ނޭދެމޭ ވަކިވުމެއް

އަދަބިއްޔާތު ވާހަކަ ފަހުގެ

( 19 ޖުލައި 2020 އާ ގުޅޭ )

“އަހަރެންގެ ކައިވެނި ހަމަޖެހިފައި އޮތީ” ޒަޔާން ބުނެލީ ނީޝާގެ މޫނަށް ފަރުވާތެރިވެ ބަލަން އިނދެއެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޒަޔާންގެ ޖުމުލަ ނިމުނުއިރު ނީޝާ ތެދުވެ ހުރީ ކޮޅަށެވެ. އެމޫނުން ޝަކުވާ އާއި ހިތްދަތިކަމުގެ އަސަރު ފާޅުވަމުން ދިޔައީ އިންތިހާއަށެވެ. 

“ކީއްވެ؟ ކީއްވެ އެހާ ބޮޑު އޮޅުވާލުމެއް އަހަރެންނަށް…..” އަރުބެދި ލޯފުރިގެން އައުމުން ނީޝާއަށް ޖުމުލަ ފުރިހަމަކުރުމަށްވެސް ނުކުޅެދުނެވެ. އިތުރަށް އެތަނުގައިވެސް މަޑުކުރަން ބޭނުން ނުވުމުން ނީޝާ އެނބުރުނީ ގެއަށް ދިއުމަށެވެ. ޒަޔާން އަވަސް އަވަހަށް ތެދުވެ ނީޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއަތް ފޮޅުވާލެވޭތޯ ނީޝާ ބާރުލަމުން ދިޔަ ނަމަވެސް ޒަޔާން ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. 

“ނީޝް އަހަރެން ދައްކާ ވާހަކަ އަދި އަޑުއަހާބަލަ، އަހަރެންގެ ވާހަކައެއް އަދި ނުނިމެއޭ ޕްލީޒް… އަހަރެން ނީޝްއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލަމޭ، އެކަން އެނގޭނެ އަހަރެން މިދައްކާ ވާހަކަ އަޑުއެހީމަ، އަހަރެން ދުވަހަކުވެސް ނީޝްއަކަށް އޮޅުވައެއް ނުލާނަން، ރުޅިމަޑުކޮށްފަ އިހަށް އިށީނދެބަލަ” ޒަޔާންއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. ޒަޔާންގެ އަޑުގައިވާ މޮޅިވެރިކަން ނީޝާއަށް އެތަނުގައި މަޑުކުރުމަށް މަޖުބޫރުކުރުވި ކަހަލައެވެ. މަޑުމަޑުން އައިސް ކުރިންވެސް އިންތަނުގައި އިށީނދެލިއެވެ. ޒަޔާންވެސް އައިސް އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“އަހަރެންގެ ކައިވެނި ހަމަޖެހިފައިކަން އޮތީ އެއީ އަހަރެން އެންމެ ގަބޫލުކުރަން ބޭނުން ނުވާ ހަގީގަތް، އެއީ އަހަރެން އެދޭ ގޮތަށް ބެލުމެއްނެތި އަހަރެންގެ އާއިލާއިން ނިންމި އަމިއްލަ އެދުން ބޮޑު ނިންމުމެއް، އިނގޭ އަދި އަހަރެންނާ ބެހޭގޮތުން މާބޮޑު އެއްޗެއް ނީޝްއަށް ނޭނގޭނެކަން، އަހަރެންނަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އިޙްސާނުގެ ހުރި ހަމައެކަނި ދަރިފުޅު، ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ގޮތެއް ފެނުނީމަ މަންމަމެން އަހަރެންގެ އުފަލަށްވެސް ނުވިސްނާ އަހަރެންގެ ކައިވެނި މަހުޖަނެއްގެ ދަރިއަކާއި ހަމަޖެއްސީ، އަހަރެން ނުގަބޫލުވެ އެއްޗެކޭ ބުނުމުންވެސް ގޯސްވީ އަހަރެން، އެކަން އެގޮތަށް ވާނެކަމަށް ބައްޕަމެން އަހަންނަށް އެންގީ، އޭރު މާބޮޑަށް އަހަރެންވެސް އަޅާނުލީ އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ނޭނގޭތީ، ނީޝް ފެނުމުގެ ކުރިން އެހެން އެއްވެސް ކުއްޖަކާއި ދޭތެރޭ އަހަންނަށް ޚިޔާލުވެސް ކުރެވިފައެއް ނުވޭ، ނީޝް ފެނުނު ދުވަހުން ފެށިގެން އަހަރެންނަށް އެނގިއްޖެ ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން، އަހަރެން މިވާހަކަ ދެއްކީމަ އަހަރެން ދެކެ ނޫނީ އަހަރެންގެ އާއިލާ ދެކެ ބިރުން ނީޝް އަހަންނާ ވަކިވެއްޖެއްޔާ އަހަރެން މޮޔަވެދާނެ، މަންމަމެން ކިތަންމެ ނުގަބޫލަސް އަހަރެންގެ ޙަޔާތަށް އަންބެއްގެ ގޮތުގަ ތިނޫން އަންހެންކުއްޖަކު ދުވަހަކުވެސް ނުގެންނާނަން، ކޮންމެ ފަދަ ޙާލެއްގައިވެސް އަބަދުވެސް އަހަރެންގެ މީހެއްގެ ގޮތުގައި ނީޝް ހުރެދީ، އަހަރެން މާލެ ގޮސް އަނެއްކާވެސް މަންމަމެނާ ވާހަކަ ދައްކާނަން، އެކަން ނުހުއްޓައިފިނަމަ މަންމަމެން ނުގަބޫލަސް އަހަރެން ނީޝް އާއި މެރީ ކުރާނަން،” ޒަޔާން އެއްވެސް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ނީޝާއަށް ކިޔައިދިނެވެ. ނީޝާ އިނީ އަޑުއިވުނު ވާހަކަތަކަށް ރައްދު ދޭންވީ ކިހިނެއްކަން ނޭނގިފައެވެ. އެވަރުގެ މުއްސަނދި ބަޔަކާއި ތިމާ ކިހާ އެކަށީގެން ނުވާކަން ނީޝާއަށް ވިސްނެއެވެ. ނަމަވެސް މިއަދު ނީޝާގެ ހިތުގައިވެސް ޒަޔާންއަށްޓަކައި ފުން ލޯތްބެއް ވަނީ އާލާވެފައެވެ.

“އެމީހުން ދުވަހަކުވެސް އަހަރެން ބަލައިގަނެފާނެހެން ޒަޔާންއަށް ހީވޭތަ؟ އެންމެންގެ ރުހުން ނުލިބި މިގުޅުން ބާއްޖަވެރިވެދާނެތަ؟ ކިތަންމެ ނިކަމެތި ހާލެއްގައި އުޅެން ޖެހުނަސް އަހަންނަށް އުޅެވިދާނެ، ޒަޔާން އާއިއެކު އުފާވެރި ދިރިއުޅުމެއް އަހަރެންވެސް ބޭނުން. އެކަމަކު އަހަރެން އެންމެ އުފާވާނީ ޒަޔާންގެ މަންމަމެންގެ ރުހުންވެސް ލިބިއްޖެނަމަ، އަހަރެން ޒަޔާން އަންނަންދެން އިންތިޒާރުކުރާނަން، ޒަޔާންއަށް ޝައްކުކުރެވުނީތީ އަހަންނަށް މަޢާފުކުރޭ، މާލެ ދިއުމަށްފަހު ކޮންމެ ގޮތަކަށް ކަންތައްވިކަމުގައިވިޔަސް އަހަންނަށް ޚަބަރުވާންވާންވާނެ، ފިނޑިއެއްހެން އަހަންނަށް ފިލައިގެން ނުވާނެ” ނީޝާގެ އަޑުގައިވި ޔަގީންކަން ޒަޔާންއަށް އާ ހިތްވަރެއް ދިން ކަހަލައެވެ. އުފަލުން ހުރެ އަވަސް އަވަހަށް ބޯޖަހާލެވުނީ ނީޝާ އެދެއްކި ކޮންމެ ވާހަކައަކާއި ގަބޫލުވެހުރެއެވެ. މަންމަމެން ރުއްސުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ޒަޔާންއަށް އެނގެއެވެ. ނަމަވެސް އެންމެ ފަހު ވަގުތާއި ހަމައަށްވެސް ޒަޔާން މަސައްކަތްކުރާނެކަން ގައިމެވެ. އެރޭ އެދެލޯބިވެރިން އެކުގައި ހޭދަކުރި ވަގުތުކޮޅުގައި އެތައް ގިނަ އަހުދުތަކާއި ވަޢުދުތަކެއްވިއެވެ. ޒަޔާން ނިންމީ މާލެ ގޮސް މަންމަމެންނަށް ވިސްނައިދިނުމަށެވެ. އަދި އެއަށްފަހު އެމީހުން ނުގަބޫލުވިކަމުގައިވިޔަސް ނީޝާ ބަލައި އަންނާނެ ކަމުގައި ޒަޔާން ވަޢުދުވިއެވެ. 

ޒަޔާންމެން ފުރަން ބަނދަރަށް ނިކުމެ ތިބިއިރު ގާތުގައި ނިހާދު މަޑުކޮށްލައިގެން ހުރީ އެމީހުންނަށް ދޭން ހަދިޔާ ފޮށިގަނޑެއް ހިފައިގެންނެވެ. ހުރިހާ އެއްޗެއް ލޯންޗަށް އެރުވުމަށްފަހު ޒަޔާން އާއި ޝާމިން ކަރާކަރުޖައްސާ ނިހާދުއަށް ވަދާޢުކިޔެވެ. ދުރުގައި ހުރި ގަހެއްގެ ކައިރީގައި ސާރާ އާއިއެކު މަޑުކޮށްލައިގެން ހުރި ނީޝާގެ ގާތަށް ދިއުމަށް ޒަޔާން ހިނގައިގަތީ ޝާމިން ގާތު ލޯންޗަށް އަރަން ބުނެފައެވެ. ނީޝާގެ މޫނުމަތީގައިވި މޮޅިވެރިކަން ޒަޔާންގެ ހިތަށް އުނދަގޫކުރުވިއެވެ. 

“ހިތްހެޔޮކުރާތި، އިރާދަކުރެއްވިއްޔާ ދެން އަންނާނީ ނީޝް އެއްކޮށް އަހަރެންގެ މީހަކަށް ހަދަން، އަހަރެންނަށް އިތުބާރުކުރޭ، އެކޮޅަށް ގޮސް ގުޅާނަން އިނގޭ” ނީޝާގެ ކޯތާފަތުގައި
ފިރުމާލަމުން ޒަޔާން ބުނެލިއެވެ. އަދި ދެއަންހެންކުދިންނާ ސަލާމްކޮށްލުމަށްފަހު ޒަޔާންވެސް ގޮސް ލޯންޗަށް އެރިއެވެ. ލޯންޗު ފަޅުން ނިކުމެގެން ގޮސް ލޮލުކޮޅަށް އޮބާލަންދެން ތިބުމަށްފަހު ނީޝާ އާއި ސާރާވެސް ހިނގައިގަތީ ގެއާއި ދިމާލަށެވެ.

އީނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ. އީނާ ކިތަންމެ ބޭނުންވިޔަސް ޒަޔާން މިކައިވެންޏާއި ނުރުހޭކަން އީނާއަށް ޔަގީނާ ގާތަށް އެނގިއްޖެއެވެ. މައިންބަފައިން އެގުޅުން އިޢުލާންކުރި ފަހުންވެސް އީނާ އުއްމީދު ކުރިފަދަ އެއްވެސް އިޝާރާތެއް ޒަޔާންގެ ފުށުން އީނާއަށް ނުލިބުމުގެ އިތުރަށް ޒަޔާންގެ މާލޭގައި ނެތި ވޭތުވެދިޔަ ދުވަސްތަކުގައިވެސް ޒަޔާންގެ ޚަބަރެއް އީނާއަށް ވެފައެއްނެތެވެ. އިސްވެ ގުޅުމުންވެސް ޒަޔާން އިތުރަށް އޭނާގެ ހާލު ބަލާލަންވެސް ނުގުޅީ ޒަޔާންގެ ހިތުގައި އޭނާއަށް އެއްވެސް ހާއްސަކަމެއް ދެވިފައިނެތީމަކަން އީނާއަށްވެސް އެނގެއެވެ. ދެން ކަންތައް ކުރަންވީ ކިހިނެއްކަން ނޭނގިފައި އިންދާ އީނާގެ އެކުވެރި ރިހްލާ އައިސް ކޮޓަރިއަށް ވަނެވެ. ރިހްލާގެ އަތުގައި އޮތް އަތްދަބަސް އެނދުމައްޗަށް އެއްލުމަށްފަހު އެނދާއި ކުރިމަތިވާނެހެން އިން ބީންބޭގަށް ވެއްޓިގަތެވެ. 

“ހާދަ ހޫނުވެއްޖޭ، އޭސީ ބާރުކޮށްލަބަލަ” ރިހްލާ ބުނެލިއެވެ. އިރުކޮޅެއްވީ އިރުވެސް އީނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ރިހްލާ ބަލައިލިއެވެ. އީނާ ހަމަ ކުރިންވެސް އިންގޮތަށް އިނީއެވެ.

“އައްދެ، ކޮންކަމަކާ ކަމަނާ ހާދަ މޫޑީވެފަ ތިއިނީ” ރިހްލާގެ ސަމާލުކަން އީނާއަށް ހުއްޓާލަމުން އަހާލިއެވެ.

“އަޅެ ރިހޫ ބުނެބަލަ، އަހަރެން އަރާކާ އެއްޗެއްހެންތަ ހީވަނީ” އީނާގެ އަޑުގައި ފޫހިކަން ވިއެވެ. 

“މިހާރު ކިހިނެއްވީ؟ އީން ރީތިކަމުން ޖޭވެފަ ހުންނަ މީހެއް ކައިރީ ތިހެން ތިއެހީ” މިވަނީ ކިހިނެއްކަން ނޭނގި އިން ރިހްލާ ހިނިއައިސްފައި ބުނެލިއެވެ. 

“އެހެންވެއެއްނު ޒަޔާންއަށް އަހަރެން ނުފެނިގެން އެއުޅެނީ، ކައިވެނިކުރަން ވާއިރަށް ދަސްކުރަންވާނޭ މައިދައިތަ ބުނިއިރު ތިމާ ދަރިކަމެއް ނޭނގޭ ދުރުދުރުން އުޅެނީއެއް، ގުޅީމަވެސް އާނ ހޫނ ކިޔާފަ ފޯނު ބާއްވައިފި، ކީއްތަވާނީ އެއްފަހަރުވެސް އަހަރެން ކޮބައިތޯ ކީއްކުރަނީތޯ ބަލައިލަން ގުޅައިލަންވެސް،” އީނާގެ ހިތުގައި އުތުރި އަރަމުންދިޔަ ޝަކުވާތައް ރިހްލާގެ ކުރިމައްޗަށް އޮށްސާލިއެވެ.

“އޯޙ، މީދޯ މިވެގެން އުޅޭ ގޮތަކީ، ތިހެން ނުހުރެ މަޅިފަތި ޖަހާބަލަ، އަންހެންކުދިންނަށް ވިމައޭ ކިޔާފަ މިޒަމާނަކު ނުޖެހޭނެ ފަސްޖެހޭކަށް، އެނޫނަސް ތީ މާގަދަ މީހެއްނު ދެން، އަހަރެން ހަނދާން އެބަހުއްޓޭ ފިޒާން އާއިގެން އުޅުނު ގޮތް، އެކަންވެސް ނިންމާލައިފި ހައެއްކަ މަސް ތެރޭ، އަނެއްކާ ޒަޔާންވެސް ކަމުގޮސްގެން ތިއުޅެނީ ދެތިން ދުވަހަށްތަ؟” ރިހްލާ ދިމާކޮށްލުމުން އީނާ ހިތްހަމަނުޖެހިފައި ރިހްލާއަށް ލޯއަޅާލިއެވެ. ރިހްލާ ވަގުތުން އަމާނަށް އަތްނެގިއެވެ. 

“ޒަޔާން އެހެން އެންމެންނާ ތަފާތު، ފިޒާން އެއީ ވަރަށް ބޮޑު މިސްޓޭކެއް އަސްލު، ހަމައެކަނި ކްރަޝްއެއް، އޭނާ މާގަދަކޮށްލާފަ ފުރަތަމަ އަހަރެން ނުފެންނަކަމަށް ހަދާލީމަ އަހަރެންމީ ކިހާ ވަރެއްގެ މީހެއްކަން އަންގާލަން އަހަރެން ބޭނުންވީ، މަގްސަދު ހާސިލްވީމަ ދެން ކީއްކުރަން ގުޅިގެން އުޅެނީ؟، ޒަޔާން ހާދަ ހޭންޑްސަމްއޭ، ރިހޫ ނަމަވެސް އުފަލުން އޭނަ އާއި އިންނަން އެއްބަސްވާނެ، ހިތް ހީވީ ހަމަ ހަށިގަނޑު ފަޅާފައި ނުކުންނަން އުޅުނުހެން، ހަމަ ތެދެއް މިބުނަނީ އެހެން އެއްވެސް ފިރިހެނަކު ފެނިގެނެއް މިހެންނެއް ނުވޭ،” ހިތާއި ދިމާލުގައި އަތް ޖައްސާލަމުން އީނާ ބުނެލިއެވެ. ރިހްލާ އިނީ އަޖައިބުވެފައި އިން މީހަކު ފަދައިންނެވެ. މިވާހަކަތައް މިދައްކަނީ ހަމަ އޭނާ ދަންނަ އީނާ ބާއޭ ހިތަށް އަރާ ހާލުގައެވެ.

“ދެން އެހެން ވިއްޔާ ލިބިފައި ތިއޮތް ފުރުސަތު އަތުން ދޫވެގެން ދިޔަދީގެން ނުވާނެ، ނިކަން އެގެއަށް ގޮސް ތިއްތި ދައްކަބަލަ ޒަޔާންއަށް، އަހަރެންނަށް ހަމަ ޔަގީން އީން މަސައްކަތްކޮށްފިއްޔާ ފަޅި ސިކުންތެއްގެ ތެރޭ ޒަޔާންގެ ހިތް މިލްކުކޮށްލާނެކަން، އޭ އަނެއްކާ ޒަޔާންގެ ބިޓެއް ހުރީމަބާ އެހާ ދުރުދުރުން އެއުޅެނީ؟” ރިހްލާގެ ހިތަށް ކުއްލިއަކަށް އެރި އެއްޗެއް ދުލުން ހާމަކޮށްލިއެވެ. އެއާއެކު އީނާ ސިހިފައި ރިހްލާގެ މޫނަށް ބަލައިލިއެވެ. އެއީ އަދި އީނާ ވިސްނާފައިވެސް ނުވާ ދިމާލެކެވެ. ހަގީގަތުގައިވެސް ޒަޔާންގެ ލޯބިވެރިއެއް ހުރީބާއެވެ؟ އެހެންކަމަށްވާނަމަ ޒަޔާން އެކައިވެންޏާއި ދެކޮޅަށް އެންމެ ބަހެއްވެސް ނުބުނީ ކީއްވެގެން ބާވައެވެ؟ 

“ތިއެއްވެސް ނޭނގެ، ޒަޔާންގެ ސަތޭކަ ބިޓުން ތިއްބަސް އޭނާ އިންނަން ޖެހޭނީ މިއީނާ އާ، އަހަރެން ކޮންމެ ހުރަހެއް ގިރާކޮށްގެންވެސް ޒަޔާން ހާސިލްކުރާނަން، ޒަޔާން ވާނީ ހަމައެކަނި އަހަރެންގެ މީހަކަށް،” އީނާގެ އަޑުގައި ޖޯޝާއި ޔަގީންކަންވިއެވެ. 

(ނުނިމޭ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ