ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.
އެޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅިކަން ހާމަކުރީ މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ތަރުޖަމާނު އަދި ވަގުތީ ޗެއަރޕަރސަންގެ ނައިބު އަފްޝަން ލަތީފެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަގުތީ ޗެެއާޕާސަންކަމުގެ މަގާމަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.
ހަމައެއާއެކު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް އިންތިޚާބު ކޮށްފައިވެއެވެ.