ދިވެހިރާއްޖެގެ ސްކައުޓް ޙަރަކާތަށް 67 އަހަރު

ރިޕޯޓް ފަހުގެ

30 މެއި 1956 ގައި ހަމަ އެކަނި ފިރިހެން ދަރިވަރުންނަށް ހާއްސަކޮށް މަޖީދިއްޔާ ސްކޫލްގައި ފެށި ސްކައުޓް ޙަރަކާތް މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުން އަންނަތާ 67 އަހަރު ފުރިއްޖެއެވެ.

އެއިރު ސްކައުޓް ހަރަކާތް ހިންގީ ނުރަސްމީގޮތެއްގައި ސްރީލަންކާ ޓީޗަރުންގެ އެހީގައެވެ. އެ ޓީޗަރުންނަކީ، ސްރީލަންކާގައި ސްކައުޓް ހަރަކާތުގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުން މަޖީދިއްޔާ ސްކޫލްގައި ހިނގަމުންއައި ސްކައުޓް ހަރަކާތް، އިނގިރޭސިވިލާތުގެ ލަންޑަންގެ ކައުންޓީއެއްގެ ގޮތްޕެއްގެ ގޮތުގައި، ލަންޑަންގައި ހުންނަ އިމްޕީރިއަލް ސްކައުޓް ހެޑްކްއާރޓަރުގައި ރަޖިސްޓަރީ ކުރެވިގެންދިޔައެވެ.

އިޝްތިހާރު
އިޝްތިހާރު

ސްކައުޓް ޙަރަކާތުގެ ރާއްޖޭގެ އެންމެ ފުރަތަމަ ޕޭޓްރަންއަކީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ސްކައުޓް ކޮމިޝަނަރއަކީ، ސާހިބުއް ސައާދާ އިބްރާހިމް ނާސިރެވެ. ފުރަތަމަ ޗީފް ސްކައުޓަކީ އޭރުގެ ވަޒީރުލް މަޢާރިފް އޮނަރަބްލް އަލްމަރްހޫމް އިބްރާހިމް ޝިހާބެވެ. ސްކައުޓް މާސްޓަރަކީ އަލްމަރްހޫމް ބަންދު މުހަންމަދު ކަލޭފާނެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް ހިންގާތަ 23 އަހަރު ފާއިތުވި ފަހުން، 28 ޖެނުވަރީ 1984 ގައި “މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން” އުފެދުނެވެ. އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް، ގައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޗީފް ސްކައުޓްގެ މަގާމު ގަބޫލުފުޅުކުރައްވައި، ދިވެހިރާއްޖޭގެ ފުރަތަމަ ޗީފް ސްކައުޓަށް ވެވަޑައިގެންނެވިއެވެ. ހަމައެއާއެކު ސްކައުޓް ހަރަކާތުގައި ކުރިންވެސް އުޅުއްވާފައިވާ ބޭފުޅެއްކަމުގައިވާ، އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއަރޒް ފަޟީލަތުއްޝައިޚް އޮނަރަބްލް އަލްމަރްޙޫމް އަޙްމަދު ޝާޠިރު، ޗީފް ސްކައުޓް ކޮމިޝަނަރގެ މަގާމަށް އިސްކުރެވުނެވެ.

“މޯލްޑިވްސް ބޯއި ސްކައުޓް އެސޯސިއޭޝަން” އުފެދުމާއިގުޅިގެން އެ އެސޯސިއޭޝަނުން އެންމެ އިސްކަމެއް ދިނީ، ސްކައުޓް ލީޑަރުން އުފެއްދުމަށް ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށެވެ. ނަތީޖާއެއްގެގޮތުން، މަޖީދިއްޔާ ސްކޫލް ފިޔަވައި، މާލޭގެ އެހެން ސްކޫލްތަކުގައި ސްކައުޓް ހަރަކާތް ތައާރަފް ކުރެވިގެންދިޔައެވެ. މަޖީދިއްޔާ ފިޔަވައި، ދެން އެންމެ ފުރަތަމަ ސްކައުޓް ހަރަކާތް ތައާރަފްކުރީ މާލޭ އިންގްލިޝް ސްކޫލުގައެވެ. އޭގެފަހުން މަދްރަސަތުލް އަހްމަދިއްޔާއެވެ. ދެން މަދްރަސަތުލް އާލިޔާއެވެ. ދެން، އީޕީއެސްއެސްއެވެ.

މާލެ ފިޔަވައި، ރާއްޖޭގެ އަތޮޅުތަކަށް ސްކައުޓް ހަރަކާތް ތަޢާރަފް ކުރެވި، އަތޮޅުތަކުގެ ސްކޫލްމަދްރަސާތަކުގައި ސްކައުޓް ގްރޫޕްތައް ރަޖިސްޓަރީ ކުރެވެން ފެށުނީ ސްކައުޓް ލީޑަރުން ތަމްރީނު ކުރެވުމާއެކުގައެވެ.

އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސްކައުޓް ގްރޫޕްތައް ރަޖިސްޓަރީކުރި ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ، ތ. ގުރައިދޫގައި ހުންނަ އަތޮޅު މަދްރަސާއާއި، ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙާއި، ހއ.ހޯރަފުށީގައި ހުންނަ އަތޮޅު މަދްރަސާއާއި، ނ. މަނަދޫގައި އަތޮޅު މަދްރަސާއާއި، ގދ. ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، ހއ. ދިއްދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، އައްޑުއަތޮޅު ހިތަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ސްކައުޓް ހަރަކާތުގައި ހިމެނޭ ހުރިހާ ގިންތިއެއް މިހާރު ރާއްޖޭގައި އުފެދި ހިނގަމުންދެއެވެ. އޭގެތެރޭގައި، ޕްރީ ކަބް، ކަބް ސްކައުޓް، ސްކައުޓް، ރޯވަރ ސްކައުޓް ސެކްޝަން ހިމެނެއެވެ. މީގެ އިތުރުން، ކޮމިއުނިޓީ ސްކައުޓް ގްރޫޕްތައްވެސް އުފެދި ހަރަކާތްތެރި ދައުރެއް އަދާކުރަމުން އެބަގެންދެއެވެ.

ދުނިޔޭގެ ސްކައުޓް މައި ޖަމްޢިއްޔާ، ވޯރލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓްގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބުނީ، 1990 ވަނަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ، ރާއްޖޭގައި ސްކައުޓް ހަރަކާތް ރަސްމީގޮތެއްގައި ހިންގުމަށް އެސޯސިއޭޝަނެއް ގާއިމްކުރެވުނުތާ 6 އަހަރު ފަހުންނެވެ. އަދި ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިގެން ހިނގަމުން އަންނަތާ ބަރާބަރު 34 އަހަރު ފަހުންނެވެ.

ދުނިޔޭގެ ސްކައުޓް މައި ޖަމްޢިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބުނުކަން އިއުލާންކުރުމާއި، އެކަމާބެހޭ ރަސްމީ ލިޔުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި ހަވާލުކުރެވުނީ 1990 ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވުނު 33 ވަނަ ވޯރލްޑް ސްކައުޓް ކޮންފަރެންސްގައެވެ. ރާއްޖެއަށް ފުރިހަމަ މެމްބަރުކަން ލިބުނު ދުވަހާއި ދިމާކޮށް، ކޮންމެ އަހަރެއްގެވެސް 23 ޖުލައި ރާއްޖޭގައި ފާހަގަކުރެވެމުންދަނީ “މެމްބަރޝިޕް ޑޭ” ގެ ގޮތުގައެވެ.

1956 ވަނަ އަހަރު ރާއްޖޭގައި ވަރަށް އާދައިގެ ގޮތެއްގައި ފެށުނު މިހަރަކާތް ކާމިޔާބު ކަމާއެކު ހިނގަމުން އަންތާ 2006 ވަނަ އަހަރު ވަނީ ރަންޔޫބީލް ފާހަގަކޮށްފައެވެ.

މިކުޑަކުޑަ ރާއްޖޭގައި މިޙަރަކާތް އުފެދި، އަހަރަކަށްފަހު އަހަރެއް ކާމިޔާބުގެ ހަރުފަތްތައް ގިރާކުރަމުން ކުރިއަރަމުންގޮސް، މިއަދު މިކުޑަކުޑަ ރާއްޖެ މިވަނީ ސްކައުޓް ހަރަކާތުގައި، އޭޝިޔާ ޕެސިފިކް ސަރަޙައްދުގައިވެސް ނަގާކިޔާ ގައުމަކަށް ވެފައެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ބޭއްވޭ ހުރިހާ ހަރަކާތެއްގައި، ދުނިޔޭގެ އެންމެބޮޑެތި ގައުމުތަކެކޭ އެއްސަފެއްގައި، ގެންދަނީ ފައިތިލަ ސާބިތުކުރަމުންނެވެ. ދިވެހި ސްކައުޓުން ވަނީ ރަންވަނަތައްވެސް ހޯދާފައެވެ. ދުނިޔޭގެ މައި ސްކައުޓް ޖަމްއިއްޔާއާއި، އޭޝިޔާގެ ޕެސިފިކް ސަރަހައްދުގެ ސްކައުޓް އޮފީސްތަކުގައިވެސް ރާއްޖޭގެ ލީޑަރުން ޚިދުމަތްތައް ކޮށްދެއްވާފައި ވާއިރު، ސަރަހައްދީ ފެންވަރުގެ އެކިއެކި ކޮމިޓީތަކުގައިވެސް ރާއްޖޭގެ ލީޑަރުން މިހާރުވެސް ޚިދުމަތް ކުރަމުން އެބަ ގެންދެއެވެ.

ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ކުޑަކުދީންނާއި ޒުވާނުންގެމެދުގައި ވަރަށް މަގްބޫލު ހަރަކާތެކެވެ. މަދުރަސީ ތައުލީމުގެއިތުރަށް، ކުދީންނަށް ރަނގަޅު ތަރުބިއްޔަތެއްދީ، ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރަމުންދާ، މުހިންމު ތައުލީމީ ހަރަކާތެކެވެ. ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލުކަމުގައި ވީހިނދު، އެފަދަ ޒުވާނުންނަކީ ގައުމަށް ވަފާތެރި، ހަރުދަނާ ބިންގަލެއްގެމަތީގައި ގާއިމްވެތިބޭ ބަޔަކަށް ހެދުމަށްޓަކައި، މިހަރަކާތުގެތެރެއިން ތަފާތު ތަމްރީނުތަކާއި، ޕްރޮގްރާމްތައް ގެންދަނީ ހިންގަމުންނެވެ.

މިފަދަ ތަމްރީނުތަކާއި، ޕްރޮގްރާމްތަކުގެ ސަބަބުން، ޒަމާނާއެކު އަންނަ ނުރަނގަޅު އާދަތަކަށް ކުދީން ލޯހުޅުވި، ހޭލުންތެރި ބަޔަކަށް އެކުދީންދަނީ ވަމުންނެވެ. ކުދީންނަށް އުޅުންތެރިކަމާއި، ރިވެތި ސުލޫކު ދަސްކޮށްދީ އަދި ކަންކަމުގައި ހިތްވަރާއި އިތުބާރާއެކު ކުރިމަތިލާން ދަސްކޮށްދީ، ހުނަރުވެރިކުރުވާ ހަރަކާތަކަށް، މިހަރަކާތްވަނީ ވެފައެވެ. މިކަންކަމީ ތައުލީމުގެ އިތުރަށް، ކުދީންނަށް ކޮންމެހެން ދަސްކޮށްދޭންޖެހޭ ތަރުބިއްޔަތުގެ މުހިންމު ބައެކެވެ.

ސްކައުޓް ހަރަކާތް ރާއްޖޭގައި ހިނގަމުން އަންންތާ 67 އަހަރު މިއަދު ފުރުނުއިރު، މިފަދަ ތަމްރީނާއި ތަރުބިއްޔަތުގެ ނަތީޖާ ކިތަންމެ ރަނގަޅަކަށްވެސް މުޖުތަމައުން ފެންނަމުންދާކަމީ ހަގީގަތެކެވެ. މިހަރަކާތުގައި ދަރިވަރުން ބައިވެރިކުރުމަށް ބެލެނިވެރިން ދެއްވާ ޚާއްސަ ސަމާލުކަމަކީ، މިހަރަކާތުން ދަރިވަރުންނަށް ލިބެމުންދާ ތަރުބިއްޔަތާއި، ދަސްކޮށްދެވޭ ކަންކަމުގެ މުހިންމުކަން ބޮޑުކަމުންކަން ޔަގީނެވެ. ސްކޫލް ދައުރު ނިމުމަށްފަހު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ނުކުތުމުން، މިހަރަކާތުން ދަސްކޮށްދެވޭ ކަންކަމުގެ ބޭނުން ހިފެވޭލެއް ބޮޑުކަމުންކަން ޔަގީނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ