ވެރިކަމުގައި އެމްޑީޕީ އަދި 10 އަހަރު ތިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން އެމްޑީޕީން މިހާރުވެސް ހާސިލުކޮށްދީފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީން ތަސައްވުރު ކުރާ ޖަމްޕު އަދި ބަދަލު އައިސްފައި ނުވާ ކަމަށެވެ.
“މިއީ ޖީލެއްގެ މަސައްކަތެއް. މިއަދު ލާ އެންމެ ވޯޓަކުން ވެސް އަދި މިކަން ވާކަށެއް ނެތް. އަޅުގަނޑުމެން ސަރުކާރުގައި، އެމްޑީޕީ ވެރިކަމުގައި އަދި އެބަ 10 އަހަރު ތިބެންޖެހޭ. މި ދިވެހިރާއްޖެ ބަދަލުވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އާންމު ހާލަތު ރަނގަޅުވުމަށް އަޅުގަނޑުމެން މި ހިންގާ ސިޔާސަތުތައް، ތިބޭފުޅުންގެ ތަސައްވުރު ބަލައިގަންނަންޖެހޭ އަދި ތަންފީޒުކޮށް ހިންގަންޖެހޭ” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފޯކައިދޫ ރައްޔިތުން މުޅި ރާއްޖޭގެ ރައްޔިތުން ކައިރީގައި އެމްޑީޕީއާއެކު ތިބިކަން ބުނެދިނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވުރެ މާ މުހިއްމު ކަމަށެވެ. އެގޮތުން ބޭނުންވަނީ ތަރައްގީ އާއި އާންމު ހާލަތު ރަނގަޅުވުން ކަމަށް މި އިންތިހާބުގައި ފޯކައިދޫ ރައްޔިތުން ބުނަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ނޭފަތުކުރިއާ ހިސާބުގައި ވިސްނުން ބަހައްޓައިގެން ތަރައްގީ ނުލިބޭނެ ކަމަށާއި ތަރައްގީ ހޯދަން ބޭނުންވާނަމަ ލާމަހެފައިވާ ދުނިޔެއާ ގުޅެންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
“އައުޓެއް ނުވެވޭނެ، އިން ވާންޖެހޭނީ. ބޭރުވެގެނެއް، ރޭރުވެގެނެއް ވާނެ އިތުރު ކަމެއް އަޅުގަނޑަކަށް ވެސް ނެތް” ނަޝީދު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.