އެފްރިކާއިން 8،000 ކިލޯމީޓަރުގެ “ގަސްފާރެއް” ބިނާކުރަނީ

ކޮލަމް ފަހުގެ

ސެނެގާލްގެ އެޓްލާންޓިކް އައްސޭރިފަށުން ފެށިގެން ރަތްކަނޑުގެ އައްސޭރީގައިވާ ޖިބޫތީއާ ހަމައަށް، އެފްރިކާއިން ދަނީ ތިމާވެށީގެ ގޮތުން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް މަޝްރޫޢު ކުރިއަށް ގެންދަމުންނެވެ. “ގްރޭޓް ގްރީން ވޯލް” (ބޮޑު ފެހި ފާރު) ގެ ނަމުން މަޝްހޫރުވެފައިވާ މި މަޝްރޫޢަކީ “ސަހަރާ” (ސަހަރާ ޑެޒާޓު) ބޯޑަރުގައި އޮންނަ، ހަނަފަސް ސަރަޙައްދެއް ކަމަށްވާ ސާހެލްގެ ހުރަހަށް ގާތްގަނޑަކަށް 8،000 ކިލޯމީޓަރަށް ދެމިގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ބޭނުމަކީ ހަމައެކަނި ގަސް އިންދުމެއް ނޫނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ހަލާކުވެފައިވާ ބިންތައް އަލުން އާރާސްތުކުރުމާއި، ސަހަރާގެ އިތުރުވަމުންދާ ހަނަފަސްކަން (ޑެޒަޓިފިކޭޝަން) ހުއްޓުވުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް އެ ސަރަޙައްދުގެ މުޖުތަމަޢުތަކަށް އެހީތެރިވުމެވެ. މި “ބޮޑު ފެހި ފާރު” މަޝްރޫޢަކީ ގަސް އިންދުމާއެކު ޖަންގަލިތަކާއި، ވިނަގަނޑުތަކާއި، ދަނޑުބިންތަކާއި ޗަސްބިންތައް އަލުން ދިރުވައި، ދުނިޔޭގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަޙައްދަށް އަލުން ދިރުން ގެނެސްދޭ މަޝްރޫޢެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެފްރިކާގެ 8،000 ކިލޯމީޓަރުގެ “ގަސްފާރު” އަކީ ކޮބާ؟

“ގްރޭޓް ގްރީން ވޯލް” މަޝްރޫޢަކީ ސާހެލް ސަރަޙައްދަށް ކުރިމަތިވަމުންދާ ތިމާވެށީގެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި 2007 ވަނަ އަހަރު އެފްރިކަން ޔޫނިއަނުން އިސްނަގައިގެން ފެށި ދިގުމުއްދަތުގެ މަސައްކަތެކެވެ. މި ސަރަޙައްދު އޮންނަނީ އެފްރިކާ ބައްރުގެ ހުރަހަށް، ސަހަރާގެ (ސަހަރާ ޑެޒާޓު) ދެކުނުން އޮންނަ ފެހިކަން ގަދަ ސަވާނާ ސަރަޙައްދު ވަކިކޮށްދޭ ބޯޑަރެއްގެ ގޮތުގައެވެ.

ފުރަތަމަ މި މަޝްރޫޢު ތަޞައްވުރު ކުރެވުނީ ގާތްގަނޑަކަށް 8،000 ކިލޯމީޓަރު ދިގު އަދި 15 ކިލޯމީޓަރު ފުޅާ މިނުގެ މެދުނުކެނޑި ދެމިގެންދާ ގަސްބާރެއް ހެދުމަށެވެ. ނަމަވެސް، ދުވަސްތަކެއް ފަހުން ސައިންސްވެރިންނާއި ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކަށް ވިސްނުނީ، ހަމައެކަނި އެއް ސަފަކަށް ގަސް އިންދުމަށްވުރެ، މުޅި ސަރަޙައްދުގެ ތިމާވެށި އަލުން ދިރުވުމަކީ މާ ނަތީޖާ ރަނގަޅުވާނެ ކަމެއް ކަމެވެ. މިއަދު މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އެ ސަރަޙައްދެއްގެ ޙާލަތާ ގުޅޭގޮތުން ޖަންގަލިތަކާއި، ވިނަބިންތަކާއި، ޗަސްބިންތަކާއި، ދަނޑުވެރި ބިންތަކުގެ އިތުރުން އެތަނަށް ޚާއްޞަ ގަސްގަހާގެހި އަލުން ދިރުވުމެވެ.

އެފްރިކާއަށް “ގަސްފާރެއް” ބޭނުންވަނީ ކީއްވެ؟

ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ސާހެލް ސަރަޙައްދަށް ވަނީ ހަނަފަސްވުމާއި، ބިން ހަލާކުވުމާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެއްފަހަރާ ކުރިމަތިވެފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކު އާމްދަނީ ހޯދުމަށް ބަރޯސާވަނީ ދަނޑުވެރިކަމާއި ނާމްސޫފި ގެންގުޅުމަށެވެ. ބިންތައް ހަލާކުވެ، ވާރޭ ވެހޭ މިންވަރު ލަފާކުރަން ދަތިވުމުގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް މަދުވެ، ކާނާގެ ނުރައްކާތެރިކަމާއި ފަގީރުކަމާ މުޖުތަމަޢުތަކުން ކުރިމަތިލާން ޖެހުނެވެ.

“ގްރޭޓް ގްރީން ވޯލް” މަޝްރޫޢުގެ ބޭނުމަކީ ބިމުގެ ފަސްގަނޑު ރަނގަޅުކޮށް، ފެން ހިފަހައްޓާ މިންވަރު މަތިކޮށް، ގަސްގަހާގެހި އިތުރުކޮށް، ދަނޑުވެރިކަން ކުރާ ބިންތަކަކީ ނަފާލިބޭ ބިންތަކަކަށް ހަދައިގެން މި ޙާލަތު ބަދަލުކުރުމެވެ. މީގެ އިތުރުން، ދިރުންތަކުގެ ނަސްލުތައް (ބަޔޯޑައިވަރސިޓީ) ރައްކާތެރިކޮށް، އާމްދަނީ ހޯދުމަށްޓަކައި މީހުން އަމިއްލަ ވަޒަން ދޫކޮށް ދާންޖެހޭ ދިއުން މަދުކުރުމަކީވެސް މި މަޝްރޫޢުގެ އުންމީދެކެވެ.

މިއީ ހަމައެކަނި ގަސް އިންދުމަށްވުރެ މާ ފުޅާ މަސައްކަތެއް

މަޝްރޫޢަށް ކިޔާ ނަމުން ހީވި ނަމަވެސް، “ގްރޭޓް ގްރީން ވޯލް” އަކީ ބައްރުގެ ހުރަހަށް އެއްވެސް މެދުކެނޑުމެއްނެތި ދެމިގެންދާ އެއް ގަސްފާރެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ސަރަޙައްދެއްގެ އިކޯސިސްޓަމާ (މާހައުލީނިޒާމު) ގުޅޭގޮތަށް ފަރުމާކޮށްފައިވާ ތަފާތު ގިނަ މަޝްރޫޢުތަކެއްގެ އެއްވުމެކެވެ. ބައެއް ސަރަޙައްދުތަކުގައި އެތަނަށް ޚާއްޞަ ގަސްތައް އިންދާއިރު، އަނެއްބައި ސަރަޙައްދުތަކުގައި ދަނޑުވެރިން ދަނީ އަމިއްލައަށް ފަޅާ ގަސްގަހާގެހި ހިމާޔަތްކޮށް، ވިނަބިންތައް އާލާކޮށް، ފަސްގަނޑުގެ ފެންވަރު ރަނގަޅުކޮށް، ވާރޭފެން ރައްކާކޮށް، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް އަހުލުވެރިކުރަމުންނެވެ.

މަޝްރޫޢުގެ މުހިންމު ބައެއް ކަންކަން

މި މަޝްރޫޢުގެ ބޮޑުމިނަކީ ހައިރާންވާފަދަ ބޮޑު މިނެކެވެ. 2030 ވަނަ އަހަރާ ހަމައަށް މި މަޝްރޫޢުގެ އަމާޒަކީ:
* ހަލާކުވެފައިވާ 100 މިލިއަން ހެކްޓަރުގެ ބިން އާރާސްތުކުރުން (މިއީ ގާތްގަނޑަކަށް މިޞްރުގެ ބޮޑުމިނުގެ ސަރަޙައްދެކެވެ).
* ޖައްވުން ބޭރުވާ 250 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރުން.
* އެފްރިކާގެ އެކި ކަންކޮޅުތަކުގައި 10 މިލިއަން “ގްރީން” ވަޒީފާ އުފެއްދުން.
* ސާހެލްގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކަށް ކާނާގެ ރައްކާތެރިކަމާއި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދިނުން.

މި މަޝްރޫޢަށް އެފްރިކާގެ 20 އަށްވުރެ ގިނަ ޤައުމާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ތަރައްޤީގެ ބޭންކުތަކާއި ތިމާވެށީގެ ގްރޫޕްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކުރިއެރުންތައް މިހާރުވެސް ފެންނަން ފަށައިފި

މި މަޝްރޫޢު ނިންމުމަށް އަދި އަހަރުތަކެއް ހޭދަވި ނަމަވެސް، ބައެއް ޤައުމުތަކުން މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. ސެނެގާލުން ވަނީ މިލިއަނުން ގަސް އިންދައި، ހަލާކުވެފައިވާ ބޮޑެތި ބިންތަކެއް އާރާސްތުކޮށްފައެވެ. އަދި އިތިއޯޕިއާއިން ވެސް ބޮޑެތި މަޝްރޫޢުތަކެއްގެ އެހީގައި އެތައް މިލިއަން ހެކްޓަރުގެ ބިން އަލުން ދިރުވާފައެވެ. ނައިޖީރިއާ، ނައިޖަރ އަދި އެހެން ބައެއް ޤައުމުތަކުން ވެސް ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބިން ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރަމުންނެވެ.
އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް 30 މިލިއަން ހެކްޓަރުގެ ބިން މިހާރުވެސް ވަނީ އަލުން އާރާސްތުކުރެވިފައެވެ. މިއީ ބޮޑު ކުރިއެރުމެއް ނަމަވެސް، 2030 ގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި އިތުރު ފަންޑިންގާއި، ސަރަޙައްދީ އެއްބާރުލުން ބޭނުންވާނެ ކަމަށް މާހިރުން އެއްބަސްވެއެވެ.

މުސްތަޤްބަލަށްޓަކައި މުހިއްމު ފާރެއް

ސަރަހައްދީ އިން ވަކިކުރުމަށް ހަދާ ފާރުތަކާ ޚިލާފަށް، އެފްރިކާގެ “ގްރޭޓް ގްރީން ވޯލް” ފަރުމާކޮށްފައިވަނީ ބިންތައް ގުޅުވައިދީ، އިކޯސިސްޓަމްތައް އާލާކޮށް، މުޖުތަމަޢުތައް ވަރުގަދަކުރުމަށެވެ. މީގެ ކާމިޔާބީ މިނޭނީ ހަމައެކަނި އިންދާ ގަހުގެ އަދަދަކުން ނޫނެވެ. އޭގެ ބަދަލުގައި، ފަސްގަނޑުގެ ދިރުމާއި، ޖަނަވާރުތަކާއި ދޫނިސޫފާސޫފީގެ އާބާދީ އިތުރުވުމާއި، މީހުންގެ ދިރިއުޅުން ރަނގަޅުވުމާއި، ބަދަލުވަމުންދާ މޫސުމަށް ހޭނުމުގެ ޤާބިލުކަން ލިބޭ މިންވަރުންނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ތިމާވެށީގެ ގޮންޖެހުންތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން، ކެތްތެރިކަމާއެކު ކުރާ ދިގުމުއްދަތުގެ މަސައްކަތުންކަން ހަނދާންކޮށްދޭ ވަރުގަދަ ނަމޫނާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ