އީރާނުން އަސްކަރީ ސާމާނު އުފެއްދުން ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ.
އަސްކަރީ ސާމާނު އުފެއްދުން އިތުރުކުރުމުގެ އިތުރުން، އެފަދަ ސާމާނުގެ “ވައްތަރާއި، އޭގެ އެޕްލިކޭޝަންތަކާއި އަދި އޭގެ އުކުޅުތައްވެސް އީރާނުން ފުޅާކުރަމުން ގެންދާ ކަމަށް، އީރާނުގެ އެއަރ ޑިފެންސް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ ވިދާޅުވިއެވެ.
“އަހަރެމެން ތައްޔާރު” ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ ވިދާޅުވިއެވެ.
ބްރިގޭޑިއަރ ޖެނެރަލް އަލީރިޒާ އިލްހާމީ މިފަދައިން ވިދާޅުވިއިރު، އީރާނުގެ ސިޔާސީ ވެރިންނާއި އަދި އަސްކަރިއްޔާގެ އެކި ވިންގުތަކުގެ ވެރިން މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، އެމެރިކާ އަދި އިސްރާއީލާ ކޮންމެ ފަދަ ކުރިމަތިލުމަކަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
އީރާނުން އިހަށްދުވަހުވަނީ ފުރަތަމަ ފަހަރަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ހަމަލާދޭން ފަށާފައެވެ. ފުރަތަމަ ހަމަލާ ދިނުމަށް ބޭނުންކުރީ އެންޓި ޝިޕް މުޅިން އައު މިސައިލެކެވެ. މިއީ، އައު މިސައިލް ޓެސްޓްކުރި ފުރަތަމަ ފަހަރު ކަމަށް އީރާނު ކަނޑުގެ ސިފައިން ބުނެފައި ވެއެވެ.
ނުވިތާކަށް، ސަރަހައްދުގައި އެމެރިކާ ސިފައިން ސިއްރިއްޔާތުގައި އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަން ހޯދައި، އެ ތަންތަނަށްވެސް އީރާނުންވަނީ އިސްވެ ހަމަލާތައް ދޭން ފަށާފައެވެ.
ހަނގުރާމައިގެ އުކުޅުތަކަށް ބަދަލުގެނެސް، އީރާނަށް ނުރައްކާ ކޮށްފާނެހެން ހީފާ ތަންތަނަށް އީރާނު ސިފައިން އިސްވެ ހަމަލާތައް ދޭން ފެށުމުން އެމެރިކާ ވަނީ ވަރަށް ކަންބޮޑުވެފައެވެ.
އީރާނު ކަނޑުގެ ލަޝްކަރުގެ ކޮމާންޑަރ ރިއާ އެޑްމިރަލް ޝަހްރާމް އިރާނީ މިއަދު ވިދާޅުވީ، އީރާނު އަސްކަރިއްޔާއިން ހަނގުރާމައިގެ އުކުޅުތައް ބަދަލުކޮށް، އިސްވެ ހަމަލާތައް ދޭން ފެށުމާއި، އަސްކަރީ ހަރަކާތްތައް ފުޅާކޮށްފައިވާތީ އެމެރިކާ ވަރަށް ކަންބޮޑުވެފައިވާ ކަމަށެވެ.
ރިއާ އެޑްމިރަލް ޝަހްރާމް އިރާނީ ވަނީ، އީރާނު އަސްކަރިއްޔާ ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ ކޮންމެ ތަނެއްގައި އެމެރިކާ ސިފައިން “ގްރައުންޑް” ކުރާނޭކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންނަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާ ސިފައިން ސިއްރު އަސްކަރީ ހަރަކާތްތައް ހިންގާ ތަންތަން ހޯދައި އެ ތަންތަނަށް އީރާނުން ހަމަލާދެމުން ގެންދާއިރު، އެމެރިކާއަށް އެންމެ ބޮޑަށް ވާގިވެރިވާ އިސްތިއުމާރީ އިސްރާއީލުގެ ތާކަށް އީރާނުން އަދި މިފަހުން ހަމަލާއެއް ނުދެއެވެ. މުޖުރިމު ނަތަންޔާހޫ ފޮނިކަނޑަމުން އިހަށްދުވަހު ބުނީ އިސްރާއީލަށް ހަމަލާދޭން އީރާނު އުޅެނީ ބިރުން ކަމަށާއި، އިސްރާއީލަށް ހަމަލާއެއް ދީފިނަމަ އީރާނުގެ “ދުވަސް ދުއްވާލާނޭ” ކަމަށެވެ.
އެކަމަކު، އިސްރާއީލާއި އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނަނީ، އިސްރާއީލަށް ކުއްލި އަދި ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާކަން އިސްރާއީލު ގަބޫލުކުރާ ކަމަށެވެ.
މިފަހަރު އިސްރާއީލަށް ހަމަލާ ދޭން އުޅެނީ އީރާނުން އެކަނި ނޫން ކަމަށާއި، އިސްރާއީލަށް ހަމަލާތައް އަންނާނީ ހުރިހާ ދިމާއަކުން ކަމަށްވެސް އިސްރާއީލު ދެކެއެވެ. އިސްރާއީލަށް ހަމަލާ ދިނުމުގައި އީރާނާއެކު ލުބުނާނުގެ ހިޒްބުالله، ފަލަސްތީނުގެ ހަމާސް، ޔަމަނުގެ ހޫޘީން އަދި އީރާނާ ގުޅިފައިވާ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތައްވެސް ބައިވެރިވާނޭ ކަމަށާއި، މިއީ، އެންމެން ގުޅިގެން އެއްފަހަރާ އިސްރާއީލަށް ހަމަލާދޭން ފެށުމުގެ ޕްލޭނެއް ކަމަށް އިސްރާއީލުން ގަބޫލު ކުރެއެވެ. މިކަމުގެ ރޭވުންތައް ރާވައި ތަމްރީނުތައް މިހާރު ހަދަމުންދާ ކަމަށްވެސް އިސްރާއީލު ގަބޫލުކުރެއެވެ.
މިކަމުގެ ބިރަށް މުޖުރިމު ނަތަންޔާހޫއާއި، ޑިފެންސް މިނިސްޓަރ ކާޓްޒް އެކި ފަހަރުމަތިންވަނީ އީރާނަށް އިންޒާރުކޮށްފައެވެ. އިސްރާއީލަށް ހަމަލާ ދީފިނަމަ އީރާނަށް އެވެނި މިވެނިހެން ހަދާނޭ ކަމަށްވެސް ބުނެ އިންޒާރު ކޮށްފައި ވެއެވެ.
ހަގީގަތަކީ، ދުނިޔޭގެ އެންމެ ވަރުގަދަ ބާރު ކަމަށްބުނާ އެމެރިކާއާއި އިސްތިއުމާރީ ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ވަރުގަދަ އުދުވާނީ ހަނގުރާމައެއް ފެށީ އީރާނު ބަލިކޮށް، ވެރިކަން ބަދަލުކޮށް އެމީހުންނަށް އަޅުވެތިވާ ގައުމަކަށް އީރާނު ހެދުމަށެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލު ހަނގުރާމައިން ބަލިވެގެންދިޔައީ ނިކަމެތިކަމާ އެކުގައެވެ. އިސްތިއުމާރީ ދައުލަތުން ކިތަންމެ ސިއްރުކުރި ނަމަވެސް އީރާނުގެ ވަރުގަދަ ހަމަލާތަކުގައި އިސްރާއީލުގެ އެތަކެއް ރަށެއް ސުންނާފަތި ކޮށްލިކަން އެއީ ދުނިޔޭގެ އެންމެނަށްވެސް މިއަދު އެނގޭ ހަގީގަތެކެވެ.
އީރާނުން ދެން އިސްރާއީލަށް އަސްކަރީ ހަމަލާއެއް ދޭންޖެހުން އެއީ ޒަޔަނިސްޓު ދައުލަތުގެ ނިމުން ކަމަށް ހަދާނޭ ކަމަށް އީރާނުންވަނީ ވައުދުވެފައެވެ. އެމެރިކާގެ މަދަދާ ނުލައި އިސްރާއީލަށް އެންމެ ދުވަހަކަށްވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނޭކަން އިސްރާއީލަށްވެސް އެނގެއެވެ. ނަތަންޔާހޫ މިހާރުވެސް އުޅެނީ އެމެރިކާ ލައްވައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށެވެ.
އެކަމަކު، އެމެރިކާގެ ހާލަތު އެފަދަ ކަމަކަށް މިވަގުތު ތަން ނުދޭކަން އެމެރިކާ އަސްކަރިއްޔާގެ ވެރިންގެ ވާހަކަތަކުން ހާމަވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާ ސަރުކާރުގެ ވެރިންގެ ވާހަކަތަކުންވެސް އެކަން އެނގި ހާމަވެއެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ 4 ދުވަހުން އީރާނު ބަލިކޮށްލުމަށެވެ. އޭގެފަހުން ޓްރަމްޕް މުއްދަތު ދިނީ އެއް ހަފްތާ، އޭގެފަހުން 2 ހަފްތާ، އެހެންގޮސް މަސް ދެމަސްވެ މިހާރު 7 މަސްވީއެވެ. އެމެރިކާއާއި އިސްރާއީލު ހީކުރިގޮތާ ޚިލާފަށް އީރާނު ފެނުނީ ވަރުގަދަ އަސްކަރީ ބާރެއްގެގޮތުގައެވެ.



