ނޭދެމޭ ވަކިވުމެއް

އަދަބިއްޔާތު ވާހަކަ ފަހުގެ

( 28 ޖޫން 2020 އާ ގުޅޭ )

އެނދުމަތީގައި އޮށޯވެލައިގެން އޮތް ޒަޔާންގެ ހިތުގައިވަނީ ނީޝާގެ ތަސްވީރެވެ. ކައިރީގައި ޝާމިން އޮތީ ފުން ނިދީގައެވެ. ޒަޔާންގެ ލޮލާ ނިދިވެސް ރުޅިވެފައިވާ ކަހަލައެވެ. ޒަޔާން ބޭނުންވަނީ ނީޝާއާއި ބައްދަލުކޮށް ވާހަކަދައްކާލާށެވެ. ނީޝާއާއި ގުޅުން ބަދަހިކުރާށެވެ. އެއަތުގައި ހިފާލަންވެސް ޒަޔާން ބޭނުންވަމުން ދިޔައެވެ. އެއާއެކު ޒަޔާންއަށް މަޑުމަޑުން ނީޝާގެ ނަން ތަކުރާރުކޮށްލެވުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާދުވަހަކަށް އަލިވިލިގެން އައިއިރު މުޅި އުދަރެސް ބައްދާލާފައިވަނީ ކަޅުފުސް ވިލާތަކުންނެވެ. ދެންމެ ދެންމެ ވާރޭ އޮށްސާލާފަނޭހެން ހީވާ ވަރަށް ޖައްވުގައި ތެއްފިނިކަމުގެ އަސަރު އެކުލެވިފައިވެއެވެ. އެހިތްގައިމު ފަތިހުގެ ވަގުތުވެސް އަރާމު ނިދި ގުރުބާންކޮށް ތަންމަތިން ތެދުވެ ފަތިހުގެ ވާޖިބު އަދާކުރުމަށްފަހު ނީޝާ ނިކުތީ ބޮޑުދައިތަ ހޭލުމުގެ ކުރިން ގޭދޮށް ކުނިކަހާލުމުގެ ނިޔަތުގައެވެ. ނީޝާ ކިތަންމެ ވަރަށް މަސައްކަތްކުރި ނަމަވެސް އެތަން ބޮޑުދައިތައަށް ފެނި އޭނާ އާއިމެދު ހިތްހެޔޮ ނުކުރާނެކަން އެނގޭއިރުވެސް ނީޝާ މަސައްކަތްކުރަނީ އަބަދުވެސް ބޮޑުދައިތަގެ ރުހުން ހޯދުމަށެވެ. ރީއްޗަށް މުޅި ގޭދޮށް ކަހާ ނިންމާލުމަށްފަހު ނީޝާ ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ފުށް މޮޑެން ފެށިއެވެ. އެވަގުތު ބޮޑުދައިތަގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުން ބޮޑުދައިތަ ހޭލީކަން ނީޝާއަށް އެނގުނެވެ. އިރުކޮޅެއްފަހުން ޝަރީފާ އައިސް ބަދިގެއަށްވަނެވެ. އަދި ފުށްމޮޑެން ހުރި ނީޝާއަށް ފޫހި ނަޒަރެއް ދިނުމަށްފަހު މަސްހުނި މޮޑެން ފިޔާކޮށަން ފެށިއެވެ. ސައި ހަދާ ނިންމާލެވުނު އިރު ވިއްސާރައިގެ އަސަރު ހައްތަހާ އިތުރުވެފައިވިއެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވެ އިސާހިތަކު ހިމަފޮދު ވާރޭ ވެހެން ފެށިއެވެ. ބޭރުތެރެ ބަލައިލަން ނުކުތް ޝަރީފާގެ ލޮލުގައި ފަތިހު ނީޝާ ކުނިކެހުމަށްފަހު ކުނި އެޅި ގޯނި ފާރުގައި ލައްކޮށްލާފައި ހުރިތަން އަޅައިގަތެވެ. ވެހެމުންދިޔަ ވާރޭގައި ގޯނިތެރޭގައި ހުރި ކުނިތައް ތެމި ފޯވަމުންދިޔަ މަންޒަރު ފެނި ޝަރީފާއަށް ދަތްކުނޑިވިކާލެވުނެވެ. އަދި އަޑުގެ ނެތްތަނަށް ނީޝާގެ ނަމުން ގޮވަން ފެށިއެވެ. އެއަޑަށް ކޮޓަރިއަށް ވަދެވަދެ ހުރި ނީޝާ ދުވަމުން ކަހަލަ ގޮތަކަށް ޝަރީފާގެ ކައިރިއަށް އައެވެ.

“ކަލޭގެ މުޑުދާރުކަން ބަލާބަލަ ނިކަން، ހީކުރީ ކުނިކެހުނީމަ ނިމުނީ ކަމަށްތަ؟ އެކުނި ގޯނި އުކާނުލާ ބެހެއްޓީމަ މީހަކު އާދޭތަ އެއުކާލަދޭން؟ ނޫނީ މައަތުން އެކަން ކުރުވަންތަ ބަހައްޓާފަ އެހުރީ، ކަމެއް ކުރިޔަސް މީހަކަށް އުނދަގޫވާނެ ގޮތަކަށް ނޫން ގޮތަކަށް ކަމެއް ކުރިއްޔާ ފާފަވަނީތަ އަޅެ، ހަމަމިހާރު ދޭ ގޮސް އެއުކާލާފަ އަންނަން، ފެން އެޅިގެން ގޮސް އެކުނިތަކުން ނުބައިވަސް ދުވިޔަސް މީނައަށް ހެޔޮވާނެ، ދޭ ދޭ ގޮސް އުކާލާފާ އާދޭ!” ޝަރީފާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. ނީޝާއަށް ވަރު ބަލައިލާނެ ފުރުޞަތެއް ނުލިބިފައި ހުރި ޝަރީފާއަށް މިކަންތައް ވީ ލިބުނު ރަނުގެ ފުރުޞަތަކަށެވެ. 

“ވާރެ ހުއްޓިހާ އަވަހަކަށް އަހަރެން ދާނަން އުކާ….” 

“ކޮންވާރެއެއް ކިޔާކަށް، އެންމެ އިރުކޮޅަކުވެސް ދެން އެއުކާ ނުލާ ބަހައްޓައިގެން ނުވާނެ، ދާށޭ މިބުނަނީ” ނީޝާގެ އަނގައި ގައި ޖުމްލައިގެ އެއްބައި އޮށްވާ ޝަރީފާ ފެލިގަތެވެ. ނީޝާ ދިޔައީ ސިއްސައިގެންނެވެ. އަދި ގަތްބިރުންނާއި ވީދެރައިން ލޯފުރިގެން އައީ ހޫނު ކަރުނައިންނެވެ. އެވަރުންވެސް ޝަރީފާގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. ނީޝާގެ ކޮނޑުގައި ހިފާ ގަދަކަމުން ވެހެމުންދިޔަ ބޯވާރޭގެ ތެރެއަށް ކޮށްޕާލިއެވެ. އިސާހިތަކު ވާރޭގެ ތޫނު ހަމަލާތައް އަމާޒުވެ ނީޝާ ތެމިފޯވެއްޖެއެވެ. މުޅި މީހާ ފިނިވެގެން ތުރުތުރުލާންފެށީ ވެހެމުންދިޔަ ވާރޭގެ އިތުރުން ޖެހެމުންދިޔަ ތެތްފިނި ރޯޅިތަކުގެ ސަބަބުންނެވެ. ނީޝާ މޫނު ފޮހެލުމަށްފަހު ކުނި ގޯނި ނަގައިގެން ކުނި އުކާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ފެން އެޅުމުގެ ސަބަބުން ގޯނި ފުދޭވަރަކަށް ބަރެވެ. ކުނިއުކާ ދިމާ ގެއާއި އެހާ ދުރުނޫންކަން އެއީ ނީޝާގެ ނަސީބެވެ. ކުނި ގޯނި އުކާލުމަށްފަހު ނީޝާ ގެއަށް ދާން ހިނގައިގަތެވެ. މޭމަތީގައި ދެއަތް ހުރަސްކޮށްލައިގެން ހުރެ މަޑު ހިނގުމެއްގައެވެ. އޭނާ ފެންނަ ކޮންމެ މީހެއްގެ ހިތަށް ހަމްދަރުދީ ވަންނާނެކަން ގައިމެވެ. މުޅި އެހިސާބުންވެސް އެވަގުތު މީހެއްގެ ހިލަމެއްނުވެއެވެ. 

ވާރޭ ވެހެމުންދިޔަ ނަމަވެސް ރަށުތެރެ ބަލައިލާ ހިތް އޮތްލެއް ބޮޑުކަމުން ހެނދުނުގެ ނާސްތާއަށްފަހު ޒަޔާން ނިކުތީ ނިހާދު ކައިރީ ބުނެގެން ވިއްސާރަ ކޯޓެއް ހޯދައިގެން އެލައިގެންނެވެ. އެކަނިމާއެކަނި އެރަށުގެ އެކި މަގުތަކުގައި ހިނގަމުން އައި ޒަޔާންއަށް ނީޝާ ފެނުނީ ކުނި އުކާލުމަށްފަހު ނީޝާ ގެއަށް ދަނިކޮށެވެ. މިލިބުނު ފުރުޞަތު ނަގާލާކަށް ޒަޔާން ބޭނުމެއް ނުވިއެވެ. ވުމާއެކު ނީޝާ އާއި އެއްވަރުކޮށް ނީޝާގެ ނަމުން ގޮވާލިއެވެ. ހައިރާންވެފައި ނީޝާ ބަލައިލިއެވެ. އެއާއެކު އެއީ އޭނާ ނުދަންނަ މީހަކަށް ވުމުން މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

“ނީޝާތަ ކިޔަނީ، މަޑުކޮށްލަފާނަންތަ އިރުކޮޅަކު، އަހަރެންމީ ޒަޔާން” ޒަޔާން ކުޑަ ތަޢާރަފެއް ދެމުން ބުނެލިއެވެ. ޒަޔާންއަކީ މީގެ ކުރިން އިސްވެ އެގޮތަށް އަންހެންކުއްޖަކާ ވާހަކަދެއްކި މީހެއްވެސް ނޫނެވެ. އެހެންކަމުން ޒަޔާން ހުރީ ހިސާބަކަށް ޖެހިލުންވެސް ވެފައެވެ. ނަމަވެސް ލަދަކާއި ހެދި ތަދެއް ނުފިލާނޭ ބުނާ ބުނުން އަޑުއިވިފައިވާތީ ފިރިހެނަކަށްވެހުރެ އެފަދަ ފިނޑި މީހަކަށް ވާން ޒަޔާން ބޭނުންނުވީއެވެ. ނީޝާ މަޑުކޮށްލުމަށްފަހު ޒަޔާންގެ މޫނަށް ބަލައިލިއެވެ. ގޯސްމީހެއް ވައްތަރެއް ނުޖަހައޭ ނީޝާ ހިތަށްއެރިއެވެ. ޒަޔާންގެ ކިބައިގައި ހަރުދަނާ ގޮތްތަކެއް ހުރިކަން ނީޝާއަށް ފާހަގަވިއެވެ. ނަމަވެސް ނުދަންނަ މީހަކަށް ވުމުން ނީޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތްބިރުގަތްފައެވެ. ނީޝާ އެއްވެސް ވާހަކައެއް ނުދައްކާނެކަން ޔަގީންވުމުން އަނެއްކާވެސް ވާހަކަދެއްކީ ޒަޔާނެވެ.

“އަހަންނަށް ނީޝާގެ ނަމްބަރު ލިބިދާނެތަ؟ އަހަރެންގެ އެއްވެސް ގޯސް ނިޔަތެއް ނެތް، އަހަރެންނަށް ނީޝާ ފެނި ނީޝާ އާއި ވާހަކަދައްކާލާ ހިތްވީ” ޒަޔާންގެ އަޑުގައި ހާސްކަންވިއެވެ، ނީޝާގެ ފަރާތުން އުއްމީދު ކުރާފަދަ ޖަވާބެއް ނުލިބިދާނެކަމުގެ ބިރު ޒަޔާންގެ ހިތުގައިވިއެވެ.

“އަހަރެންނަކަށް ނޭނގެ ތީ ކާކު ކަމެއްވެސް، އެނޫނަސް އަހަރެންމީ މީހަކު ވާހަކަ ދައްކާ ގުޅުން ބަދަހި ކުރާވަރުގެ މީހެއް ނޫން، ޒަޔާންވެސް ތިގޮތަށް ތިވާހަކަ ދައްކަނީ އަހަރެންގެ ހަގީގަތް ނޭނގޭތީ، އެނގޭ ނަމަ އަހަރެންނާ ވައިވެސް އެޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ” ހިތްދަތިކަމާއި އެކު ޒަޔާންއަށް ޖަވާބުދިނުމަށްފަހު ނީޝާ އިތުރަށް މަޑުކުރުމެއް ނެތި ހިނގައިގަތެވެ. އިތުރަށް ނީޝާއަށް ގޮވާ ހުއްޓުވާކަށް ޒަޔާންއަކަށް ނުކެރުނެވެ. ނަމަވެސް އެއަޖައިބެއް ފަދަ އަންހެންކުއްޖާ ހާސިލްކުރުމުގެ އެދުން ޒަޔާންގެ ހިތުގައި ހައްތަހާ ގަދަވިއެވެ. ޒަޔާން އައިސް ކޮޓަރިއަށް ވަންއިރު ފޯނުން ގޭމެއް ކުޅެން އެނދުމަތީގައި ބަންޑުން ޝާމިން އޮތެވެ. ޒަޔާން ވަދެގެން އަންނަ ތަންފެނި އޭނާއަށް ގޮވާލުމަށްފަހު އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ފޯނަށެވެ. ޒަޔާން އައިސް އެނދުގައި އިށީނދެ އެވާހަކަ ޝާމިން ގާތުގައި ބުނާނެ ގޮތަކާއި ވިސްނަމުންދިޔައެވެ. ހަމަގައިމުވެސް ޝާމިންއަށް ބޮޑު ސިހުމަކަށް އެޚަބަރު ވެގެންދާނެއެވެ. ހަމައެއާއިއެކު މަންމަމެން އުއްމީދުކުރަމުން އައި ކައިވެނިވެސް އޭނާގެ މި ނިންމުމުގެ ސަބަބުން ހުއްޓުމަކަށް އަންނާނެއެވެ. އަދި މަންމަމެން ނީޝާ އާއި ގަބޫލުނުވާނެކަންވެސް ދުވާލުގެ އަލިކަން ފަދައިން ޒަޔާންއަށް ޔަގީންވެއެވެ. 

“ޝާމް، އަހަންނަކަށް އަންހެންކުއްޖަކު ދެކެ ލޯބި ވެވިއްޖެޔޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟” ޒަޔާންގެ އަޑަށް ފޯނުވެސް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ޝާމިން ފުންމައިގެން ތެދުވިއެވެ.

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ