ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި އެކަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު 1:30 އެހާކަންހާއިރު ބަންޑުން ޖަހާލާފައިވަނީ ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ “ލިއޯ ސަކްސަސް” ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ކަމަށެވެ.
ގދ. ފަރެސްމާތޮޑާއިން ފުރައިގެން 14 ނޯޓިކަލްމޭލު ބޭރުން ދަތުރުކުރަމުންދިޔަ އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ކަނޑުވި ތިން މީހުން ގދ. ވާދޫ ސީ ވީޑް ދޯނި ހަރަކާތްތެރިވެ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ގެއްލިފައިވާ މީހާއާ ގުޅޭ މައުލޫމާތެއް އަދި ނުލިބެ އެވެ.


