ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް – ރައީސް ސޯލިހު

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ހެނދުނު ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އިންތިހާބުގެ ނަތީޖާ އެންމެ ބޮޑަށް ބުރަވާނީ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވަން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ފަހަރު ވެސް އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވޯޓުލާ މީހުންގެ އަދަދު ދަށަށް ދިއުން. އެކަމަކު އިރާދަކުރެއްވިއްޔާ މިފަހަރު އެބަދަލުވަމުން ދާ ތަން ފެނޭ،ރައީސް ވިދާޅުވިއެވެ.

ރައީސް އަންދާޒާކުރެއްވި ގޮތުގައި، މިފަހަރު 86 ޕަސެންޓް މީހުން ވޯޓު ލާން ނުކުންނާނެއެވެ. އެ އަދަދަށް މީހުން ނުކުމެއްޖެ ނަމަ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި 88 ޕަސެންޓް މީހުން ވޯޓު ލާން ނުކުމެއްޖެ ނަމަ، މާ ބޮޑު ނަތީޖާއަކުން މޮޅުވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ކުރި ނުހޯއްދެވުނީ ކެމްޕެއިންގައި ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެއެވެ. އެހެންވެ، ނޫސްވެރިންވަނީ މި ބުރުގައި އެ ގޯސްތައް ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރެއްވިތޯ ސުވާލުކޮށްފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދެވަނަ ބުރުގެ ކެމްޕެއިނަށް ލިބުނު ވިއްސަކަށް ދުވަހުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ވެސް ކެމްޕެއިންގެ އިންތިޒާމުތައް ރާވާލައި ތަރުތީބުކުރުމަށް ކަމަށެވެ.

ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން ވަރަށް މަދެވެ. އެއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު އެންމެ މަދުވި ފަހަރުވެސްމެއެވެ. އެ ބުރުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 80 ޕަސެންޓް މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ