ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައި، ނަން ނޯޓުކުރުމުގެ މަރުޙަލާ މިއަދު ފަށައިފިއެވެ.
މި ނިންމުމަކީ ހއ. ހޯރަފުށީ ކައުންސިލުން 27 މާރިޗް 2026 ގައި ބޭއްވި އެ ކައުންސިލްގެ 13/2026 ވަނަ އާއްމު ޖަލްސާގައި ނިންމާފައިވާ ނިންމުމަކާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. މިކަމާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލުން ފޮނުއްވާފައިވާ ނަންބަރު 247-CA/261/2026/1 (28 މާރިޗް 2026) ސިޓީ މެދުވެރިކޮށް ވަނީ ހިރިމަރަދޫ ރައްޔިތުންނަށް ހޯރަފުއްޓަށް ބަދަލުވުމުގެ ރަސްމީ ދައުވަތު އަރުވާފައެވެ.
މި ފުރުޞަތުގެ ދަށުން، ހޯރަފުއްޓަށް ހިޖުރަކުރަން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުން މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނަން ނޯޓު ކުރަން ޖެހޭނެއެވެ. ނަން ނޯޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ) ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާ މެދުވެރިކޮށެވެ.
މީގެ އިތުރުން، އިދާރާއަށް ހާޒިރުވުމުގެ ބަދަލުގައި، ހަނިމާދޫ ކައުންސިލްގެ އީމެއިލް Info@hanimaadhoo.gov.mv އަށް ލިޔުމަކުން ނުވަތަ އެ ކައުންސިލްގެ ނަންބަރު 4002064 އަށް ގުޅައިގެންވެސް ނަން ނޯޓު ކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.


