ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރ އައިޝަތު އަހުލާމް ދުނިޔޭގެ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންގެ ރީޖަނަލް ސްކައުޓް ކޮމިޓީއަށް އިންތިޚާބު ވެއްޖެއެވެ.
އައިޝަތު އަހުލާމް އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ކޮމިޓީއަށް އިންތިޚާބުކުރެވުނީ މިހާރު ކުރިޔަށްދާ 27 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ކޮންފަރެންސްގައެވެ.
އޭޕީއާރް ސްކައުޓް ކޮމިޓީގެ 2022-2028 ގެ ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި ކޮންފަރެންސަށް ހުށަހެޅުނު 9 ގައުމެއްގެ ކެންޑިޑޭޓުންގެ ތެރެއިން އަހުލާމް އާއެކު ޖުމްލަ 5 މެންބަރުން ކޮމިޓީއަށް އިންތިޚާބު ކުރެވުނެވެ.
އައިޝަތު އަހުލާމްގެ އިތުރުން، ދެން ކޮމިޓީއަށް އިންތިޚާބުކުރެވުނީ ޓައިވާން، ދެކުނު ކޮރެއާ، މެލޭޝިއާ އަދި އިންޑޮނޭޝިއާގެ ސްކައުޓް ލީޑަރުންނެވެ. ރާއްޖޭގެ ފަރާތުން މި ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި އައިޝަތު އަހުލާމްއަކީ އިންތިޚާބަށް ކުރިމަތިލި ހަމައެކަނި އަންހެން ކެންޑިޑޭޓެވެ.
އަމީރު އަޙުމަދު ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އައިޝަތު އަހުލާމް ވަނީ 2016 އިން 2021 އަށް ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޗީފް ކޮމިޝަނަރުގެ މަގާމު ފުރުއްވާފައެވެ.
އަދި 2018 އިން 2021 އަށް އޭ.ޕީ.އާރް އެޑަލްޓް އިން ސްކައުޓިންގ ސަބް ކޮމިޓީގެ މެންބަރެއްގެ ގޮތުގައްޔާއި، 2014 އިން 2016 އަށް އޭ.ޕީ.އާރް މެސެންޖަރސް އޮފް ޕީސް ކޯޑިނޭޓަރުގެ ހައިސިއްޔަތުން އައިޝަތު އަހުލާމްވަނީ ސްކައުޓަށް ޚިދުމަތް ކުރައްވާފައެވެ.
މީގެ އިތުރުން އައިޝަތު އަހުލާމް ވަނީ 2004 އިން 2007 އަށް ރާއްޖޭގެ ސޯސިއޭޝަންގެ ފައިނޭންސް ކޮމިޝަނަރުގެ ގޮތުގަޔާއި 2011 އިން 2014 އަށް ގައުމީ ސްކައުޓް ކައުންސިލްގެ މެންބަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ކޮމިޓީއަކީ މިސަރަޙައްދުގައި ސްކައުޓުންނާއި ގުޅޭގޮތުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމުމަށާއި ސްކައުޓް ހަރަކާތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ސަރަހައްދުގެ ހިންގާ ކޮމިޓީއެވެ.
މި ކޮމިޓީއަށް އެކި ގައުމުތަކުން މެންބަރުން އިންތިޚާބުކުރެވެނީ 6 އަހަރުގެ ދައުރަކަށް ކޮންމެ ގައުމަކުންވެސް އެންމެ މެންބަރެކެވެ.
އައިޝަތު އަހުލާމް ވެގެންދާނީ މިކޮމިޓީގައި މަސައްކަތްކުރައްވާނެ ތިންވަނަ ދިވެއްސަށެވެ.
ކުރީގެ ޗީފް ކޮމިޝަނަރ އަޙުމަދު އަލިމަނިކުއަކީ މިއަހަރު ދައުރު ހަމަވާ ކޮމިޓީ މެންބަރެކެވެ.
އޭގެކުރިން ކުރީގެ ޔޫތު ޕްރޮގްރާމް ކޮމިޝަނަރ މައީދު މުޙައްމަދު ޒާހިރު ވަނީ ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްސްގެ ޗެއަރމަންގެ ހައިސިއްޔަތުން ސަރަޙައްދީ ސްކައުޓް ކޮމިޓީގައި ޚިދުމަތް ކޮށްފައެވެ.
މި ފެބްރުއަރީ މަހުގެ 15 އިން 21 އަށް ކުރިޔަށްދާ 27 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ކޮންފަރެންސަކީ އޮންލައިންކޮށް ބޭއްވޭ ފުރަތަމަ ސަރަޙައްދީ ސްކައުޓް ކޮންފަރެންސެވެ.
ކޮންފަރެންސްގައި ސްކައުޓުންނާއި ގުޅޭ އެކިއެކި ކަންކަމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށް ނިންމުންތައް ނިންމާނެއެވެ.
މި ކޮންފަރެންސްގައި ޖުމްލަ 30 ގައުމެއްގެ ސްކައުޓް އެސޯސިއޭޝަންތަކުން ޖުމްލަ 550 މަންދޫބުން ބައިވެރިވާއިރު ރާއްޖެއިން ވެސް 20 މެންބަރުންގެ ވަފުދެއް ބައިވެރިވެއެވެ.
ކޮންފަރެންސްގައި ރާއްޖެއިން ވަނީ މިހާތަނަށް 2 ހުށަހެޅުމެއް ހުށަހަޅައި އެހެން ގައުމުތަކުން ހުށަހެޅި 5 ހުށަހެޅުމެއް ހުށަހެޅުމަކަށް ތާއިދު ކޮށްދީފައެވެ.
މީގެ އިތުރުން ރާއްޖެއިން ވަނީ ކޮންފަރެންސާއި ގުޅިގެން ބޭއްވުނު އިތުރު އެހެން އިވެންޓްތަކުގައިވެސް ބައިވެރިވެފައެވެ.
އެގޮތުން ސްކައުޓް ލީޑަރުން ތަމްރީންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ފެބްރުއަރީ މަހުގެ 8 އިން 13 އަށް ބޭއްވުނު “އޭ.ޕީ.އާރް ކޯސް ފޯ ލީޑަރ ޓްރެއިނަރސް” ގައި ރާއްޖޭގެ ފަރާތުން 4 ސްކައުޓް ލީޑަރަކު ވަނީ ބައިވެރިވެފައެވެ.

އަދި ފެބްރުއަރީ މަހުގެ 9 އިން 13 އަށް ބޭއްވުނު 10 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ޔޫތް ފޯރަމްގައި ރާއްޖެއިން ވަނީ 10 މެންބަރުންގެ ބައިވެރިވެފައެވެ. އަދި ޔޫތު ފޯރަމްގައި އިންތިޚާބު ކުރެވުނު އޭޝިއާ ޕެސިފިކް ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވް އަކަށް ރާއްޖެއިން މުހއްމަދު އިއުޖާޒު ޔަޒީދު ވަނީ އިންތިޚާބު ވެފައެވެ.