ލޯޖެހި އަޙްމަދު މަނިކު އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ކުރީ ސަފުގައި ފާހަގަކޮށްލެވުނު ޚިދުމަތްތެރިޔާ، ގ.ޕަރނިސް ލޯޖެހި އަޙްމަދު މަނިކު އަވަހާރަވެއްޖެއެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރީގައި ވަރަށްކުރީ ސަފުގައި ގުނާލެވުނު އަޙްމަދު މަނިކު އަވަހާރަވީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

2009 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްފަހުން ކަމަށް ޢާއިލާއިން މައުލޫމާތުދެއްވިއެވެ.

އަހްމަދު މަނިކުގެ ޚިދުމަތް ވިޔަފާރީގެ ދާއިރާއިން ފެށިފައިވަނީ، މީގެ 50އަށް އަހަރު ކުރިންނެވެ. ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު “ބީޗްވިލާ” ހިންގަވަން ފެށްޓެވި ދުވަސްވަރު، 1961ވަނަ އަހަރު އެތަން އުފައްދައި ދިވެހިންގެ ތެރެއަށް ތަޢާރުފުވެ، މަޝްހޫރުވެގެންދިޔަ ފިނިބުއިން، އޭރުގެ ނަމުންނަމަ “ޑޮންޑޮން“ ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ، ލޯޖެހި އަޙްމަދުމަނިކެވެ.

ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމަކީ އޭނާ އަބަދުވެސް ދެކެވަޑައިގެންނެވި ހުވަފެނެކެވެ. އެކަން ޙަޤީޤަތަކަށް ވެގެންދިޔައީ 1982ވަނަ އަހަރުއެވެ. މިކަމުގައި އެންމެބޮޑަށް ފާހަގަކުރެވޭކަމަކީ، އޭނާގެ އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. އެފޯމިއުލަރ ވެގެންދިޔައީ، ހަމައެކަނި އަޙްމަދުމަނިކު ފިޔަވައި އެހެންފަރާތަކަށް ނޭނގޭ ސިއްރު ފޯމިއުލަރއަކަށެވެ.

“ތްރީ ޗޮއިސް“ގެ ނަމުގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް، 14 އޯގަސްޓް 1989އިން ފެށިގެން އޭނާ ކުރައްވަމުން ގެންދެވީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.

އޭނާގެ ހިތްވަރު ފާހަގަކޮށް، 1997ވަނަ އަހަރު ސަރުކާރުން އޭނާއަށް ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައިވެއެވެ.

ރަހަތަކަށާއި ފެންވަރަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ތަފާތު 6 ރަހައެއްގެ ބުއިންތައް އޭނާވަނީ ބާޒާރަށް ނެރުއްވާފައެވެ. އަދި ރާއްޖޭގައި ވިއްކާ އެހެނިހެން ބުއިންތަކަށްވުރެ ހެޔޮ އަގެއްގައި ލިބެންހުރި ބުއިމަކަށް “ތްރީ ޗޮއިސް” ހެއްދެވިއެވެ. ނަމަވެސް 2015ވަނަ އަހަރުގެ ތެރޭގައި އެވިޔާފާރި ހުއްޓިފައެވެ.

ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން އަވަށު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި “ތްރީ ޗޮއިސް”ގެ ބުއިންތައް އޭނާ ހިލޭ ބައްސަވާފައިވެއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތިޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއްކެވެ.

ލޯޖެހި އަހުމަދު މަނިކު އަވަހާރަވިއިރު 14 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ. އެއީ 10 އަންހެން ބޭފުޅުންނާއި 4 ފިރިހެން ބޭފުޅުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ