އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި އިއްޔެވަނީ، އުސް ފަރުބަދަމަތީ ސަރަހައްދެއްގައި ހުރި ޝަގީފް ފޯޓްރެސް ނުވަތަ ބިއުފޯޓް ކާސްލް ހިފާފައެވެ. ފުރަތަމަ ކުރިކަމަކީ އެތަނަށް ބޮންއެޅީއެވެ. އޭގެފަހުން އެތަން ހިފީއެވެ.
އިސްތިއުމާރީ އަސްކަރިއްޔާއިން ޝަގީފް ފޯޓްރެސް ހިފީ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރ ރޫޅާލުމަށް ހިންގާ “އޮޕަރޭޝަން” ގެ ދަށުން ކަމަށް ބުނެއެވެ. ނަމަވެސް ޝަގީފް ފޯޓްރެސްއިން އިސްތިއުމާރީ ސިފައިންނަށް ހިޒްބުﷲގެ އެއްވެސް ހަތިޔާރެއް އަދި އެތާނގައި ހިޒްބުﷲ މުޖާހިދުން އުޅުނުކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.
900 އަހަރުވެފައިވާ ބިއުފޯޓް ކާސްލްއަކީ ޔުނެސްކޯއިން ދުނިޔޭގެ ގަދީމީ ތާރީޚީ ނާޒުކު ތަރިކައެއްގެގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. ނަމަވެސް، އިސްތިއުމާރީ ޓެރަރިސްޓުން މިހާރު މިވަނީ އެތަނަށް ބޮންއަޅައި އަދި އެތަން އެމީހުންގެ ބޭހަކަށް ހަދާފައެވެ.
ލުބުނާނުގެ ދެކުނުގެ ހުރިހާ އަވަށްތަކަށް ބޮންއަޅައި، އަދި އެއްގަމުމަގުން އަރައިގެން ކުރިއަރަމުންދާ ޓެރަރިސްޓު ސިފައިން ގެންދަނީ ލުބުނާނުގެ އަވަށްތަކުގެ ތެރެއަށް ވަދެގަނެ ފެންނަހާ ކުޑަކުދިންނާއި، އަންހެނުންނާއި، އާންމުން މަރައި ބޮޑެތި ގަތުލުއާންމުތައް ހިންގަމުންނެވެ. ދިރިހުރި އެއްވެސް މީހަކު ދުލެއް ނުކުރެއެވެ. ނުވިތާކަށް، އާންމުންގެ ގެތަކުގައި ހުޅުޖަހައި އަދި ގެތައް ގޮއްވަމުންވެސް ގެންދެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ލުބުނާނުގެ ދެކުނުގެ އެންމެ މުހިންމު ރަށް ކަމަށްވާ ނަބާޓިއާ ހިފުމަށް ހަމަލާތައް ދެމުންނެވެ. ނަބާޓިއާގެ ރަށްބޭރާ ހަމަށް ދެވުނު ނަމަވެސް، ހިޒްބުﷲގެ ރައްދު ހަމަލާތައް ވަރުގަދަ ކަމުން އުޅެނީ ކުރި ނޭރިގެންނެވެ.
މީގެއިތުރުން، ލުބުނާނުގެ ދެކުނުގެ ތައީރަށް ކެނޑިނޭޅި ގެންދަނީ ޓެރަރިސްޓު ހަމަލާތައްދީ ތަންތަން ގޮއްވައި، އާންމުން މަރަމުންނެވެ. ހަނގުރާމައިގެ ހާލަތުގައިވެސް ބޭނުންކުރުން ދުނިޔެއިން މަނާކޮށްފައިވާ ވައިޓް ފޮސްފޯރަސް ގޭސް ބޮމުން ތައީރުގެ އާންމުންނަށް ޒަޔަނިސްޓު ޓެރަރިސްޓުން ގެންދަނީ ހަމަލާތައް ދެމުންނެވެ. ދަނޑުބިންތަކާއި، ނައަމްސޫފިތަކަށްވެސް ވިހަބޮންތަކުން ހަމަލާދީ މަރަމުން ގެންދެއެވެ.
މާޗް 2 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ސިފައިން ލުބުނާނަށް ދޭންފެށި ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް 3،412 މީހުން މަރުވެފައިވާ ކަމަށާއި، 10،269 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެތައް މިލިއަން މީހުން ގެދޮރުގެއްލި މަގުމަތިވެފައި ވެއެވެ. މަގުމަތިވެ ހާލުގައި ޖެހިފައިވާ ގިނަ މީހުންނަށް ލުބުނާނު ސަރުކާރަކަށް އަދި އދ އަކަށްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެއެވެ.
ލުބުނާނުގެ މީޑިއާއިން ބުނަނީ، ގެދޮރު ގެއްލިފައިވާ ހަތްލައްކަ ފަންސާސްހާސް މީހުން ސްކޫލްތަކާއި، އެނޫންވެސް ވަގުތީ ތަންތަނުގައި ހިޔާވަހިކަން ހޯދައިގެން އެބަތިބި ކަމަށާއި، ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަމީހުން އެއްވެސް ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އެބަތިބި ކަމަށެވެ.
ބިއުފޯޓް ކާސްލް ހިފުމުން މުޖުރިމު ނަތަންޔާހޫ އޭނާގެ ޓެރަރިސްޓު ސިފައިންނަށް ތައުރީފް ކުރުމަށްފަހު މިހާރު އަމުރު ކޮށްފައިވަނީ ލުބުނާނުގެ ފުނަށް އަދިވެސް ވަނުމަށެވެ. އަދި އިތުރު ބިންތައް އިސްތިއުމާރު ކުރުމަށެވެ.
ނަތަންޔާހޫއާއި، އޭނާގެ ސަރުކާރުގައި ހިމެނޭ ޓެރަރިސްޓު ވަޒީރުން ބުނަމުންދަނީ، އެމީހުން މިހާރު އިންތިޒާރު ކުރަމުންދަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެހި ސިގުނަލް ދޭނޭ ވަގުތަކަށް ކަމަށެވެ.
ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ބެން ގްވީރާއި، ސްމޮރިޗް އަދި އިސްރާއީލުގެ އިދިކޮޅު ލީޑަރުންނާއި، ޔަހޫދީ އާންމުންވެސް ނަތަންޔާހޫއަށް ގޮވާލަމުން ގެންދަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އަލުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި ބެއިރޫތުވެސް ހިފުމަށެވެ.
ނަތަންޔާހޫ އަންގައިގެން އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ބޮންއަޅައި، އަދި ލުބުނާނުގެ އެތައް ރަށެއް ހިފައި ކުރިއަށް ޖެހެމުންގެންދަނީ ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ހެދި އެއްބަސްވުމުގައި ލުބުނާނު ސަރުކާރާއި އިސްރާއީލު ލައްވައި ސޮއި ކުރުމަށް ފަހުގައެވެ. ނަތަންޔާހޫ ހުއްޓުވަން ޓްރަމްޕް އެއްވެސް މަސައްކަތެއް ނުކުރެއެވެ. ޓްރަމްޕްގެ ސަރުކާރުގެ ވެރިޔަކުވެސް އެކަމާމެދު އެއްޗެއް ނުބުނެއެވެ.
ލުބުނާނުގެ އާންމުން މަރައި ތަންތަން ގޮއްވައި، ޣައްޒާގެ އާންމުން މަރައި ގެތަކާއި އިމާރާތްތައް ގޮއްވައި އަދި ސޫރިޔާގެ އާންމުންގެ ބޮލަށް އަޅާނެ ބޮންތަކާއި، ހަތިޔާރާއި އެހެންވެސް ވަސީލަތްތައް އެމެރިކާއިން ގެންދަނީ ކެނޑިނޭޅި ޒަޔަނިސްޓު ދައުލަތަށް ފޯރުކޮށްދެމުންނެވެ. އެމެރިކާގެ އިތުރުން، އީޔޫއާއި، ހުޅަނގުގެ އެތައް ގައުމަކުންވެސް ގެންދަނީ މި ޖަރީމާތައް ހިންގަން އިސްރާއީލަށް އެހީތެރިވެ ވާގިވެރިވަމުންނެވެ.
ނުވިތާކަށް، އިސްތިއުމާރީ ދައުލަތުގެ ވެރިންނާ ދެކޮޅަށް އދ ނުވަތަ އެހެންވެސް ބަޔަކު ފިޔަވަޅެއް އަޅާނަމަ އެމެރިކާއިން އެކަން ހުއްޓުވައެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހާޟިރުކުރަން ޖެހިފައިވާ މުޖުރިމު ނަތަންޔާހޫއަށް ހިމާޔަތް ދީގެން އުޅެނީ އެމެރިކާއިންނެވެ. ބެން ގްވީރާއި، ސްމޮރިޗް ހައްޔަރުކުރަން އައިސީސީން އަމުރު ނެރޭކަން އެނގިގެން އެމެރިކާއިން މިހާރުވެސް ދަނީ ކޯޓަށް ބިރު ދައްކަމުންނެވެ.



