ވެރިރަށް ސަންއާ ހިމެނޭގޮތުން ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަން ކުރަމުންދާ ހޫޘީން ސައުދީ އަރަބިއްޔާއަށް ދެމުންގެންދާ ހަމަލާތަކުގައި އީރާނު ބައިވެރިވާ ކަމަށް ސައުދީ އަރަބިއްޔާއިން ކުރި ތުހުމަތު އީރާނުން ވަރަށް ބޮޑަށް ދޮގުކޮށްފިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަމަނުގެ ހޫތީން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އީރާނުގެ ދައުރެއް އޮތްކަމަށް ދައްކާ ހުރިހާ ވާހަކަތަކާ އީރާނު ސަރުކާރު ދެކޮޅު ހަދާ ކަމަށެވެ.
އިސްމާއިލް ބަގާޔީ ވިދާޅުވީ، ހޫޘީންނާއި ސައުދީ އަރަބިއްޔާއާ ދެމެދު ހިނގަމުންދާ އަދާވާތްތެރިކަން ނިމުމަކަށް ގެނައުމަށް އެހީތެރިވުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
ސައުދީ އަރަބިއްޔާއާއި އަދި ހޫޘީން އެދިއްޖެނަމަ ދެ ފަރާތް ސުލްހަވުމަށް މަސައްކަތް ކުރުމުގައި އެހީތެރިވާން އީރާނަށް ލިބިފައިވާ ހުރިހާ ގާބިލްކަމެއް ބޭނުންކުރަން ތައްޔާރަށް އޮތް ކަމަށްވެސް ބަގާޔީ ވިދާޅުވިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން މިއަދު ރިޕޯޓްކޮށްފައިވަނީ، ސައުދީ އަރަބިއްޔާގެ އަމާޒުފަށްގަނޑުތަކަށް ޑްރޯން އާއި މިސައިލް ހަމަލާތައް ދިނުމަށް އީރާނުން ހޫޘީންނަށް ޖާސޫސީ މައުލޫމާތާއި ހަތިޔާރާއި ތަމްރީނާއި ސީދާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
ހަމަ އެއާއެކު، ޔަމަނު ސިފައިންގެ އަތްދަށުން ބާބުލް މަންދަބުގެ އައްސޭރިފަށް އަލުން އަތުލުމާއި، ތައީޒްގެ ބައެއް އަވަށްތައް އަލުން ހިފުމަށް އީރާނުގެ އިންގިލާބީ ލަޝްކަރުގެ ސިފައިން މައިދާނުގައި ތިބޭ ހޫޘީންނަށް ސީދާ އެހީތެރިވަމުންދާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ އެކި ހިސާބުތަކަށް ހޫޘީން މިއަދުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ. ހޫޘީންނާ ދެކޮޅަށް އަސްކަރީ ހަމަލާ ދިނުމުގައި ބައިވެރިވާ ސައުދީ ކޯލިޝަނުން ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، އީސްޓަން އަދި ސަދަން ޕްރޮވިންސްތައް މަތިން އައި ހޫޘީންގެ 4 ޑްރޯންއަށް ސިފައިން ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
ހޫޘީން މިއަދު ހަމަލާ އަމާޒުކުރި ތަންތަނުގެ ތެރޭގައި ސައުދީ ސިފައިންގެ ކޮމާންޑް ސެންޓަރެއްވެސް ހިމެނެއެވެ.
ހޫޘީން ސައުދީ އަރަބިއްޔާގެ ތަންތަނަށް ހަމަލާތައް ދެމުންގެންދަނީ، ސައުދީ އަރަބިއްޔާއިން ޔަމަނުގެ ވައިގެ ސަރަހައްދު ބަންދުކޮށްގެން އޮތުމާއި، ޔަމަނާ ދެކޮޅަށް ހަމަލާދެމުން ގެންދާތީއެވެ.
ހޫޘީން އަންގަނީ، ސައުދީ އަރަބިއްޔާއިން ޔަމަނުގެ ވައިގެ މަގު ބަންދުކޮށްފައި އޮތް އޮތުމާއި، އަދި ޔަމަނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށާއި، ތެލުގެ ސިނާއަތާ ގުޅުންހުރި ތަންތަނަށާއި އަދި ސައުދީ އަސްކަރީ ތަންތަނަށް ހަމަލާދިނުން ހުއްޓާނުލާނޭ ކަމަށެވެ.
ހޫޘީންގެ ހަމަލާތައް ވަރުގަދަވެ ސައުދީ އަރަބިއްޔާއަށް ބޮޑެތި ގެއްލުންތައް ލިބި ސައުދީގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަނީ ނުރައްކާ ފޯރާފައެވެ.
ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރަން ސައުދީ އަރަބިއްޔާއިން ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯއައިސީގެ ޚާރިޖީ ވަޒީރުން މިހާރު ތިއްބެވީ ބަޣުދާދުގައެވެ.
ސައުދީ ދިފާއުކުރަން އަމަލީގޮތުން ނުކުންނަން މިސްރު ތައްޔާރުވަމުން ދާއިރު، ދެބަސްވުންތަކާހެދި ޖެނުއަރީމަހު އަރަބި ކޯލިޝަނުން ވަކިވި ޔޫއޭއީވެސް ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރަން މިހާރު ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޫޘީންނަށް ހުރިހާ ވާތްގެއް ދެނީ އީރާނުން ކަމަށް ސައުދީން ކުރި ތުހުމަތުތައް އީރާނުން ދޮގު ކުރިއިރު، އީރާނުން މިއަދު ބުނެފައިވަނީ ސަރަހައްދުގެ އެއްވެސް ދިމާއެއްގައި ހަނގުރާމައެއް ހިނގާނަމަ ސަރަހައްދަށް ސުލްހައެއް ނާންނާނެ ކަމަށެވެ.



