ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާން އުނގެނުން އިތުރުކުރުން

ފަހުގެ ދީން

الحَمْدُلله رَبِّ العَالَمِيْن. وَالصَّلاَة وَسَّلام عَلى أَشْرَفِ الأَنْبِيَاءِ وَالمُرْسَلِين. وَعَلَي آلِه وَصَحْبِه أَجْمَعِيْن. وَمَنْتَبِعَهُمْ بِإِحْسَانٍ إِلَى يَوْمُ الدِّيْن.

ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. އެހެނީ ކީރިތި ޤުރްއާން ބާވައިލެއްވުނީ ރަމަޟާން މަހުގައެވެ. (شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآَنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ) سورة البقرة 185

އިޝްތިހާރު
އިޝްތިހާރު

މާނައީ: “ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއް ކަމުގައްޔާއި ތެދުމަގާއި ޙައްޤާ ބާޠިލު ބަޔާންކޮށްދޭ އެއްޗެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެމަސް ދުށްމީހާ ފަހެ އެމަހު ރޯދަހިފާ ހުށިކަމެވެ.”ކީރިތި ރަސޫލާ ރަމަޟާން މަހުގައި ޖިބްރީލްގެފާނާއެކު ޤުރްއާން މުދާރަސާ ކުރެއްވިއެވެ. މިއީ އަޅުގަނޑުމެންވެސް ތަބާވާންވީ މަގެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން އަޑުއެހުމަކީ އަޅުކަމެކެވެ. އެހަންކަމުން ރަމަޟާން މަހުގައި ކީރިތި ޤުރްއާން ކިޔެވުމަކީ މާތް ﷲގެ ޙަޟްރަތާ ކުއްތަންވުމަށްޓަކައި އަދި ރަމަޟާންމަސް އިޚްޔާކޮށް ދިރުވުމަށްޓަކައި ކުރަންއޮތް އެންމެ މާތް އެއްއަޅުކަމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ (إِنَّ هَذَا الْقُرْآنَ مَأْدُبَةُ اللَّهِ، فَتَعَلَّمُوا مِنْ مَأْدُبَتِهِ مَااسْتَطَعْتُمْ) رواه البيهقى والطبرانى والدارمى والحاكم މާނަ: “ހަމަކަށަވަރުން މި ޤުރްއާނަކީ ﷲ ގެ ސުފުރާ ކޮޅެކެވެ. ފަހެ، ﷲ ގެ ސުފުރާކޮޅުން ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވީ މިންވަރަކަށް އުނގެނޭށެވެ.”

ކީރިތި ރަސޫލާ ހަދީޘްކުރައްވާ ގޮތުގައި މުސްލިމުންނާއި ފިތުނަތަކާއި ކުރިމަތި ވާނެއެވެ. މި ފިތުނަތަކުން ސަލާމަތްވުމަށް އޮތްމަގަކީ ކޮބައިތޯ ދެންނެވުމުން ޙަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބައިމީހުން ކީރިތި ޤުރްއާނުގައި ހިފަހައްޓާށެވެ.” މީގެ އިތުރަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ (تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ) “ތިމަންކަލޭގެފާނު މިދުނިޔެ ދޫކުރައްވާ މިވަޑައިގަންނަވަނީ ތިޔަބައިމީހުންނަށްޓަކައި ދެއެއްޗެއް ދޫކުރައްވާފައެވެ. އޭގެތެރެއިން އެކައްޗަކީ ކީރިތި ޤުރްއާނެވެ. އަނެކައްޗަކީ އެކަލޭގެފާނުގެ ޠާހިރު ސުންނަތެވެ. މިދޭތީގައި ތިޔަބައމީހުން ހިފަހައްޓައިގެން ތިބިހާ ދުވަހަކު ތިޔަބައިމީހުން މަގު ގެއްލިގެން ނުދާނެއެވެ.” ކީރިތި ޤުރްއާނުގެ އަޙުލުވެރިންނަކީ މާތް ﷲ ގެ އަޙުލުންނެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ “ހިތަކީ ދަނގަޑުގޮތަށް ދަބަރުޖަހާ އެއްޗެކެވެ. ހިތުގައިޖަހާ ދަބަރު ސާފުކުރާނީ ކީރިތި ޤުރްއާން ކިޔަވައިގެންނާއި މަރުމަތިން ހަނދާން ކުރުމުންނެވެ.”

އެހެންކަމުން ލިބިފައިވާ އަގުހުރި ވަގުތުގައި (ރަމަޟާންމަހުގެ ރޭތަކުގައި) ގިނަގިނައިން ޤުރްއާން ކިޔަވައި މަރުހަނދުމަ ކުރުމަށް އަވަސްވެ ގަންނާކަށް ނުވޭތޯއެވެ. ޤުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ޘަވާބު ލިބޭނެކަމަށް އިޝާރާތް ކުރައްވައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ (فَإِنَّ اللهَ عَزَّ وَجَلَّ يَأْجُرُكُمْ عِيَّ تِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ أَمَا إِنِّي لاَ أَقُولُ (الـم) وَلَكِنْ أَلِفٌ وَلاَمٌ وَمِيْمٌ ثَلَاثُونَ حَسَنَةً) السنن الصغرى މިފަދައިންނެވެ. މާނައީ: “ﷲ ގެ ފޮތުން އަކުރެއް ކިޔަވައިފި މީހަކަށް ހެޔޮކަމެއްވެއެވެ. އެއިންކޮންމެ ހެޔޮކަމެއް ދިހަ ހެޔޮކަމާ އެއްވަރެވެ. (ألم) މިއީ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އެހެންނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.”

މާތްﷲ އަޅުގަނޑުމެން އެންމެންނަކީ ޤުރުއާން ކިޔަވައި، ހިތުދަސްކޮށް އަދި އެއަށް ޢަމަލުކުރާ ބައެއްކަމުގައި ލައްވާށި!آمين

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ