މޯދީގެ ހުށަހެޅުން އިންޑިއާގެ ޒުވާނުންނާއި އިދިކޮޅު ފަރާތްތަކުންވެސް ގަބޫލެއް ނުކުރި

ޚަބަރު ފަހުގެ ދުނިޔެ

އިންޑިއާގެ ޒުވާނުންގެ ހަރަކާތް “ކޮކްރޮޗް ޖަންތާ ޕާޓީ -ސީޖޭޕީ” އިން ކުރިއަށްގެންދާ އިހުތިޖާޖު ހުއްޓުވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުމާ ސީޖޭޕީއާއި، އިދިކޮޅު ޕާޓީތަކުންވެސް ދެކޮޅު ހަދައިފިއެވެ.

އިންޑިއާގައި ގައުމީ އިމްތިހާނު ޕޭޕަރު ލީކްވި މައްސަލާގައި ޒުވާނުން ޑިމާންޑް ކުރަމުންދަނީ މަރުކަޒީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށާއި، ގައުމީ އިންތިހާނު ޕޭޕަރު ކުރިއަށް އޮތް ތާނގައި ލީކް ނުވާނޭގޮތައް ހަރުކަދަނާ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށެވެ. ޒުވާނުންގެ ޑިމާންޑާ އެއްގޮތަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުންވެސް ފަހުން ގޮވަލުން ގެންދަނީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައި ޒުވާނުން އިހުތިޖާޖް ކުރަމުންދާތާ އެތައް ދުވަހެއް ވީއިރުވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ވެރިޔަކުވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭގެ ބަދަލުގައި ފެނިގެންދިޔައީ، ސަލަމާތީ ބާރުތައް ނެރެގެން ޒުވާނުންގެ ގައިގައި ލަޓިބުރިން ތަޅައި ބޮޑެތި އަނިޔާތައްކޮށް އިހުތިޖާޖު ރޫޅާލަން މަސައްކަތް ފެށިތަނެވެ. ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނާއި، ޅަޒުވާނުންނާއި ޒުވާނުންގެ އެތައްސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައި ވެއެވެ. އަދި ސަލާމަތީ ބާރުތަކުން ވަނީ އެތައްސަތޭކަ ޒުވާނުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ސަލާމަތީ ބާރުތަކުން އިހުތިޖާޖު ރޫޅާލުމުން މައިދާނަށް ދެން ނުކުތް ޒުވާނުން އެތައްގުނަ އިތުރުވެފައި އިހްތިޖާޖް އިތުރަށް ހޫނުވެގެންދިޔައެވެ. މައި ސަރުކާރުގެ އެންގުމަށް ސަލާމަތީ އިތުރު ފައުޖުތައް ނެރުނު ނަމަވެސް ޖަންތަރު މަންތަރު ސަރަހައްދުން ޒުވާނުން ދުރުކޮށެއް ނުލެވުނެވެ. ޒުވާނުގެ ހައްގުގައި ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ނުފޫޒުގަދަ ފަންނުވެރިން ނުކުމެ މައިދާނަށް ޖަމާވާން ފެށިއެވެ.

ނުވިތާކަށް، ނިއުދިއްލީގައި ފެށުނު ޒުވާނުންގެ ހަރަކާތް އިންޑިއާގެ އެތައް ސްޓޭޓަކަށް ފެތުރި، ޒުވާނުންނާއި ކިޔަވާކުދިންވެސް މަގުތަކަށް ނުކުމެ މުޒާހަރާތައް ފަށާފައި ވެއެވެ.

ޖަންތަރު މަންތަރު މައިދާނުގެ އިހުތިޖާޖް ހޫނުވެ، އިންޑިއާގެ ޕާލަމެންޓުގެ ތެރޭގައިވެސް އަރާރުންތައް ބޮޑުވެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ހަތަރުދުވަސް ވެއްޖެއެވެ.

ޒުވާނުންނާއި ކިޔަވާކުދިންގެ އިހްތިޖާޖު ކޮންޓްރޯލުން ނެއްޓި، ސަރުކާރަށް ނުރައްކާ ވެދާނެކަން ގައިމުވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޒުވާނުންނަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. މޯދީ ހުށަހެޅުއްވީ، އިމްތިހާނު ޕޭޕަރު ލީކްވި މައްސަލަ ބެލުމަށް އަވަސްނިޔާގެ ކޯޓެއް އުފައްދަވައި، އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދެއްވުމަށެވެ.

ނަމަވެސް، “ކޮކްރޮޗް ޖަންތާ ޕާޓީ -ސީޖޭޕީ” އިން ބުނީ، އެވަރަކުން ނުފުދޭ ކަމަށާއި، އެމީހުންގެ ޑިމާންޑްތައް ބަދަލު ނުކުރެވޭނޭ ކަމަށެވެ.

އެމީހުންގެ ޑިމާންޑްތަކަކީ، ޔޫނިއަން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިންސްތިއުފާ ދެއްވައި، އިންތިހާނު ޕޭޕަރުގެ މައްސަލާގައި އަމިއްލައަށް މަރުވި ހުރިހާ ކިޔަވާކުދިންގެ އާއިލާތަކަށް ބަދަލުދިނުމާއި، ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންގެންދާ ސޯނަމް ވަންގްޗުކް މިނިވަންކުރުމާއި، އިހްތިޖާޖަށް ނުކުމެ އުޅެނިކޮށް ހިފައި ހައްޔަރުކޮށް ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމެވެ.

“ކޮކްރޮޗް ޖަންތާ ޕާޓީ -ސީޖޭޕީ” ގެ ލީޑަރު އަބިޖީތު ދިޕްކޭ މިއަދުވަނީ ބޮޑުވަޒީރު މޯދީއަށް އަމާޒުކޮށް ސުވާލުތަކެއް ކޮށްފައެވެ. އިންޑިއާގެ އެތަކެއް ކްރޯޑް ކިޔަވާކުދިންނަށްވުރެ ބޮޑުވަޒީރު މޯދީއަށް އެޑިއުކޭޝަން މިނިސްޓަރު މުހިންމުވެގެން އުޅެނީ ކީއްވެގެންތޯ އޭނާ ސުވާލުކުރިއެވެ. އެތަކެއް ކްރޯޑް ކިޔަވާކުދިންނަށްވުރެ ބޮޑުވަޒީރަށް ފެއިލްވެފައިވާ މިނިސްޓަރަކު މުހިންމުވާނަމަ ކުރިއަށްއޮތް އިންތިޚާބުގައި އެކަން ދައްކާނޭކަމަށް ދިޕްކޭ ބުނެފައި ވެއެވެ.

ހަމަ އެއާއެކު، ބޮޑުވަޒީރު ގޮތްދޫނުކޮށް ހިފަހައްޓާނަމަ އެޑިއުކޭޝަން މިނިސްޓަރާއެކު މޯދީ އިސްތިއުފާ ދޭންޖެހޭވަރު ކުރާނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.

ސަލާމަތީ ބާރުތަކުން ނާޖާއިޒް ބާރުގެ ބޭނުންކުރާ މަންޒަރުގެ ވީޑިއޯތައް މުޅި ދުނިޔެއަށް ފެތުރި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ނުރުހުންވެސް އިންޑިއާ ސަރުކާރަށް އަމާޒުވެގެން ގޮސްފައި ވެއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުށަހެޅުންތަކެއް ޖަންތަރު މަންތަރު ޒުވާނުންނަށް އައި ނަމަވެސް، އިންޑިއާ ސަރުކާރުންވަނީ، މުޒާހަރާކުރާ މީހުން ތިންމަސްދުވަހަށް ހިފައި ހައްޔަރުކޮށްގެން ގެންގުޅުމުގެ ބާރު ދިއްލީ ޕޮލިސް ކޮމިޝަނަރަށް މިއަދު ދީފައެވެ. މޯދީ ވިދާޅުވާ އެއްޗަކާއި އޭނާގެ ސަރުކާރުން އަމަލުކުރާގޮތް ދިމައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ