އެމެރިކާގެ ޕާލަމެންޓް ނުވަތަ ކޮންގްރެސްގެ ކޮންޓްރޯލް އިދިކޮޅު ޑިމޮކްރޭޓުން ނަގައިފިއެވެ.
އެމެރިކާގައި އިއްޔެ ބޭއްވި އިންތިޚާބަށްފަހު އެކި ސްޓޭޓްތަކުން ޕާލަމެންޓުގެ މަތިގެ، ސެނޭޓާއި، ޕާލަމެންޓުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިތައް ކާމިޔާބުކުރި ޕާޓީތަކާއި ކެންޑިޑޭޓުން އެމެރިކާގެ މީޑިއާއިން ހާމަކުރަމުން ގެންދާއިރު، މިހާތަނަށް ހާމަކުރި ވަގުތީ ނަތީޖާތަކުންވެސް އިދިކޮޅު ޑިމޮކްރޭޓުންވަނީ ކޮންގްރެސްގެ ދެގޭގެ އަޣުލަބިއްޔަތު ނަގާފައެވެ.
ސެނޭޓްގައި 100 ގޮނޑި ހިމެނޭއިރު، އަޣުލަބިއްޔަތަކީ 51 ގޮނޑިއެވެ. ނަމަވެސް، އިންތިޚާބަށް ހުޅުވާލި 35 ގޮނޑީގެ ތެރެއިން މިހާތަނަށް ހާމަކުރި ނަތީޖާއާއި، ކުރިން ލިބިފައިވާ ގޮނޑިތަކާއެކު ޑިމޮކްރޭޓުންނަށްވަނީ 54 ގޮނޑި ކަށަވަރު ކޮށްފައެވެ. ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކަށަވަރުވެފައިވަނީ 44 ގޮނޑިއެވެ. ޑިމޮކްރޭޓުން އައު 7 ގޮނޑި ކާމިޔާބު ކުރިއިރު، ވެރިކަންކުރާ ޕާޓީއަށް 7 ގޮނޑި ގެއްލުނީއެވެ.
ކޮންގްރެސްގެ ދަށުގެ، ހައުސްގައި ހިމެނޭ 435 ގޮނޑީގެ އިންތިޚާބު ބާއްވާފައިވާއިރު، އަޣުލަބިއްޔަތަކީ 218 ގޮނޑިއެވެ.
މިހާތަނަށް ހާމަކުރި ވަގުތީ ނަތީޖާތަކުން ޑިމޮކްރޭޓުން 220 ގޮނޑި ކަށަވަރު ކޮށްފައި ވާއިރު، ވެރިކަންކުރާ ޕާޓީއަށް ކަށަވަރު ވެފައިވަނީ 136 ގޮނޑިއެވެ. ޑިމޮކްރޭޓުންނަށް އަލަށް 25 ގޮނޑި ލިބުނުއިރު، ރިޕަބްލިކަން ޕާޓީއަށް ވަނީ 25 ގޮނޑި ގެއްލިފައެވެ.
ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ޒަމާނުއްސުރެ ކޮންޓްރޯލް ކުރަމުން އައި އެތައް ސްޓޭޓެއްގެ ސެނޭޓް ގޮނޑިތަކާއި، ހައުސް ގޮނޑިތައް ޑިމޮކްރޭޓުން މިވަނީ ނަގާފައެވެ. ބައެއް ގޮނޑިތަކަކީ ވަރަށް ތާރީޚީ ގޮނޑިތަކެއްވެސް މެއެވެ.
އިންތިޚާބުގައި މިހާތަނަށް ހާމަކުރި ނަތީޖާތަކުން ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުމުން، ރިޕަބްލިކަން ހައުސް ސްޕީކަރ މައިކް ޖޯންސަން ބުނީ އިންތިޚާބުގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ނާއުންމީދުވެއްޖެ ކަމަށެވެ. ހަމަ އެއާއެކު އޭނާ ވަނީ އިންތިޚާބުން ބަލިވިޔަސް “ފިނޑި ސޯޝަލިސްޓް ހަރަކާތަކާ ދެކޮޅަށް” ކުރެވެންހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށް ވައުދުވެފައެވެ.
އިންތިޚާބުން ނުކުތް ނަތީޖާގެ ސަބަބުން އެންމެބޮޑަށް ފިކުރުބޮޑުވާނީ ރައީސް ޓްރަމްޕް ކަމަށް އެންމެންވެސް ބުނަމުން ގެންދެއެވެ. ސަބަބަކީ، ވެރިކަމުގެ ފުރަތަމަ ދެއަހަރު “ބޭނުންހާގޮތަކަށް” ވެރިކަން ކުރެވުނު ނަމަވެސް، ބާކީއޮތް ދެއަހަރު ޑިމޮކްރޭޓުން ޓްރަމްޕް “މައިތިރި” ކުރާނެތީއެވެ. ކޮންގްރެސްއަށް ލިބިދޭ ތަހްގީގީ ބާރުގެ ބޭނުންކޮށްގެން ޑިމޮކްރޭޓުން ޓްރަމްޕް ހުއްޓުވާނޭ ކަމަށް ބުނަމުން ގެންދެއެވެ.
އިންތިޚާބުން މިހާތަނަށް ނުކުތް ނަތީޖާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެއްވެސް ބަހެއް ނުބުނެއެވެ.


