ނޭދެމޭ ވަކިވުމެއް

އަދަބިއްޔާތު ވާހަކަ ފަހުގެ

( 05 ޖުލައި 2020 އާ ގުޅޭ )

“މިތާ އިށީނދެލިޔަސް އެންމެ ރަނގަޅުތަ؟” ކުރިމަތިން އިވިގެންދިޔަ ފިރިހެންވަންތަ އަޑަށް ދެއަންހެން ކުދިންނަށްވެސް އިސްއުފުލާ ބަލައިލެވުނީ އެކުއެކީގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޒަޔާން އާއި ޝާމިން މަޑުކޮށްލައިގެން ތިބީ ދެއަންހެންކުދިންނާ ކުރިމަތިވާނެހެންނެވެ. ޒަޔާންގެ ނަޒަރު ހުއްޓިފައިހުރީ ނީޝާއަށެވެ. ނީޝާ ލަދުން އިސްޖަހާލައިގެން އިނެވެ. ނީޝާ އާއި ޖެހިގެން އެއްޖޯލި ދޫކޮށްލުމަށްފަހު ޒަޔާން އިށީނުމުން ޝާމިން އިށީނީ ޒަޔާން އާއި ޖެހިގެން އިން ޖޯލީގައެވެ. އެއާއިއެކު ނީޝާގެ ކަންފަތްކައިރިއަށް ޖެހިލާ އެއީ އެފިރިހެންކުއްޖާއޭ ސާރާ ބުނެލީ ވަރަށް ސިއްރު ސިއްރުންނެވެ. އެއާއިއެކު ކުރިއަށްވުރެވެސް ބޮޑަށް ނީޝާ ރަކިވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގިފައި އިސްޖެހިގޮތަށް ނީޝާ އިނީއެވެ. ހަމަހިމޭންކަން ދިގުލާ ދާންފެށުމުން ޝާމިން ތެދުވެ ސާރާއަށް އިޝާރާތްކޮށްލީ ޒަޔާން އާއި ނީޝާއަށް އެކަހެރި ވަގުތުކޮޅެއްދީ އެދެމީހުން އެތަނުން އިހަށް ދިއުމަށެވެ. އެކަން ދެނެގަނެވި ސާރާވެސް ތެދުވިއެވެ.

“ނީޝް، މިއަންނަނީ އިނގޭ މީނައަށް އެކޮޅު ދައްކާލާފަ، ނީޝް މަޑުކުރޭ މިތާ” ސާރާ އެހެން ބުނުމުން ނީޝާ އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލީ އޭނާ އެކަނި ބައިންދާފައި ނުދިއުމަށް އެދިއެވެ. ސާރާ އެތަން  ފެނުނުކަމަށްވެސް ނުހަދާ ޝާމިންއާ ވާހަކަ ދައްކަމުން ދުރަށް ހިނގައިގަތެވެ. އަޖައިބެއްފަދަ ހިމޭންކަމެއް އެތަނަށް ވެރިވިހެން ނީޝާއަށް ހީވީ ޒަޔާން އާއިއެކު އެކަނި އިންނަން ޖެހުމުންނެވެ. އަތުގެ އިނގިލިތަކާއި ކުޅެލަ ކުޅެލާ ނީޝާއަށް އިނދެވުނީ ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އަރާ ހާލުގައެވެ. ޒަޔާން ނީޝާ އާއި ޖެހިގެން އިން ޖޯއްޔަށް އެވަގުތު ބަދަލުވެލިއެވެ. 

“ނީޝާ، އެނގިއްޖެދޯ މީކާކުކަން، އަހަރެން ކުރިންވެސް ނީޝާ އާއި ވާހަކަދައްކަން މަސައްކަތްކުރިން، ގޯސްގޮތަކަށް އަހަންނާ ދޭތެރޭ ނުދެކެއްޗޭ، އަހަރެންނަށް ނީޝާ ވަރަށް ކަމުދޭ، ވަރަށް ބޮޑަށް ކަމުދޭ، އަންހެންކުއްޖަކު ފެނިގެން އަހަރެންގެ ހިތަށް މިފަދަ އުފާވެރި އަސަރެއް އަދި ދުވަހަކުވެސް ނުކުރޭ، އަހަރެން ނީޝާއަށް އެއްވެސް ކަމަކަށް ފޯސްކުރާކަށް ބޭނުމެއް ނޫން، ނީޝާ ބޭނުންވަރަކަށް ޓައިމް ނަގަންވީ، އެދުވަސްތަކުގައި ނީޝާގެ އިތުބާރު ހޯދަން އަހަންނަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށް، އަހަރެން ޔަގީންކަން ދެން އަހަރެން ދުވަހަކުވެސް ނީޝާ ހިތުގައި ނުޖައްސާނެކަން. އަހަރެންނަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ނީޝާ ބޭނުންވާވަރުގެ މީހަކަށް ނުވެވިއްޖެއްޔާ ނޫނެކޭ ބުންޏަސް އެންމެ ރަނގަޅު، އަހަންނާ ވާހަކައެއް ނުދައްކާނަންތަ؟” ޒަޔާންގެ އަޑުގައި ކޮންމެވެސް ވަރަކަށް ޖެހިލުންވުން އެކުލެވިފައިވިއެވެ. މީހެއްގެ އެހީ ހޯދައިގެން ނީޝާ އާއި ހަމައަށް އައުމުން އޭނާ ހިތްހަމަނުޖެހިދާނެހެން ޒަޔާންއަށް ހީވަނީއެވެ. ނީޝާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަލަށް ދިމާވިއެއްކަމަކު ނީޝާގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައީ ޒަޔާންއަކީ ދޮގުހަދާނެ މީހެއް ނޫންކަމުގައެވެ. ޒަޔާންގެ ފުށުން ރައްކާތެރިކަން ނީޝާއަށް އިޙްސާސްވަމުން ދިޔައެވެ. ހަމައެއާއެކު ނޭނގޭ ބާރަކުން ނީޝާގެ ހިތް ޒަޔާންއަށް ދީލެމުންދިޔައެވެ. ނީޝާ އިސްއުފުލާ ޒަޔާންއަށް ބަލައިލިއެވެ. ޒަޔާންވެސް އިނީ ނީޝާއަށް ބަލަހައްޓައިގެންނެވެ. 

“އަހަރެން ޒަޔާންއަށް އާނއެކޭ މިބުނަނީ އަހަރެންގެ ހިތް ޒަޔާންއަށް އިތުބާރުކުރުމަށް ބުނާތީ، ޒަޔާންއަކީ މާލޭ މީހެއް، އަހަންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް، މިއަދު އަހަރެން ޒަޔާންގެ މީހަކަށް ހަދާފައި މާދަމާ އަހަރެން ދޫކޮށްލިޔަސް އަހަރެން ބިކަވާނެ، އަހަންނަށް އަޅާލާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް، އަހަރެންގެ އަމިއްލަ ނަފުސު ފިޔަވައި އަހަރެންގެ އަތުގައި ޒަޔާންއަށް ދޭނެ އިތުރު އެއްވެސް އެއްޗެއް ނެތް،” ހިތާމައާއި ހިތްދަތިކަން އެކުލެވިފައިވާ އަޑަކުން ނީޝާ ބުނެލިއެވެ. ނީޝާގެ އަޑު މަޑުކަމުން ޒަޔާންއަށް އިންނަން ޖެހުނީ ނުހަނު ކަނުލާ އަޑުއަހައިގެންނެވެ. ނީޝާ އާނއެކޭ ބުނުމުން ޒަޔާންއަށް އުފަލުން ހިނިތުންވެލެވުނެވެ. އަދި ހަމައެއާއެކު ނީޝާގެ ހިތާމަވެރި ވާހަކަތައް އިވިފައި ޒަޔާން ވަރަށް ދެރަވިއެވެ. އެއަންހެންކުއްޖާގެ ހަޔާތަށް އުފާވެރިކަން ގެނައުމަށް ޒަޔާން ކެތްމަދުވެފައިވިއެވެ. 

“އަހަރެންނަށް ނީޝާ ކަމުދިޔައީ ނީޝާ އާއި ބެހޭ އެއްވެސް އެއްޗެއް އެނގިގެނެއްނޫން. ލޯތްބަކީ މީހާގެ ފެންވަރަށް ބަލާ އެއްޗެއްނޫން، އަހަރެން ނީޝާ އަތުގައި އެއްވެސް އެއްޗެއް ނެތިގެން އެއްވެސް ހާހެއް ނުވޭ، އަހަރެންނަށް ނީޝާ ލިބުމުން އެވަރުން އަހަންނަށް ފުދޭ. އިރާދަކުރެއްވީތީ އަހަރެންގެ ނީޝާ ބެލޭނެ ފެންވަރު އެބަހުރި، އަބަދުވެސް އުފަލުގައި ގެންގުޅޭނަން” ޒަޔާން ޔަގީންކަން ދިނެވެ. ނީޝާ ލުއި ހިނިތުންވުމެއް ޒަޔާންއާއި ބަދަލުކޮށްލިއެވެ. ނީޝާގެ ހިތަށް ޒަޔާންގެ ވާހަކަތަކުން ހަމަޖެހުން ލިބިގެން ހިނގައްޖެއެވެ. ޒަޔާންގެ އެދުމަށް ނީޝާ އޭނާގެ ފޯނު ނަންބަރު ޒަޔާންގެ ފޯނުގައި ޖަހާލަދިނެވެ. ޒަޔާން މިސްކޯލެއް ޖަހާލީ ނީޝާއަށް އޭނާގެ ނަންބަރު ހިއްސާކޮށްލުމަށެވެ. އެވަގުތު ޝާމިން އާއި ސާރާ ހެމުންހެމުން އަންނަތަން ފެނުނެވެ. 

“ކޮބާ މާފޮޅުވާ ނިމުނީތަ؟” ޝާމިން އަހާލީ ދިމާކުރުމުގެ ރާގެއްގައެވެ. ނީޝާގެ މޫނު ވަގުތުން ރަތްވެގެންއައެވެ. ޒަޔާން ލޯއަޅާލީ އެކަން މަނާކުރުމުގެ ގޮތުންނެވެ. ސާރާވެސް ނުލަފާ ހިންޏެއް އައިސްފައި ނީޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. 

“ދެން ހިނގާ ގެއަށް ދާން އުޅެން، މިހާރު އިރުއޮށްސެނީ” ސާރާ ބުނެލީ އަތުގައި އޮތް ފޯނުން ގަޑި ބަލައިލަމުންނެވެ. ނީޝާ ތެދުވެ ސާރާ އާއިއެކު ގެއާއި ދިމާލަށް މިސްރާބުޖެހުމުން ޝާމިން އާއި ޒަޔާންވެސް އިތުރަށް މަޑުކުރަން ގަސްތެއްނުކުރެއެވެ. މަޑު ހިނގުމެއްގައި ގެއާއި ދިމާލަށް ހިނގަންފެށިއެވެ. 

“ހާދަ ހީވެޔޭ ބޭނުންވި ކަންތައް ވެއްޖެހެން، ފާޑަކަށް ހިނިއައިސް ދެތުންފަތް ލައްޕަން ނޭނގިފަ ތިހުރީ އެހެންވެގެންކަން ޔަގީން” ޝާމިން އެހެން ބުނުމުން ޒަޔާން ގާތަށް އައީ ހިންޏެވެ. އަދި ޝާމިންގެ ކޮނޑުގައި އަޅާ ކުރިއަށް ކޮށްޕާލިއެވެ. 

“ނީޝާ އެއްބަސްވެއްޖެ އަހަންނާ ގުޅެން ދެން އަހަރެން އުފާނުވާންވީ ސަބަބެއް ޝާމް ބުނެބަލަ، އެކަމު އަދި އީނާގެ ވާހަކައެއް ކިޔައެއް ނުދެން، މާލެ ދިއުމުގެ ކުރިން އެކަމު ހުރިހާ ވާހަކައެއްވެސް އަހަރެން ކިޔައިދޭނަން، އެއްވެސް ކަމެއް ފޮރުވާފަ ނުބާއްވާނަން” ޒަޔާންގެ އަޑުގައި ސީރިއަސްކަންވިއެވެ. ނީޝާ އާއިއެކު ގުޅުމެއް ފެށިކަމުގައިވިޔަސް ކަންތައްވާނެގޮތެއް ޚުދު ޒަޔާންއަކަށްވެސް ބުނާކަށް ނޭނގެއެވެ. އީނާ އާއި އެކު ކުރަން ހަމަޖެހިފައި އޮތް ކައިވެނި ހުއްޓާލަން ބުނާނެ ގޮތެއް ވިސްނަންޖެހެއެވެ. މަންމަމެން ފަސޭހައިން ނީޝާ ބަލައިނުގަންނާނެކަން ޒަޔާންއަށް އެނގެއެވެ. ނަމަވެސް ނީޝާ ފިޔަވައި އިތުރު އެހެން މީހަކު އޭނާގެ ހަޔާތަށް ގެންނާކަށް ޒަޔާން މިހާރު ބޭނުމެއް ނުވެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔައީ ހަލުވިމިނުގައެވެ. ޒަޔާންމެން މާލެ ދިއުމަށް އެންމެ ތިން ދުވަހަށް ވެއްޖެއެވެ. ފާއިތުވީ ހަފްތާއެއްހާ ދުވަހު ޒަޔާން އާއި ނީޝާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ ފޯނުގެ ޒަރީޢާއިންނެވެ. އަބަދު ކަހަލަ ގޮތަކަށް ޒަޔާން މެސެޖުކުރެއެވެ. ނީޝާ  އުޅޭ ނޫޅޭ ގޮތް ބަލައެވެ. ނީޝާގެ ޙަޔާތަށް އުފާވެރިކަމެއް ލިބިގެން ދިޔައީ އެތައް ދުވަހަކަށް ފަހުގައެވެ. އެހެންޔާ ފެންނަ ހިތާމަވެރި ކުއްޖާ މިހާރު ކޮންމެސް ވަރަކަށް ހިނިތުންވެލާތަން ފެންނަންފެށިއެވެ. ގޭތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ކޮޓަރިއަށް ވަންއިރު ނީޝާގެ ފޯނު ރިންގުވަމުންދިޔައެވެ. އަވަސްއަވަހަށް ގޮސް ބަލައިލިއިރު ޒަޔާންގެ ކޯލެކެވެ. ނީޝާ ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ.

“ކީއްކޮށްލަނީ” ޒަޔާން އަހާލީ ލޯތްބާއެކުގައެވެ.

“ކަމެއްނުކުރަން ހަމައިނީ، ޒަޔާން ކީއްކުރަނީ؟” ނީޝާވެސް ޒަޔާންގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“މިއައީ ކައިގެން، ނީޝް، މިރޭ މީޓްކޮށްލެވިދާނެތަ؟ ވަރަށް ބޮޑު ވާހަކައެއްވެސް ދައްކާލަންވެފަ އޮތީ. އަނެއްކޮޅުން ނީޝްގެ މޫނު ނުފެންނާތީ ނިދިވެސް ނާނދޭ” ޒަޔާން ބުނެލިއެވެ. އެއާއިއެކު ނީޝާގެ ލުއި ހީލުމުގެ އަޑު ޒަޔާންއަށް އިވިގެންދިޔައެވެ. 

“އެހާ ލަސްނުވަންޔާ ދެވިދާނެ،” ނީޝާގެ ޖަވާބު އައުމުން ދިހައެއް ޖެހުމުގެ ކުރިން ގެއަށް ލައިދޭނެކަމަށް ޒަޔާން ވަޢުދުވިއެވެ. އަށްގަޑިބަޔަށް ތައްޔާރުވުމަށް ބުނުމަށްފަހު ޒަޔާން ފޯނު ބޭއްވިއެވެ. 

މަޑުނޫކުލައިގެ ކުރުތާ ހެދުމެއްގައި ތައްޔާރުވެލައިގެން ހުރި ނީޝާ މަޑުކޮށްލައިގެން ހުރީ މަގުގެ ކޮޅުގައެވެ. ގޭ ކައިރީގައި މަޑުކުރަން ބޭނުންނުވީ ބޮޑުދައިތައަށް ފެނިގެން ސުވާލުކުރަން ފަށާފާނެތީއެވެ. ޒަޔާން އަންނަތަން ފެނުނީ ނީޝާ އެތަނުގައި ހުންނަތާ އިރުކޮޅެއް ފަހުންނެވެ. ދެމީހުން މިސްރާބުޖެހީ އަތިރިއާއި ދިމާލަށެވެ. އަތިރިއަށް ނިކުމެވުމުން ނީޝާއަށް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ހަނދުވަރުގެ ރިހިއަލި އެޅިފައިވުމުން ހުވަފެނީ ގޮތެއް ހުއްޓެވެ. ކަނޑުން އަރައިގެން އަންނަ ތެތްފިނި ރޯޅިތައް ހުރަހެއްނެތި ބީހިލުމުން ހީކަރުވާގޮތްވިއެވެ. ޒަޔާން މަޑުމަޑުން ނީޝާގެ އަތުގައި ހިފާލިއެވެ. ސިހިފައި ޒަޔާންގެ މޫނަށް ނީޝާއަށް ބަލައިލެވުނެވެ. ނަމަވެސް އަތް ދަމައިގަންނާކަށް ނޫޅެއެވެ. ޒަޔާންއަށް ލިބުނު ހިތްހަމަޖެހުމުގައި ނީޝާ ގޮވައިގެން ގޮނޑުދޮށަށް ފޭބިއެވެ. ދިޔަވަރު ހިކިފައިވުމުން ރާޅުތަކުގެ އަޑު މަޑު މިއުޒިކެއް ފަދައިން އިވެމުންދިޔައެވެ. ދެލޯބިވެރިން އެހިތްގައިމު ވަގުތުގެ އުފާ ހާސިލްކުރަމުން ހިނގަމުންދިޔައީ ހިމޭންކަން މަތީގައެވެ. ދޭތެރެއަކުން އެކަކު އަނެކަކަށް ބަލައިލެވެއެވެ.

“ހިނގާ އެތަނުގައި އިށީނދެލަން” ތަންކޮޅެއް ދުރުން ފެންނަން އޮތް ރުއްބުރިއަކަށް އިޝާރަތްކޮށްފައި ޒަޔާން ބުނެލިއެވެ. ދެމީހުން އެކުގައި އައިސް އިށީނދެލިއެވެ. ޒަޔާން މަޑުމަޑުން ނީޝާ އާއި ގާތަށް ޖެހިލިއެވެ. އަދި ނީޝާގެ ކަނާއަތް ނަގާ ޒަޔާންގެ އަތުތެރެއަށް ލިއެވެ.

“ބުނީމެއްނު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތޭ” ނީޝާ ހަނދާންކޮށްދިނެވެ. ޒަޔާން އެހެން ބުނީއްސުރެ އެއީ ކޮން ވާހަކައެއްތޯ ބެލުމުގެ ޝައުގުވެރިކަން ނީޝާގެ ހިތުގައި ވިއެވެ.

“ހޫމމ، ނީޝް ރުޅި ނާންނައްޗޭ، އެއީ ވަރަށް ވަރަށް ބޮޑު ވާހަކައެއް، އެކަމު ނީޝް ޖެހޭނެ އަހަންނަށް އިތުބާރުކުރަން، އަހަރެން ނީޝް ނޫން އެހެން އެއްވެސް ކުއްޖެއްދެކެ ލޯތްބެއް ނުވޭ” ޒަޔާންއަށް އެވާހަކަތައް ދައްކާކަށް ފަސޭހައެއް ނޫނެވެ. ނީޝާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. ޒަޔާން ދައްކަން އުޅެނީ ކޮން ވާހަކައެއްބާއޭ ނީޝާ ހިތަށް އަރަމުންދިޔައެވެ. 

“އަހަރެންގެ ކައިވެނި ހަމަޖެހިފައި އޮތީ” ޒަޔާން ބުނެލީ ނީޝާގެ މޫނަށް ފަރުވާތެރިވެ ބަލަން އިނދެއެވެ. 

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ