ބ.ދަރަވަންދޫގައި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. ‘ފަތްމިނި’ ގެ ނަމުގައި ބޭއްވި މި ހަރަކާތަކީ ބ.އަތޮޅު މަދަރުސާގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ރަށު ފެންވަރުގައި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމާއެކު، އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ އަގުވަޒަންކޮށް، އެންމެން އެއްތަންވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން ކަމަށް، ބ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ނާޒްނީން އަބްދުﷲދީދީ ވިދާޅުވިއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު، އެރަށުގެ ރަސްގެއޮޑީ އަތިރިމަތީގައި ހިންގި ހަރަކާތްތަކުގެ ތެރޭގައި ހެލްތް ޗެކަޕް ކުރުމާއި، ފޭސް ޕެއިންޓިންގ ކުރިއަށްދިޔައެވެ. އަދި ބ.އަތޮޅު މަދަރުސާގެ ޔުނިފޯމް ބޮޑީސްގެ ފަރާތުން މުނިފޫލި ފިލުވުމުގެ ތަފާތު އައިޓަމްތަކެއްވެސް ގެނެސްދިނެވެ. މީގެ އިތުރުން، ހުރިހާ މުއައްސަސާތަކެއް އެއްކޮށްލައިގެން އަންހެނުންނާއި ފިރިހެނުންގެ ބަށި މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗުގެ ޗެމްޕިއަންކަން ހޯދީ ފިރިހެން ޓީމެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކުގައި ބ.ދަރަވަންދޫގެ ހުރިހާ މުއައްސަސާތަކަކުން ބައިވެރިވިކަން ޕްރިންސިޕަލް ނާޒްނީން ފާހަގަ ކުރެއްވިއެވެ. އަދި އެންމެހާ މުއައްސަސާތަކުގެ ފަރާތުން ލިބުނު އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުމަށް ބ.އަތޮޅު މަދަރުސާގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.