ޓްރާންސިޝަނަލް ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް އައްޔަންކޮށްފި

ޚަބަރު ފަހުގެ

ކުރިއަށް އޮތް ފަސް އަހަރުގެ އާ ރައީސަކަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އިން މިއަދު އައްުޔަންކޮށްފިއެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި އަބްދުއްރަހީމް އެ މަގާމަށް އައްޔަން ކުރުމަށް ސީއެސްސީގެ އިދާރާގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ އޮފް ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހެނީ އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިއެސްސީ އިންނެވެ.

އަބްދުއްރަހީމަކީ ޕީޕީއެމް/ޕީއެންސީ ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލްއަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެކިއެކި ފަންނީ މާހިރުންނާއި އެ މީހުންގެ މުސާރަ އާއިއިނާޔަތްތައް ވެސް ހަމަޖައްސަން ގާނޫނުން ލާޒިމްކުރެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި މިހާރު ވަނީ އިންތިހާބީ ރައީސްގެ އޮފީހެއް ހުޅުވައިފައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވާފައެވެ. އެ ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރު ކަމަށް އެ އޮފީހުން ބުންޏެވެ. ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޓްރާންސިޝަނަލް ކޮމިޓީގެ މަސައްކަތަށް ވަގުދު ދެއްވުމަށް މުއިއްޒު ވަނީ މާލޭގެ މޭޔަރުގެ ޒިންމާތަކުން ވެސް އިއްޔެ އެއްފަރާތްވެވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ