އިސްތިއުމާރީ ސިފައިން ހަމަލާތައް ވަރުގަދަކުރުމުން ހިޒްބުﷲގެ ރައްދު ހަމަލާތައް ވަރުގަދަކޮށް، ދުޝްމަނުން ފަހަތަށް ޖައްސަނީ

ޚަބަރު ފަހުގެ ދުނިޔެ

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ސިފައިން ލުބުނާނަށް ދޭ ހަމަލާތައް ވަރަށް ވަރުގަދަކޮށް ފުޅާކުރުމާ ގުޅިގެން، ދުޝްމަނުންނާ ދެކޮޅަށް ހިޒްބުﷲ މުޖާހިދުން އެޔަށްވުރެ ވަރުގަދަ ހަމަލާތަކެއް ފަށައިފިއެވެ.

އެގޮތުން، ލުބުނާނުގެ ދެކުނަށް އަރައިގެންއުޅޭ ޓެރަރިސްޓު ސިފައިންނަށާއި، އެމީހުންގެ ކޭމްޕްތަކާއި، އެމީހުންގެ ހަތިޔާރުތަކާއި ވެހިކަލްތަކަށް ހިޒްބުﷲ މުޖާހިދުން ގެންދަނީ ހަމަލާދީ އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ދެމުންނެވެ. އަދި ކޮންމެ ދުވަހަކު ދުޝްމަނުންގެ އެތައް ސިފައިން މަރައި، އެތައްބަޔަކު ޒަޚަމްކުރަމުންވެސް ގެންދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލުބުނާނުގެ ދެކުނުގެ ހުރިހާ ހިސާބަކަށް ހިޒްބުﷲ މުޖާހިދުންގެ ރައްދު ހަމަލާތައް މިހާރު ވަނީ ފުޅާކޮށްފައެވެ.

ވޭތުވެދިޔަ ތިން ގަޑިއެއްހާ އިރުގެ ތެރޭގައި އެކަނިވެސް ހިޒްބުﷲ މުޖާހިދުންވަނީ ލުބުނާނުގެ ދެކުނުގެ ޒައުތާރު އައް ޝަރްގިއްޔާގައި ކޭމްޕް ޖަހައިގެން ތިބި ދުޝްމަނުންގެ ގްރޫޕެއްގެ ބޮލަށް ޑްރޯން ފޮނުވައިގެން ބޮންއަޅައި އެތައް ބަޔަކު މަރާލާފައެވެ. އަދި ލުބުނާނުގެ ދެކުނުގެ އެހެން ދެ ހިސާބެއްގައި އުޅުނު ދުޝްމަނުންގެ ދެ ގްރޫޕަކަށް ހިޒްބުﷲއިންވަނީ ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

އަލް ހައްދާދްގައި ދުޝްމަން ސިފައިންގެ ގްރޫޕަކަށް ކުއްލި ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު މަރާލާފައި ވެއެވެ.

އަދި ލުބުނާނުގެ ދެކުނުގެ ތަލް އަލް އަވީދާގައި ދުޝްމަން ސިފައިން އަލަށްޖެހި ކޭމްޕަކަށްވެސް ހިޒްބުﷲއިންވަނީ ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

ލުބުނާނުގެ އެތެރޭގެ އައް ދަހިރާކައިރީގައި ދުޝްމަން ސިފައިން ގާއިމްކޮށްފައިވާ އަސްކަރީ ބޭހުގައި ހުރި ޑްރޯން ވައްޓާލަން ބޭނުންކުރާ ސިސްޓަމަށްވެސް ހިޒްބުﷲއިން ދިން ޑްރޯން ހަމަލާއެއްގައި ގޮއްވާލާފައި ވެއެވެ.

ހިޒްބުﷲއިން ގެންގުޅޭ އެފްޕީވީ ޑްރޯންތައް ދަނީ ލުބުނާނުގެ ދެކުނާއި، އިމުގެ ސަރަހައްދުގައި އުޅޭ ދުޝްމަނުން ފަހާދުވެ ހަމަލާދީ ވަކިވަކި މީހުންވެސް މަރަމުންނެވެ. ހިޒްބުﷲއިން ގެންގުޅޭ އެފްޕީވީ ކުދި ޑްރޯންތަކަކީ އިސްތިއުމާރީ ސިފައިން ގެންގުޅޭ ސިސްޓަމްތައް ޑިޓެކްޓްކުރާ ޒާތުގެ ޑްރޯންތަކެއްވެސް ނޫނެވެ.

ލުބުނާނުގެ ދެކުނަށް އަރައިގެން އުޅޭ ދުޝްމަނުންގެ ސިފައިންގެ އިތުރުން، އިސްތިއުމާރީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ހިޒްބުﷲއިން ދޭ ވައިގެ ހަމަލާތައްވެސް ވަރަށް ވަރުގަދަ ކޮށްފައި ވެއެވެ.

އެގޮތުން، ލުބުނާނު އިމާ ގާތުގައި ޖަހާފައިވާ އިސްތިއުމާރީ ސިފައިންގެ ކޭމްޕެއް ކައިރިން މީހުންނާއެކު ދަތުރުކުރި އަސްކަރީ ވެހިކަލެއް ހިޒްބުﷲއިންވަނީ ގޮއްވާލާފައެވެ.

އަދި އިސްރާއީލުގެ އުތުރުގެ ޖަލް އަލް އައްލާމްގައި ގާއިމްކޮށްފައިވާ އަޔަން ޑޯމްގެ ބެޓަރީއަށް ޑްރޯން ހަމަލާއެއްދީ ބެޓަރީވެސް ގޮއްވާލާފައި ވެއެވެ.

ތަފާތު ކަމަކީ، އިސްތިއުމާރީ ސިފައިންނަށް ހިޒްބުﷲއިން ދެމުންގެންދާ މިސައިލާއި، ޑްރޯން ހަމަލާތަކާއި އަދި އެމްބުޝްތަކުގެ ފުރިހަމަ ވީޑިއޯ ޑޮކިއުމެންޓްކޮށް ދުނިޔެއަށް ހާމަކުރަމުން ގެންދިއުމެވެ.

ހިޒްބުﷲއިން ދޭ ހުރިހާ ހަމަލާތަކެއްގެ ވީޑިއޯ ފުޓޭޖް ގެންދަނީ ދުނިޔެ ފެންނާނޭހެން ހާމަކުރަމުންނެވެ. އެކަމުގައި ހަރަކާތްތެރިވަނީ ހިޒްބުﷲގެ މިލިޓަރީ މީޑިއާއެވެ.

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ލުބުނާނުގެ ނޫސްވެރިންނާއި ބައިނަލްއަގްވާމީ ނޫސްވެރިން މަރައި، އިސްތިއުމާރީ ސިފައިން ގަސްތުގައި ޓީވީ ސްޓޭޝަންތަކަށް ބޮންއަޅަމުން ގެންދަނީ އެމީހުން ލުބުނާނުގައި ހިންގާ ޖަރީމާތައް ދުނިޔެއަށް ފޮރުވުމަށެވެ.

އެކަމަކު، ހިޒްބުﷲއިން މިހާރު ދަނީ މުޅިން އައު ވަސީލަތްތަކެއްގެ ބޭނުންކޮށްގެން އިސްތިއުމާރީ ދައުލަތުން ހިންގާ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަކޮށް ޒަޔަނިސްޓު ދައުލަތް ބޭޒާރުކުރަމުންނެވެ.

ލުބުނާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށައި ހިޒްބުﷲގެ “ދުވަސް ދުއްވާލަން” މުޖުރިމު ނަތަންޔާހޫ އަމުރުކުރީ، ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެފައި، އައު ބާވަތްތަކުގެ ހަތިޔާރު ބޭނުންކުރަމުންދިއުމާއި، އިސްތިއުމާރީ ސިފައިންގެ އެތައް ބަޔަކު މަރައި، އިސްތިއުމާރީ ސިފައިން ފަހަތަށް ޖައްސަން ފެށުމުންނެވެ.

އިސްތިއުމާރީ ސިފައިން ހަނގުރާމަ ވަރުގަދަ ކުރުމުން ހިޒްބުﷲ މިވަނީ އެމީހުންގެ ރައްދު ހަމަލާތައް، އިހުނަށްވުރެ ވަރުގަދަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ