އެމަނިކުފާނުގެ ވެރިކަމެއްގައި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.
އެ ހައްގު ކަށަވަރު ކޮށްދެވޭނީ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެންނެވެ.
“އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާނަން،” ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތައް ގިނަކަން ފާހަގަކުރައްވައި، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ޑރ. މުއިއްޒު ވަނީ ލ. ގަމުގައި ނެޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
ކެމްޕެއިންގައި ގަމަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ކޮންމެހެން ރާއްޖޭގައި ހުންނަން ޖެހޭނެ ތަނެއް ކަމަށެވެ. އަދި އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.