ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ގޮސްފައިވާ ހުރިހާ ޙައްޖާޖީން މިވަގުތު ތިބީ ޢަރަފާތު ބިމުގައި ކަމަށް ދިވެހި ހައްޖު މިޝަންއިން ބުނެފި އެވެ.
ހައްޖު މިޝަން އިން ބުނެފައިވަނީ މިހާރު ދިވެހި ހުރިހާ ހައްޖުވެރިންވެސް ތިބީ އަރަފާތު ބިމުގައި ކަމަށެވެ.
މިއަދުގެ ފަތިހުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެންމެ ހާޖީއަކު ފިޔަވައި ރާއްޖޭގެ ހުރިހާ ޙައްޖުވެރިން މިހާރު ޢަރަފާތަށް ވަދެފައިވާ ކަމަށެވެ. ޢަރަފާތަށް ވަޑައިނުގެންނެވި ހަމައެކަނި ހާޖީއަކީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަރާތެއް ކަމަށާއި، އެ ބޭފުޅާވެސް ޢަރަފާތަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާ ހާޖީއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން އެ ބޭފުޅާއާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި، ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.
ދިވެހި ހައްޖާޖީންގެ އާންމު ހާލަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ހާއްޖާޖީންގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، އެކަމަށްޓަކައި މާތްﷲ އަށް ހަމްދުކުރައްވާ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖުގެ މައިގަނޑު އަޅުކަންތައް ކުރިއަށްދާނީ މެއި މަހުގެ 24 އިން 29 އަށެވެ. ރާއްޖެއިން މިއަހަރު ވެސް ރަސްމީ ކޯޓާގެ ދަށުން ޖުމްލަ 1000 ހައްޖުވެރިން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެ އެވެ. ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ދިވެހިންވެސް މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މައްކާއަށް ގޮސް ނިމިފައިވާއިރު، ހުރިހާ ބޭފުޅުން ވެސް މިހާރު ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ.


