ލުބުނާނުގެ ހިޒްބުﷲއިން އިސްތިއުމާރީ އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ ވެރިން ހާސްވެގެން ތެޅިފޮޅޭން ފަށައިފިއެވެ.
ހުކުރު ދުވަހުގެ ރެއިން ފެށިގެން ހިޒްބުﷲއިން ގެންދަނީ މިސައިލާއި، ޑްރޯންއާއި ރޮކެޓް ބޭނުންކޮށްގެން އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ހޮނިހިރު ދުވަހު އެކަނިވެސް ދުޝްމަނުންނަށް 24 ހަމަލާ ދީފައި ވެއެވެ. ހަމަލާތައް އަމާޒުކުރީ، ލުބުނާނުގެ ތެރެއަށް ވަދެގެންއުޅޭ އިސްތިއުމާރީ ސިފައިންނަށާއި، އެމީހުންގެ އަސްކަރީ ވެހިކަލްތަކަށާއި، އިންފްރާސްޓްރަކްޗަރއަށެވެ.
އިސްތިއުމާރީ ސިފައިން ގެންގުޅޭ އެންމެ މޮޅު މަރްކަވާގެ 5 ޓޭންކާއި، އަސްކަރީ ބުލްޑޯޒަރެއް، ހިޒްބުﷲގެ ހަމަލާތަކުގައި ވަނީ ގޮއްވާލާފައެވެ. އަދި ސަފިދް، ނަހަރިޔާ އަދި ކަރްމިއެލްގައި ހުރި އިސްރާއީލުގެ އަސްކަރީ އިންފްރާސްޓްރަކްޗަރތައް ހަލާކުކޮށްލާފައި ވާއިރު، މެރޮން އެއަރ ސާވެއިލެންސް ބޭސްއަށް ހަމަލާ ދިނުމުގެ އިތުރުން، ލިމާން، ޝޮމޭރާ އަދި ޔަ’އާރާގައި ގާއިމްކޮށްފައިވާ އިސްތިއުމާރީ ސިފައިންގެ ބެރެކްސްތަކަށްވެސް ހިޒްބުﷲއިން ހޮނިހިރު ދުވަހު ހަމަލާދީފައި ވެއެވެ.
މީގެއިތުރުން، އިސްތިއުމާރީ ދައުލަތުގެ އުތުރުގެ ކިރްޔަތު ޝްމޯނާއަށްވެސް ހިޒްބުﷲއިން ވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އާންމުވަމުންދަ ވީޑިއޯތަކުން ހާމަވެއެވެ. އަދި އިސްތިއުމާރީ އަސްކަރިއްޔާއިންވަނީ ހިޒްބުﷲގެ ހަމަލާތަކުގައި އެތައް އިމާރާތަކަށް ގެއްލުންވެފައިވާކަން ހާމަކޮށްފައެވެ.
މި ހަމަލާތަކުގައި އެތައް ޒަޔަނިސްޓުން ޒަޚަމްވި ކަމަށް ހިޒްބުﷲއިން ބުނި ނަމަވެސް، އިސްތިއުމާރީ ސިފައިން އެކަމާ ގުޅޭގޮތުން އެއްޗެއް ނުބުނެއެވެ.
އިސްރާއީލުގެ ޗެނަލް13 އިން ބުނީ، ހިޒްބުﷲ އިން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެ ވަރުގަދަކަމުން އިސްރާއީލު އަސްކަރިއްޔާއަށްވެސް ލިބިގެންދިޔައީ ބޮޑު ހައިރާންކަމެއް ކަމަށެވެ.
އިސްތިއުމާރީ ދައުލަތުގެ އުތުރުގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ރަށްތައް ކަމަށްވާ ޒައުތާރް އައްޝަރްގިޔާ، ޔަހްމަރް އައްޝަގީފް، ދެބެލް އަދި އަލް ޣަންދޫރިއްޔާއާ ދިމާއަށް އަންނަ އިސްތިއުމާރީ ސިފައިންގެ ގްރޫޕްތަކަށްވެސް ހިޒްބުﷲއިން ވަނީ ކުއްލި ވަރުގަދަ ހަމަލާތަކެއްދީ، އެތައް ސިފައިން މަރައި އެމީހުންގެ އެތައް ހަތިޔާރެއް ހަލާކުކޮށްލާފައެވެ. މިކަމާހެދި ދުޝްމަނުންނަށް ކުރި ނޭރި ވަނީ ހުއްޓިފައެވެ.
ޚަބަރުތައް ބުނާގޮތުގައި، ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ އެތައް ގެއްލުންތަކެއް ލިބުމާ ގުޅިގެން އިސްރާއީލުގެ އެތެރެއިން ނަތަންޔާހޫއަށް އެތައް ބަޔަކު ގެންދަނީ ރުޅިބާލަމުންނެވެ. އިސްރާއީލުގެ އިދިކޮޅު ލީޑަރު ނަފްޓަލީ ބެނެޓް ބުނީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ، އިސްރާއީލުގެ އުތުގައި ދިރިއުޅޭ އާންމުން ނުރައްކަލަށް ވައްޓަމުންދާ ކަމަށެވެ. އެތައް މަހެއްވަންދެން ހިޒްބުﷲއަށް ހަމަލާދީގެން ވީ ކޮންކަމެއްތޯ ސުވާލު ކޮށްފައި ވެއެވެ.
ކޮންމެ 20 މިނެޓަކުން އެއްފަހަރު ނުރައްކާ އަންނަ ކަމުގެ ޑަނޑޫރާ ޖަހަމުން ގެންދިއުމުގެ ސަބަބުން އާންމުންނަށް ޖެހެނީ ބިންގަރާސްތަކަށް ވަދެ ފިލަން ކަމަށް ބެނެޓް ބުނެފައި އެވެ.
އިސްރާއީލުގެ އުތުރަށް ސަލާމަތްތެރިކަން ކަށަވަރު ކުރެވެންދެން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ބޮންއަޅަން ބެނެޓްވަނީ ނަތަންޔާހޫއަށް ގޮވާލާފައެވެ.
އިސްތިއުމާރީ ދައުލަތުގެ ހަރުކަށި ޓެރަރިސްޓު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވީރް އާންމުކުރި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫއަށް ގޮވާލާފައިވަނީ ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ބޮންއަޅައި ބިމާހަމަ ކޮށްލުމަށެވެ.
ބެއިރޫތުގެ ދެކުނުގެ އަވަށްތަކަކީ ހިޒްބުﷲގެ ބާރު އޮންނަ އަވަށްތައް ކަމަށް ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މެދުވެރިވެގެން ލުބުނާނާއި އިސްރާއީލާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އިސްތިއުމާރީ ދައުލަތުން ވަނީ ބެއިރޫތަށް ބޮންއެޅުން ހުއްޓާލާފައެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފްވެ ލުބުނާނުގެ ދެކުނުގެ ހުރިހާ ރަށްތަކަށް ކޮންމެ ދުވަހަކު ބޮންއަޅައި އަންމުން މަރައި، ގެތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އާންމު ޚިދުމަތްދޭ ހުރިހާ ތަންތަނެއް ދަނީ ގޮއްވައި ބިމާހަމަ ކުރަމުންނެވެ.
ހިޒްބުﷲއިން ދެމުންގެންދާ ރައްދު ހަމަލާތައް އިހުނަށްވުރެ ވަރުގަދަ ކުރީ، ލުބުނާނުގެ ދެކުނުގެ ބިމުގެ ބޮޑުބައެއް އިސްތިއުމާރުކުރަން މުޖުރިމު ނަތަންޔާހޫ އަމުރުކޮށް، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާކުރުމާ ގުޅިގެން އެކަމުގެ ރައްދުގައެވެ.
ހިޒްބުﷲއިން ހުކުރު ވިލޭ ރެއިން ފެށިގެން ލުބުނާނުގެ ބިމަށް އަރައިގެން އުޅޭ ދުޝަމަނުންގެ ސިފައިންނަށާއި، އިސްރާއީލުގެ އުތުރަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ނަތަންޔަހޫ މިހާރުވަނީ ޕްރެޝަރަށް ވެއްޓިފައެވެ.
އެކަމާހެދި ދެން އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން ނަތަޔްޔާހޫ، ސެކިއުރިޓީއާ ގުޅޭ އިސް ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވަން މިހާރުވަނީ ތާވަލް ކޮށްފައެވެ. ނަތަންޔާހޫ މަސައްކަތް ކުރަމުންގެންދަނީ އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދުމުގެކުރިން ލުބުނާނުގެ ބިމުގެ ބޮޑުބައެއް ހިފުމަށެވެ.
އެއްބަސްވުމެއް ހެދުމަށް އީރާނުން ހުށަހަޅާފައިވާ އެއްކަމަކީ، އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެވެ. އެކަމަށް އެމެރިކާވެސް ވަނީ އެއްބަސްވެފައެވެ.



