އިބިލީހުގެ ޝައިތާނީ މަޖިލިހުގެ ވާހަކައެއް

ކޮލަމް ފަހުގެ

ކުއްލި ބައްދަލުވުމެއް އިބިލީހުގެ ޝައިތާނީ މަޖިލިހުގައި ބޭއްވިއެވެ. މަޖުލީހުގެ ރިއާސަތުގައި އިނީ އިބިލީހެވެ. ބަހުސްކުރުމަށް އެޖެންޑާގައި ކަނޑައަޅާލެވިފައި އޮތީ އެންމެ ކަމެކެވެ. ދާދިފަހުން ތަނެއްގައި އާންމުވެގެން ދިޔަ ވީޑިޔޯއަކާ ވިދިގެން އިބިލީހުގެ އިދާރާއިން ދެން ކަންތައް ކުރާނޭ ގޮތެއް ކަނޑައަޅާލުމެވެ.

މަޖުލީސް ހުޅުވާލުމަށް ފަހު، އިބިލީސް ބުންޏެވެ. “މިއަދު ދައްކާނޭ މާކަނަ ގިނަ ވާހަކަތަކެއް ނެތެވެ. ކަލޭމެން އެންމެނަށް ވެސް އެ ބުނާ ވީޑިޔޯގެ މަންޒަރުތައް ފެނިއްޖެ ނޫން ހެއްޔެވެ؟ މިކަމަކީ އިހައް ދުވަހު އާންމުވެގެން ދިޔަ ކަމަކަށް ވިޔަސް، މިފަދަ އަމަލުތައް ފާޅުގައި ކުރެވޭތާ އެތައް ދުވަހެއް ވެއްޖެކަން ކަލޭމެންނަށް ވެސް އެނގޭ ނޫން ހެއްޔެވެ؟ އަދި، މި ވީޑިޔޯގެ މައްސަލަ ވެސް، އެކަން އާންމުވުމުގެ ކުރިން ވެސް، ހިލިގެން އުޅޭކަން ވެސް ކަލާމެންނަށް އެނގޭ ނޫން ހެއްޔެވެ؟”

އިޝްތިހާރު
އިޝްތިހާރު

ދެން، އިބިލީހުގެ ޝައިތާނީ މަޖުލިހުގެ އެންމެންވެސް ކަނުލައި އަހަންތިބިތޯ ބަލާލުމަށް ފަހު، އިބިލީހުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ! “މިކަން އާންމުވެގެން ދިޔުމުން ދެތިން ކަމެއް ފާހަގަވިކަން އަހަރެން ބުނެލަން ބޭނުމެވެ. ފުރަތަމަ ކަމަކީ، އެތަނަކީ ސީދާ ވެރިއަކީ ކާކުކަން އެނގެން އޮތް ތަނެއް ނޫނެވެ. އާންމުންގެ ކަންބޮޑުވުމެއް ފާޅުގެވެން ދިޔަ ކަމެއްގައި، ވެރިޔާގެ އަޑެއް، ހިލަމެއް އެތަނަކުން ނީވެއެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ އެތަނަކީ އާންމުކޮށް އެންމެންގެ މައްޗަށް ހިންގާލެވޭ ގާނޫނެއް ގަވާއިދެއް އޮތް ތަނެއް ނޫންކަމެވެ. ގާނޫނާ ގަވާއިދަކީ އެ އިރެއްގެ ހާލަތު ނިޔާކުރާ ގޮތުން ވަކި މީހެއްގެ ދުލުން ނިކުންނަ އެއްޗެކެވެ. އެ ދުލުން، އެ ނިކުންނަ އެއްޗެއް ނިކުތުމުން، އެ ވަނީ ގާނޫނާއި ގަވާއިދަށް ކަމެވެ.”

ދެން، ޝައިތާނާގެ މަޖިލިހުގެ އިސް މެމްބަރެއް ކަމުގައިވާ ދާސީމަވަރު ބުންޏެވެ. “އަނެއްކާ ތިޔަކަންކަން ފާހަގަ ކުރެވުމުން، އެކަމާ އިބިލީސް ހިތާމަކުރަނީ ހެއްޔެވެ؟ ތިއީ ހައްތަހާ ވެސް އަހަރުމެން އެދޭ ކަންކަން ނޫން ހެއްޔެވެ؟”

ދާސީމަވަރަށް ޖަވާބުދެމުން އިބިލީސް ބުންޏެވެ. “ނޫން ނޫނެކެވެ. ފަހަރެއްގައި ވެސް އެކަންކަމާ ހިތާމައެއް އަހަރެން، އިބިލީސް، ނުކުރަމެވެ. އެކަންކަން ފާހަގަކޮށްލަން ޖެހުނީ އެހެން ވާހަކައެއް ބުނަން ވެގެންނެވެ. އެއީ، އެތަން އިތުރަށް މަގުފުރައްދައި، ޚަރާބުކުރަން އަހަރެން، އިބިލީހާއި، އަހަރުމެންގެ ޝައިތާނީ މަޖުލީހުގެ މެމްބަރުންގެ އިތުރު މަސައްކަތަށް އެތަން މިހާރު ބޭނުން ނުވާ ވާހަކަ ބުނަން ވެގެންނެވެ. އެއި އިބިލީހުގެ ވާވެއްދުން އެތަނަށް މިހާރު ބޭނުން ނުވާ ތަނެކެވެ. ވެރިއަކީ ކާކުކަން ނޭނގޭ، ވެރިއެއްގެ އަމުރު ނުހިނގާ އަދި ގާނޫނާއި ގަވާއިދެއްގެ އަމުރު ވެސް ނުހިނގާ، ތަނެއް ޚަރާބުކުރަން އިބިލީހަކު ނޫނީ އޭނާގެ ޝައިތާނީ މަޖުލީހުގެ މެމްބަރަކު ބޭނުމެއް ނުވާނެއެވެ. އެފަދަ ތަނެއްގައި ބޭނުން މީހަކަށް އެމީހެއްގެ ހަވާ ނަފްސުގެ އަޅަކަށް ވެގެން އުޅުމުގެ ފުރުސަތާއި ފުރިހަމަ މިނިވަންކަން ތަންމިނަށް ހުޅުވިފައި އޮވެއެވެ. އެތަނުގެ އަހުލުވެރިންގެ ހަވާ ނަފްސުގެ ހެއްލުންތަކާ ދިމާއަށް ލަވައި ގެންދިޔުމަށްޓަކައި އިބިލީހެއްގެ އެހީއަކަށް އެމީހުން ބޭނުމެއް ނުވާނެއެވެ! މިފަދަ ގޮތަކަށް އެތާގައި ކަންތައް އޮތުމުން، އިނގިރޭސިންނަށް ވެސް ފައިދާ ކުރާނެއެވެ. އެމީހުން ބޭނުންވާ ކަންތައް އެ ތަނުގައި ހިންގާލުމަށްޓަކައި، އިތުރު އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް އެމީހުންނަށް ނުޖެހޭނެތީއެވެ. އެފައިސާ ޚަރަދު ނުކުރިޔަސް އެމީހުން ތަމްސީލުކޮށްދީ އެމީހުން އެދޭ ގޮތަކަށް ކަންތައް ހީންގާލާނޭ، ދުލަކާއި އަތެއް އެމީހުންނަށް ލިބިފައި އޮތުމުން، އެކަން އެމީހުން އެދޭ ގޮތަށް ވާނެތީއެވެ!” މިހެން ބުނެ، އިބިލީސްގެ ވާހަކަ ކޮޅު ނިންމާލައި އިބިލީހުގެ ޝައިތާނީ މަޖުލީހުގެ ބައްދަލުވުމުން ވެސް ނިމުނީ ކަމުގައި އިބިލީސް ކަނޑައެޅިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ