މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ / ހަނދުވަރީގެ، އިސްމާޢީލް އިޒްހާން (25އ) އާއި، ލ. އިސްދޫ / ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، އިއްޔެ ހުޅުމާލެ ފޭސް 1ގެ ވެމްކޯ ބުރިޖު ކައިރިންނެވެ.
މި މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުން ވިދާޅުވީ، މި މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިހިތަކެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ، އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ، މަސައްކަތް ކުރަމުންނެވެ.


