ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގެންފި

ޚަބަރު ފަހުގެ

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި “އެމްޓީ ހޯކްސް ޖަވާހިރު” ބޯޓުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ލިބުމާ ގުޅިގެން ހިންގުނު ހާއްސަ އޮޕަރޭޝަނެއްގައި އެތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ “ހޯކްސް ރޯދި” އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައިވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށާއި އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 10:00 ހާއިރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

“އެތަކެތި ބޭލުމަށް މަސައްކަތްކުރި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރި ކަމަށް ޝައްކުކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން މިހާރު ދަނީ އެތަން ބަލައި ފާސްކުރަމުންނެވެ. މިހާތަނަށް ހޯކްސް ބޯޓުޔާޑު ބަލައި ފާސްކުރި ކުރުމުން، އެތަނުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފައެވެ. މި ސިނގިރޭޓުތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ،” ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ އެއީ ރާއްޖެއިން ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށްވާތީ، އެ މައްސަލައިގެ ތަހުގީގު އެ އިދާރާއިން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި އެ އިދާރާގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން އަމަލުކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ