( 2 ޖުލައި 2020 އާ ގުޅޭ )
“ޝާމް، އަހަންނަށް އަންހެންކުއްޖަކު ދެކެ ލޯބި ވެވިއްޖެޔޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟” ޒަޔާންގެ އަޑަށް ފޯނުވެސް އެނދުމައްޗަށް ދޫކޮށްލުމަށްފަހު ޝާމިން ފުންމައިގެން ތެދުވިއެވެ.
ޒަޔާން ޝާމިންގެ މޫނަށް ބަލައިލިއެވެ. އެމޫނުން ފެންނަމުންދިޔަ ހައިރާންކަން ޒަޔާންއަށް އާކަމަކަށް ނުވީ އެއީ މާކުރިންވެސް އެމޫނުން ފެންނާނެ އަސަރުތައްކަން ޒަޔާން އަށް އެނގޭތީއެވެ. ޝާމިން ފާޑަކަށް ބަލަން އިނުމުން އިތުރަށް ޔަގީންކޮށްދިނުމުގެ ގޮތުން އަދިވެސް އެއްފަހަރު ޒަޔާން ހަމަ އެސުވާލު ތަކުރާރުކޮށްލިއެވެ. އެއާއެކު ޒަޔާން އެދައްކަނީ ސަމާސާ ވާހަކައެއް ނޫންކަން ޝާމިންއަށް އެނގުނެވެ.
“އެއީ ކޮން ކުއްޖެއް؟ އަނެއްކާ އީނާތަ؟ ނޫނީ އަހަންނަށްވެސް ސިއްރުން ޒަޔާން އަންހެންކުއްޖަކާއި ގުޅުނީތަ؟” ޝާމިން އަހާލިއެވެ. އެއާއިއެކު ޒަޔާންގެ ފުށުން ލުއި ހީލުމެއްގެ އަޑު އިވިގެން ދިޔައެވެ.
“އިއްޔެއެއް ނޫންތަ އީނާ އާއި ދޭތެރޭ އެކަހަލަ ގޮތަކަށް ނުދެކެވޭ ވާހަކަ އަހަރެން ބުނީ، ލޯތްބަކީ ކިހާ ބާރުގަދަ އިޙްސާސެއްކަން އަހަންނަށްވެސް މިއެނގުނީ އަދި ކިރިޔާ، އަހަރެން އަންހެންކުއްޖަކާއި ގުޅުން އޮންނަ ނަމަ ޝާމް ކައިރީގައި އެންމެ ކުރިންވެސް ބުނާނީ، ޝާމްއަށްވެސް އެކުއްޖަކު ފެނިފަ މިހާރު ހުންނަނީ،” ޒަޔާން ވާހަކަ ފެށީ ދުރުދުރުންނެވެ. ޝާމިން އަށް ބަލައިލިރު އޭނާ އިނީ ޒަޔާން އެބުނި އަންހެންކުއްޖަކު ހަނދާންވޭތޯ ސިކުނޑިއަށް ބާރުލާން ކަންނޭނގެއެވެ.
“އަހަރެންނަށް ފެނިފައޭ؟ އަހަރެން ދަންނަ ކުއްޖެއްތަ އެއީ؟” ޝާމިންގެ ސުވާލުތައް ހުސްނުވެއެވެ.
“އަހަރެންނަށްވެސް އަދި އެއީ ކޮންކުއްޖެއްކަމެއް މާރަނގަޅަކަށް ނޭނގެ، ހަމައެކަނި ނަން އެނގެނީ، އަހަރެން އެއީ ކޮންކުއްޖެއްކަން ބުނީމަ އަނެއްކަ ހާޓްއެޓޭކެއް ނުޖެހޭތި ހެހެ” ޒަޔާން ދެންވެސް އެއީ ކޮންކުއްޖެއްކަން ނުބުނެ ޖުމުލަ ހުއްޓާލީ ސަމާސާ ކޮށްލަމުންނެވެ.
“ދެން އަހަރެން ތިވަރަށް ނުތަޅުވާ ތި މިސްޓީރިއަސް އަންހެންކުއްޖަކީ ކާކުކަން ބުނަންވީނު ދޯ” ކެތްތެރިކަން ކުޑަ ރާގެއްގައި ޝާމިން ބުނެލިއެވެ.
“އަހަރެމެން މިރަށަށް އައިރޭ ފާރެއްގެ މަތީގަ ރޯން އިނެއްނު ކުއްޖެއް، އެއީ އެކުއްޖަކީ،” ޒަޔާން އެންމެ ފަހުން އެއީ ކޮން ކުއްޖެއްކަން ބުނެދިނެވެ. އެއާއިއެކު ޝާމިންގެ މޫނުމަތިން އިހު ހުރި ވަރަށް ވުރެވެސް އިތުރަށް ހައިރާންކަން ފާޅުވެގެން ދިޔައެވެ. އެންމެ ރެއެއްގެ ކުޑަކުޑަ ހިނދުކޮޅެއްގެ ފެނިލުމުން ޒަޔާން އަށް އެއަންހެންކުއްޖާ ކިހާ ޚާއްސަވެއްޖެކަން ދުލުން ހާމަނުކުރި ނަމަވެސް ޝާމިންއަށް ފަހުމްވެއްޖެއެވެ.
“ނިހާދު ބުނި ދޯ އެއީ ނީޝާ ކިޔާ ވަރަށް ނިކަމެތި ކުއްޖެކޭ، ޔާންއަށް ހީވޭތަ އެކުއްޖާ ޔާން އާއި ގުޅެން ހުއްޓަސް ތިދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވިޔަސް ޒަޔާންގެ ފެމެލީއިން ތިގުޅުމަށް މަރުޚަބާ ކިޔާފާނެހެން، އަނެއްކޮޅުން ޔާން އާއި އީނާގެ ކައިވެނި އެމީހުން މިހާރުވެސް ހަމަޖައްސާފަ އެއޮތީ، އެކަން ޔާން މަންމަމެން ހުއްޓާލާނެހެން އަހަރެންނަކަށް ހިއެއް ނުވޭ، ތިބުނީ ޔާން ވާހަކަ ދެއްކީމަވެސް ދުވަސްކޮޅަކުން ގަޔާވެދާނޭ ކިޔާފަ ކައިވެނި ހުއްޓާލަން އެއްބަސް ނުވި ވާހަކަވެސް، އަހަރެންވެސް އުފާވޭ ޔާން އަށް ކަމުދާ ކުއްޖަކު ފެނުނީމަ، ފެނުނު ހާލަތާއި ވަގުތު ގޯހީ، އެކަމަކު ޔާން ތިކަން ކުރަން
ހުރިއްޔާ އަހަރެންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭނެ، ލޯތްބަކީ ނިކަމެތިކަމާއި ޤަދަރާއި ޢިއްޒަތަށް ބަލާ އެއްޗެއް ނޫން” ޝާމިން ވާހަކަދެއްކީ ވަރަށް ވިސްނައިގެން އިނދެއެވެ. ބުނެވޭ ބަހަކުން ޒަޔާންގެ ހިތަށް އެއްވެސް އިތުރު އުނދަގުލެއް ވާކަށް ޝާމިން ނޭދެއެވެ.
“އާނ، ތިހުރިހާ ކަމަކާވެސް އަހަރެންނަށްވެސް ވަރަށް ވިސްނޭ. ކޮންމެ ހާލެއްގައިވިޔަސް ކޮންމެފަދަ ހުރަސްތަކެއް ގިރާކުރަން ޖެހުނަސް އަހަރެންގެ ދިރިއުޅުމަށް އެނޫން ކުއްޖަކު ގެންނާކަށް ބޭނުމެއް ނުވޭ މިހާރަކު. އޭރު އެވަރަކުން އީނާ އާއި އިންނަން އަހަރެން ދެކޮޅު ނުހެދީވެސް އަހަރެންނަށް ލޯތްބަކީ ކޮބައިކަން ނޭނގޭތީ، އެކަމު މިހާރު އަހަރެންގެ ހިތް އެދެނީ އެއަންހެންކުއްޖާއަށް އެކަނި، މިއަދު އަހަރެން ބޭރަށް ނިކުތް ގަޑީގަ ދިމާވެގެން ވާހަކަދައްކަންވެސް މަސައްކަތްކުރިން، އެކަމު ކާމިޔާބު ވާގޮތް ނުވީ ނީޝާ މަޑުނުކުރީމަ، ޝާމް ނިހާދު ކައިރީ ބުނެގެން ނަމަވެސް އަހަރެންނަށް ނީޝާ އާއި ބައްދަލުވެވޭނެ ގޮތް ހަދައިދީބަލަ، އަހަރެންނަށް ޔަގީން ކުޑަކުޑަ މަސައްކަތަކުން އެކުއްޖާގެ ދިރިއުޅުމަށް އުފާވެރިކަން އަހަރެންނަށް ގެނެސްދެވިދާނެކަން” ޒަޔާންގެ އަޑުގައި ބޭޤަރާރުކަން އެކުލެވިފައިވެއެވެ. މިދަތުރުގައި މިފަދަ އެއްވެސް ކަމަކަށް އުއްމީދު ކުރެވިފައި ނުވިޔަސް ތަޤްދީރުގައި ލިޔެވިފައިވާގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ ޒަޔާންގެ އިޚްތިޔާރެއްވާނަމަ އޭނާ ޔަގީނުންވެސް ލޯބިވީހީ އީނާ ދެކެއެވެ. ޒަޔާންއަށް އޭނާގެ ހިތްއެދޭ ބައިވެރިޔާ ހޯދައިދިނުމުގައި ވެދެވެން އޮތް ކޮންމެ އެހީއެއްވުމަށް ޝާމިން ވަޢުދުވިއެވެ.
ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ އީނާ ހުރީ ފޯނު އަތަށް ލައިގެންނެވެ. އިރުކޮޅުކޮޅާ ފޯނަށް ބަލައިލުމަށްފަހު އަނެއްކާވެސް ތިރިކޮށްލަނީ ދެފަރާތަށް ބޯހުރާލަމުންނެވެ. އީނާގެ ހިތުގައި ޒަޔާންއަށް ލޯބި އުފެދުނީ ކިހިނެއް ކޮންއިރަކުކަމެއް ބުނެދޭކަށް އީނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޒަޔާންގެ ޚިޔާލު ނޫން އިތުރު ޚިޔާލެއް އޭނާއަށް ނުކުރެވޭކަމެވެ. އިސްނަގާ ޒަޔާންއަށް ގުޅާ ވާހަކަދައްކާލަން އީނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންނަމަވެސް ލަދުވެތިކަން ހުރަހަކަށްވެފައި ވިއެވެ. ޒިޔާނާގެ ފަރާތުން ޒަޔާން ހުރާއަށް ގޮސްކަންވީ އެނގުނީއްސުރެ ޒަޔާންއާއި ގުޅާ ވާހަކަދައްކާލަން އީނާ ބޭނުންވިއެވެ. އެކަން އެނގިގެންވެސް ކަންނޭނގެއެވެ. އީނާގެ ބުނުމަކާއި ނުލާ ޒަޔާންގެ ނަމްބަރު އީނާއަށް ޒިޔާނާ ދިނީ ގުޅައިގެންވެސް ދެކުދިން ގުޅުން ބަދަހިކުރަންވާނޭ ކިޔާފައެވެ. ހަގީގަތުގައި ޒިޔާނާ ވަނީ ޒަޔާން ފުރުމުގެ ކުރިން އީނާގެ ނަމްބަރު ޒަޔާންއަށް ދީ އީނާއަށް ގުޅުމަށް ބުނެފައެވެ. ނަމަވެސް ޒަޔާން އީނާއަށް ނުގުޅާހެން ޒިޔާނާއަށް ހީވުމުން ދެންވެސް ވެވެން އޮތްގޮތަކުން އެގުޅުން ބަދަހިކުރުވަން ޒިޔާނާ ބޭނުންވީއެވެ. އީނާ ފޯނު ނަގައި ޒަޔާންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އީނާގެ ހިތް ބާރުމިނުގައި ތެޅެމުންދިޔައެވެ. ފޯނަށް ބަލަހައްޓައިގެން ހުއްޓާ ދެތިން ރިންގުން ޒަޔާން ފޯނު ނަގާ ހަލޯއޭ ބުނެލި އަޑު އިވުނެވެ. އީނާގެ މެޔަށް އެއަޑުން އެކަނިވެސް ފިނިވެގެން ދިޔައެވެ. އީނާއަށް ރައްދުދޭނެ ގޮތެއް ނޭނގިފައި ހުއްޓާ އަނެއްކާވެސް ޒަޔާން ކާކުހޭ އަހާލި އަޑު އިވުނެވެ.
“ހައި” އީނާ މަޑުމަޑުން ބުނެލިއެވެ. އެއަޑު ޒަޔާންއަށް އިވުމުންވެސް އެއީ ކާކުކަމެއް ޒަޔާންއަކަށް ނޭނގުނެވެ.
“ކާކުކަމެއް އަދި ނޭނގުނު” ޒަޔާން ވާހަކަދައްކަން ބޭނުން ނުވާހެން އޭނާގެ ރާގުން އީނާއަށް ހީވިއެވެ.
“މީ އީނާ، ޒަޔާން ކިހިނެއްތަ؟ ދަތުރު މަޖާތަ؟” ރަކިވެފައި ހުރެގެން އީނާ އަހާލިއެވެ. އިސްވެ ގުޅަންވުމުން އީނާ ހުރީ ވަރަށް ލަދުންނެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރުފޯރުވުން ކުޅަދާނަކަމަކަށް ނުވުމުން ޒަޔާންގެ އަޑުއަހާލަން ބޭނުންވީއެވެ.
ގުޅީ އީނާކަން އެނގުމުން ޒަޔާންވީ ފާޑެއްގެ ފޫއްސެކެވެ. ނަމަވެސް ވާހަކަ ނުދައްކާ ހުންނަން ޒަޔާންއަކަށް ނުކެރުނެވެ.
“ރަނގަޅު، ދަތުރު މަޖާ، ކިހިނެއްވީ ތިގުޅާލީ” އެއްވެސް ޝައުގުވެރިކަމެއް ނެތް ފަދައަކުން ޒަޔާން އަހާލިއެވެ. އޭނާ ހުރީ މިހާރުވެސް ފޯނު ބާއްވަން ލަސްވެފައެވެ. މިއީ މަންމަ ކުރުވާ
ކަމެއްކަން ޒަޔާންއަށް ޔަގީންވެއެވެ.
“ދެން ހަމަ ހަނދާންވެގެން ގުޅާލީ، ބިޒީ ގަޑިއެއް ވިއްޔާ ބާއްވަނީ” އީނާއަށް ޒަޔާންގެ ފަރާތުން އުއްމީދުކުރި ފަދަ އެއްވެސް އަސަރެއް ނުފެނުމުން ދައްކާނެ މާގިނަ ވާހަކައެއް ނޭނގުނެވެ. އީނާގެ އެޖުމުލަ އާއިއެކު އެކޮޅުން ފޯނު ކަނޑާލި އަޑު އިވުނެވެ. މާޔޫސްކަމާއިއެކު އީނާއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޒަޔާންގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް ޚާއްސަކަމެއް ނުވާކަމަށް އީނާގެ ހިތް ބުނަމުންދިޔައެވެ. އީނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޒަޔާންއަކީ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މިލްކަކަށް ވާނެ ފަރާތެއްކަމަށް އޭނާގެ ހިތް ބުނުމުންނެވެ.
ނީޝާ އާއި ސާރާ މަޑުކޮށްލައިގެން ތިބީ ރަށުގެ ކުޅި އޮންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޖޯލިފަތިތަކުން ޖޯއްޔެއްގައެވެ. ހަވީރު ހިޔާ އެޅިލުމުން ރަށުގެ ގިނަ ބަޔަކު އެހިތްގައިމު ސަރަހައްދަށް އައިސް އުޅެއެވެ. ކުދިވެރިންވެސް އެހިސާބުގައި އަޑުގަދަކޮށްލާފައި ތަފާތު ކުޅިވަރުތައް ކުޅުމުގައި އުޅެއެވެ. ކުރިމަތިން ފެންނަން އޮތް ކުޅިއަށް ބަލަހައްޓައިގެން ނީޝާ އިނީ ފުން ވިސްނުމެއްގައި އިން މީހަކު ފަދައިންނެވެ.
“ނީޝް، އަހަރެން ވާހަކައެއް އަހައިފިއްޔާ ރުޅި އަންނާނަންތަ؟” ސާރާ އަހާލީ ފަރުވާތެރިކަމާއެކު ނީޝާގެ މޫނަށް ބަލައިލަމުންނެވެ.
“ކީއްވެ އަހަރެން ރުޅި އަންނަންވީ، އަހާބަލަ” ނީޝާ ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އެއާއެކު ސާރާ ތަންކޮޅެއް ނީޝާ އާއި ގާތަށް ޖެހިލީ އެހެން މީހަކަށް އެދެމީހުން ދައްކާ ވާހަކަ އަޑުއިވުނަ ނުދިނުމަށެވެ.
“ނީޝް ކޮންއިރަކުން ކުއްޖަކާއި ރައްޓެހިވާނީ؟ ކަމުދާ ކުއްޖަކު ހުރޭތަ؟” ސާރާ އަހާލިއެވެ. އެއާއިއެކު ނީޝާގެ މޫނުމަތިން ހިނިތުންވުން ފިލާ ދިޔައެވެ.
“ކާކު އަހަރެންނާ ގުޅޭނީ؟ އަހަރެން އަދި ތިކަހަލަ ކަމަކާ ނުވިސްނަން” ނީޝާ ބުނެލިއެވެ. ހަގީގަތުގައިވެސް އެފަދަ ކަމަކާއި ދޭތެރޭ ނީޝާ ނުވިސްނައެވެ. އޭނާގެ ނިކަމެތިކަމާއިހުރެ އެއްވެސް މީހަކު އޭނާ އާއި ގުޅެން ބޭނުންވެދާނެހެން ނީޝާއަކަށް ހިޔެއް ނުވެއެވެ.
“ނީޝް ދެކެ ވަރަށް ބޮޑަށް ލޯބިވާ ނީޝް އާއި ގުޅެން ވަރަށް ބޭނުންވާ ކުއްޖަކު އެބަހުއްޓޭ ބުނެފިއްޔާ ޤަ
ބޫލުކުރާނަންތަ؟ އެމީހަކަށް ނީޝްގެ ގޮތް އެނގިހުރެ ނީޝް އާއި ގުޅެން ބޭނުންވަނީވެސް” ސާރާ ބުނެލިއެވެ. ނިހާދު ސާރާއަށް ގުޅާ ޒަޔާންގެ ވާހަކަތައް ކިޔައިދިނުމުން ނީޝާއަށް ރަނގަޅުގޮތެއް ވުމަށްއެދި އެކަމުގައި އެހީތެރިވުމަށް އެއްބަސްވިއެވެ. ޒަޔާން އަކީ ކޮންކަހަލަ ކުއްޖެއްތޯ އެތައްގޮތަކުން ނިހާދުކުރެން އަހައިގެން ސާރާ ޔަގީންކުރިއެވެ. ސާރާގެ ވާހަކައިން ނީޝާގެ ހިތަށް ޒަޔާންގެ ތަސްވީރު ސިފަވެގެން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. މިއަދު ބައްދަލުވި އެގޮތް ނޭނގޭ ފިރިހެންކުއްޖާ ނީޝާއަށް ބަލަންހުރި ގޮތުން އެހިތުގައިވަނީ ކީކޭކަން ކޮންމެވެސް ވަރަކަށް ނީޝާއަށް ވަނީ ލަފާކުރެވިފައެވެ. ނަމަވެސް އެއީ އޭނާ ދެކުނު ގޮތުގައި އޭނާއަކީ ކޮންކަހަލަ ކުއްޖެއްކަން ނޭނގޭތީ އުފެދިގެން އުޅޭ އަސަރުތަކެކެވެ.
“ތިދައްކަނީ ކާކުގެ ވާހަކައެއް؟” ނީޝާ އަހާލީ ޔަގީންކޮށްލުމުގެ ގޮތުންނެވެ.
“އެއީ ނިހާދުމެން ގެއަށް އައިސް އުޅޭ މާލޭ ކުއްޖެއް، ޒަޔާން ކިޔަނީ، ނިހާދު ބުނި އެއީ ވަރަށް ރަނގަޅު ފެމެލީއެއްގެ ކުއްޖެކޭ، އިހަށް ދުވަހުއޯ ބޭރުން ކިޔަވައިގެން އެއައީ، ނީޝް ފެނިގެން އޭނާއަށް ނީޝް ވަރަށް ކަމުދިޔަ ވާހަކަ ނިހާދު ބުނީ، ނީޝް އޭނައާއި ވާހަކަ ދައްކާލަންވީނު” ނީޝާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރުތައް ތަރުޖަމާކުރަމުން ސާރާ ބުނެލިއެވެ. ނީޝާއަށް ހީވި ހީވުން ޔަގީންވެގެން ދިޔައެވެ. ނީޝާވެސް ރަނގަޅު ކުއްޖަކާއި ގުޅިގެން އުފާވެރި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެންތައް ދެކެއެވެ. ނަމަވެސް އޭނާގެ ހިތުގައި ނޭނގޭ ބިރެއް އުފެދިފައިވިއެވެ.
“ސާރާ، އަހަރެންނަކީ ކިހާ ބޮޑު އެކަނިވެރިއެއްކަން އެންމެ ރަނގަޅަށް އެނގޭނީ ސާރާއަށް، ސާރާ ނޫނީ ހެޔޮހިތުން އަހަރެންނާ އަނގައިން ބުނެލާ މީހަކުވެސް ނޫޅޭ، ތިބުނާ މީހަކުވެސް އަހަރެންނާއި ގުޅުމަށްފަހު އަހަރެން ދޫކޮށްލައިފިއްޔާ މިހާރަށްވުރެވެސް ބޮޑަށް އަހަރެން އެކަނިވާނެ، އަހަރެން ވަރަށް ބިރުގަނޭ،” ނީޝާ އޭނާގެ ހިތުގައިވާ ގޮތަށް ސާރާއަށް ޖަވާބުދިނެވެ.
“ތިހުރިހާ ކަމަކާއިވެސް ޖެހޭނީ ހިތްވަރާއިއެކު ކުރިމަތިލާން، ކަންތައް ވެދާނެ ގޮތޭ ހިތަށް އަރުވާފަ އެއްވެސް ވަރަކަށް ޓްރައިވެސް ކޮށްނުލީމަ އެވީ ކޯއްޗަކަށް؟ އެންމެން އެއްގޮތެއްވެސް ނުވާނެކަންޖެހޭނެ ގަބޫލުކުރަން، އަހަރެން ނުބުނަން ނީޝް ވަގުތުން އެކުއްޖާއަށް އާނއެކޭ ބުނާށެކޭ، ފުރަތަމަ ވާހަކަދައްކައިގެން އެއީ ކޮންކަހަލަ މިޒާޖެއްގެ ކިހާ ހަރުދަނާ މީހެއްތޯ ބެލިދާނެއްނު،” ސާރާ ވިސްނޭ ބޮޑު މީހެއް ފަދައިން ނީޝާއަށް ނަސޭހަތްދެމުންދިޔައެވެ. ނީޝާ އާނއެކޭ ބުނެލީ ހަމައެކަނި ސާރާ ހިތްހަމަޖައްސައިދިނުމުގެ ގޮތުންނެވެ. އެއްގޮތަކަށްވެސް ނީޝާ އެކަން ކުރަން ބޭނުންވެގެންނެއް ނޫނެވެ. ސާރާ ވީއުފަލުން ނީޝާގެ ގައިގައި ހިފައިގަތެވެ. ނީޝާވެސް އެހުނުމުގައި ބައިވެރިވިއެވެ.
“މިތާ އިށީނދެލިޔަސް އެންމެ ރަނގަޅުތަ؟” ކުރިމަތިން އިވިގެންދިޔަ ފިރިހެންވަންތަ އަޑަށް ދެއަންހެން ކުދިންނަށްވެސް އިސްއުފުލާ ބަލައިލެވުނީ އެކުއެކީގައެވެ.
(ނުނިމޭ)


