ރައީސްގެ ވައުދު ހަނިމާދޫއަށް: ހުރިހާ މަގެއް ހަދައި، ފުޓުބޯޅަ ދަނޑު ޒަމާނީކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް

ހަނިމާދޫ ފަހުގެ ސިޔާސީ

ކުރިޔަށް އޮތް ދައުރުގައި ހދ.ހަނިމާދޫގެ ހުރިހާ މަގެއް ހަދައި، ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދެއްވާނެ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ހަނިމާދޫގައި ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައިވެސް ބޮޑުތިލަދުން މައްޗަށް ބޮޑު ބަދަލެއް ގެންނާނީ މި ސަރުން ކަމަށާއި، މިގޮތުން ހަނިމާދޫގައި މިހާރު ނުހެދި ހުރި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި، ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގައި އަންނަ ދައުރުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ބެޑްމިންޓަން، ވޮލީ އަދި ނެޓްބޯލް ކުޅެވޭނެ ކަމަށާއި، އަދި އެތަން ތަރައްގީކުރާނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް ކަމަވެސް ރައިސް ވިދާޅުވިއެވެ.

މީގެއިތުރުން ހަނިމާދޫގެ ފުޓުބޯޅަ ދަނޑުގައި މި ދައުރު ޓާފް އަޅާފައިވާއިރު، ޒުވާނުންގެ އެދޭ ގޮތަށް ކުރިޔަށް އޮތް ދައުރުގައި ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށާއި މިގޮތުން ރޮސްޓްރޮމް އާއި ސިޑިބަރި އަދި ޗޭންޗިން ރޫމް ތަރައްގީކޮށް ޒަމާނީ ފުޓުބޯޅަ ދަނޑަކަށް އެތައް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.

ހަނިމާދޫއަކީ ޒަމާނުއްސުރެ ބޮޑުތިލަދުންމަތީގެ އެއް މަރުކަޒުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ އެ އެއާޕޯޓް އެޅުމަށްފަހު އަޅާނުލައި ބާކީވެފައި އޮތް އެއާޕޯޓެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި 1.5 މިލިއަން ފަތުރުވެރިންނަށް އަހަރަކު ހިދުމަތްދެވޭވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ