހެދިލަން ލާނޭ އައު ހެދުންގަނޑެއްހާ މިންވަރުވެސް އެމީހުންގެ އަތުގައި ނެތެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވައި ބަންދުކޮށްފައި އޮންނަތާވެސް އެތައް މަހެއް ވެއްޖެއެވެ.


