އީރާނަށް ވައިގެ ހަމަލާ ދީފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭ ކަމަށް އީރާނުން ކުރިން އިންޒާރުކޮށްފައި ވަނިކޮށް އެމެރިކާގެ އުދުވާނީ ސިފައިން އީރާނުގެ ދެކުނުގެ ސިޓީތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.
ހަމާތައް އަމާޒުކުރަމުންދާ ސިޓީތަކުގެ ތެރޭގައި، ބަންދަރު އައްބާސްވެސް ހިމެނެއެވެ. ބަންދަރު އައްބާސްއަކީ އީރާނުގެ އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތައް ގާއިމްވެފައިވާ ސިޓީއެވެ. އަދި އީރާނުގެ ޝިޕިންގ އިންފްރާސްޓްރަކްޗަރވެސް ގާއިމްވެފައިވާ ރަށަކީ ބަންދަރު އައްބާސްއެވެ.
އެމެރިކާ ސިފައިންގެ އުދުވާނީ ހަމަލާތަކުގެ ސަބަބުން ބަންދަރު އައްބާސްގެ ބަނދަރު ސަރަހައްދުތަކުގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.
ބަންދަރު އައްބާސްގެ އިތުރުން، އީރާނުގެ ސިރިކް ޕޯޓް ސަރަހައްދަށާއި، ގޭޝްމް އައިލެންޑަށްވެސް އެމެރިކާ ސިފައިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންގެންދާ ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ.
އެމެރިކާ ސިފައިންގެ ހަމަލާތަކާ ގުޅިގެން ދެކުނުގެ އެކި ސިޓީތަކުން ބާރުގަދަ ގޮވުންތައް ގޮވަމުންދާ އަޑު އިވެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ސިފައިން އީރާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންމިގެންދަނީ، ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު ޓޭންކަރުތަކަށް އީރާނުން ހަމަލާ ދިނުމުން އެކަމުގެ ރައްދުގައި ކަމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެއެވެ.
އެގޮތުން ބުނެފައިވަނީ، ސިފައިން ހަމަލާތައް ދެމުންގެންދަނީ، އެއަރ ޑިފެންސް ސިސްޓަމްތަކާއި، ސަރވެއިލަންސް ސިސްޓަމްތަކާއި، މިސައިލް ބެޓަރީތަކާއި، އެންޓި ޝިޕް ކްރޫޒް މިސައިލް ސައިޓްތަކާއި، ޑްރޯން އުދުއްސާ ސައިޓްތަކާއި، ޕޯޓް ފެސިލިޓީސްތަކަށް ކަމަށެވެ.
އެމެރިކާގެ ހަމަލާތައް އަދިވެސް ކުރިއަށްގެންދާތީ އީރާނަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
އެމެރިކާ ސިފައިން އީރާނަށް ވައިގެ ހަމަލާތަކެއް ދެމުން މިގެންދަނީ، ދެފަރާތުގެ ދެމެދުގައި އެންމެފަހުން ބަދަލުކުރި ހަމަލާތަކަށްފަހު އީރާނަށް ދެން ހަމަލާ ދީފިނަމަ ވޭންދެވިނި ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށް އީރާނުން އިންޒާރު ކޮށްފައި ވަނިކޮށެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، އީރާނުގެ އަވާހަރަ ކޮށްލާފައިވާ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ކުރިއަށްދާތީ، އީރާނުން މާ ވަރުގަދަ ރައްދުތަކެއް ދޭނޭ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ނުދެކޭ ކަމަށެވެ.
ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމާއި، ކަށުނަމާދަށްފަހު އޭނާގެ ހަށިކޮޅު މިހާރުވަނީ އީރާނުގެ ނަޖަފަށް ގެންދެވިއެވެ.
އަނެއްކޮޅުން، އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ހުރީ ނޭޓޯ ސަމިޓްގައި ބައިވެރިވުމަށް ތުރުކީއަށް ގޮހެވެ. ހަމަލާތަކާ ގުޅޭގޮތުން ޓްރަމްޕް އަދި އެއްޗެއް ނުބުނެއެވެ.
ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ މީޑިއާއިން ބުނަނީ، އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިސައިލްތަކުގެ ވަރުގަދަ ހަމަލާތަކެއް ދިނުމަށް އީރާނުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
އީރާނުން ދޭނޭ ރައްދުގެ ކުޑަބޮޑުމިން އަދި ނޭނގޭތީއާއި، މި ފެށުނު ކުރިމަތިލުންތަކާ ގުޅިގެން އީރާނު-އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ދެން ވާހަކަތައް ބޭއްވިދާނެ ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ވާހަކަ ދައްކައިގެން ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ އެއްވެސް އިޚްލާސްތެރިކަމެއް އެމެރިކާގެ ނެތްކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ގޮސްފައި ވެއެވެ. އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އީރާނަށް ހަމަލާދީ އެމްއޯޔޫގެ 1 ވަނަ މާއްދާއާއި 2 ވަނަ މާއްދާއާ އެމެރިކާ ކަނޑައެޅިގެން ޚިލާފްވެއްޖެ ކަމަށެވެ.



