މި ހިނގާ މޭއި މަހުގެ މުސާރައާއި އިނާޔަތްތަައް މިމަހުގެ 28 އަދި 31 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބޮޑު އީދުގެ މުނާސަބަތުގައި މި މަހުގެ 22ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އިދާރާތައް ބަންދުކޮށްފައިވާއިރު، ރަސްމީ މަސައްކަތަށް ދެން އޮފީސްތައް އަލުން ހުޅުވޭނީ މަސް ނިމޭ ދުވަސް ކަމަށްވާ މެއި 31 ގައެވެ.
މިއާއެކު މުސާރަތަކުގެ ސުވާލުތައް މީޑިއާތަކުން ކުރުމާއި ގުޅިގެން މާލީ ވުޒާރާގެ އޮފިޝަލު ވިދާޅުވީ، މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ އަޟްޙާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. އަދި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއިވާ ބުރާސްފަތި ދުވަހުއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 މެއި،އަދި ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަސް ކަމަށްވާ 31 މެއި ގައި މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނެއެވެ.
މާލީ ވުޒާރާއިން ބުނީ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށްގެންދާނެ ކަމަށެވެ.


