ހދ. ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.
އޮކްޓޯބަރ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 67 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 28 އަހަރުގެ މީހާއަށް 15 ދުވަސް އަދި 36 އަހަރުގެ މީހާގެ ބަންދަން 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.